Advertisement

ފުލުހަށް ވެރިއަކު ކަނޑައެޅުމުގައި އިމްރާންގެ އިލްތިމާސެއް މުއިއްޒު އަށް

3 އޮކްޓޯބަރު 2023 - 17:53 17

ހޯމް މިނިސްޓަރު އިމްރާން ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ރާއްޖޭގައި ފުލުސް އޮފީސް ހިންގަނީ ހޯމް މިނިސްޓްރީގެ ދަށުން.


ފުލުހަށް ވެރިއަކު ކަނޑައެޅުމުގައި އިމްރާންގެ އިލްތިމާސެއް މުއިއްޒު އަށް

3 އޮކްޓޯބަރު 2023 - 17:53 17

ފުލުސް އޮފީހުގެ މަސްލަހަތު ގެއްލި، ގައުމުގެ އަމާންކަން ކަށަވަރުނުކޮށްދެވޭ ވަރުގެ ޕޮލިސް ކޮމިޝަނަރެއް އެ މަގާމަށް ނުލެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް، މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިލްތިމާސްކުރައްވައިފަ އެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ރައީސް މުއައްސަސާތަކަށް ވެރިން އައްޔަންކުރެއްވުމަކީ، އޭނާ އަށް ބެހޭ ކަމެއް ނޫން ކަމަށާއި، "އެމީހެއްގެ ރޮނޑު ހަން ދަމާނެ ގޮތް އެނގޭނީ އެމީހަކަށް" ކަމަށެވެ. ނަމަވެސް މިއީ އޭނާގެ ވެސް ގައުމަށް ވީތީ ހިތަށް އުނދަގޫ ވަރުން މި އިލްތިމާސްކުރެއްވީ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ދިވެހި ފުލުހުންގެ ސަފުތައް ރޫޅި، މުއައްސަސާގެ މަސްލަހަތު ގެއްލި، ގައުމާއި ރައްޔިތުންގެ އަމާންކަން ކަށަވަރު ނުކޮށްދެވޭ ވަރުގެ ފަރާތެއް ކޮމިޝަނާ އޮފް ޕޮލިސް އަކަށް ނުލެއްވުމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު އަށް އިލްތިމާސް ކުރަމެވެ،" މުއިއްޒު ޓެގްކުރައްވައި ކުރެއްވި ޓްވީޓުގައި އިމްރާން ވިދާޅުވި އެވެ.

ރިޔާސީ ކެމްޕެއިނުގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވި އިމްރާން ހިމެނިވަޑައިގަންނަވާހެން، އެމްޑީޕީ/ އަދާލަތު ކޯލިޝަނުން ވަނީ މުއިއްޒު ހޮވިއްޖެ ނަމަ ރާއްޖޭގައި ގޭންގުތަކުގެ ބާރުގަދަވާނެ ކަމަށް ބުނެ ތުހުމަތުތަކެއްކޮށްފަ އެވެ. ރައީސް ސޯލިހުގެ ކެމްޕެއިން އޮފީސް ދޮށަށް ގޭންގަކުން ގޮސް ބިރު ދައްކައި އިންޒާރު ދިނުމާ ޕީޕީއެމްއާ ގުޅުން އޮތް ކަމެއް ކަމަށް ދޭހަވާ ޓްވީޓްތަކެއް އިމްރާން ރީޓްވީޓްކުރެއްވާފައިވެ އެވެ.

މީގެ އިތުރުން މުހިއްޒު ހޮވިއްޖެ ނަމަ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ޑްރަގުގެ ގޭންގުތައް ހަރަކާތްތެރިވާނެ ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އަދި މިފަހަރު އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓު، އަހުމަދު ސަލީމް (މާޒް ސަލީމް) ދެއްކެވި ވާހަކަތަކަށް އިމްރާން ތާއީދުކުރައްވާފައިވެ އެވެ.

ނަމަވެސް މުއިއްޒުގެ ކެމްޕެއިން ޓީމުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އިމްރާން ވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީގައި ކުރިން ހަރަކާތްތެރިވެވަޑައިގެންނެވި މުއިއްޒު އަށް ކެމްޕެއިނުގެ ތެރޭގައި އެ ނޫން ވާހަކަތަކުން ވެސްވަރަށް ބޮޑަށް ބަހުގެ ހަމަލާ ދެއްވައިފަ އެވެ. ނަމަވެސް މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު އިމްރާން ވަނީ އޭނާ އަށް ފޯނުން ގުޅުއްވައި މަރުހަބާ ދަންނަވައިފަ އެވެ. އަދި މި ހަލަބޮލި ދުވަސްވަރު ވެރިކަންކުރުމަކީ ފަސޭހަކަމެއްކަމަށް ނުފެންނާތީ ހެޔޮގޮތުގައި ސާބިތުވެ ހުންނެވުމަށް މުއިއްޒު އަށް ނަސޭހަތްތެރިވި ކަމަށް އިމްރާން ވިދާޅުވި އެވެ.