Advertisement

އޭޝިއަން ގޭމްސްގެ އަންހެން ސިންގަލްސް ގަދަ 16 އިން ނަބާހާ ޖާގަ ހޯދައިފި

3 އޮކްޓޯބަރު 2023 - 16:09 3

އޭޝިއަން ގޭމްސްގައި ފާތިމަތު ނަބާހާ ވާދަކުރަނީ - ފޮޓޯ: އިސްމާއިލް ތޯރިގު/އެމްއޯސީ


އޭޝިއަން ގޭމްސްގެ އަންހެން ސިންގަލްސް ގަދަ 16 އިން ނަބާހާ ޖާގަ ހޯދައިފި

3 އޮކްޓޯބަރު 2023 - 16:09 3

ޗައިނާގެ ހަންގްޒޫގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގެ އަންހެން ސިންގަލްސް ގަދަ 16 އިން ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) ޖާގަ ހޯދައިފިއެވެ.

މިދިޔަ މަހުގެ 25 ގައި ފެށި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ ބެޑްމިންޓަން ޓީމް އިވެންޓުގެ މެޗުތައް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އިންޑިވިޖުއަލް އިވެންޓުތަކުގެ މެޗުތަކެވެ. އިންޑިވިޖުއަލް އިވެންޓުތަކުގައި ރާއްޖެއިން ވާދަކުރި ކުޅުންތެރިންގެ ތެރެއިން އަނެއް ބުރުން ޖާގަ ހޯދި ހަމައެކަނި ކުޅުންތެރިއަކީ ނަބާ އެވެ. އެހެން ހުރިހާ ކުޅުންތެރިން ވަނީ ފުރަތަމަ ބުރުން ކަޓާފަ އެވެ.

އަންހެން ސިންގަލްސްގެ ގަދަ 32ގެ ބުރުގައި މިއަދު ނަބާ މޮޅުވީ އިރާންގެ ޔެގާނޭ ކަރްމާނީ އަތުން 2-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 20-22 އިން ކާމިޔާބުކުރީ ޔެގާނޭ އެވެ. މި ސެޓު ފަށައިގެން އެއްކޮށް ކަހަލަ ގޮތަކަށް ލީޑުކުރީވެސް އިރާން ކުޅުންތެރިޔާ އެވެ. ނަމަވެސް ފަހު ވަގުތު ނަބާ ދެއްކި ހިތްވަރުން ސެޓު 20-20 އިން އެއްވަރުވިނަމަވެސް ޖެހިގެން އައި ދެ ޕޮއިންޓް ހޯދައި ޔެގާނޭ ސެޓު ކާމިޔާބުކުރި އެވެ.

ނަބާ މެޗުން މޮޅުވީ ފަހު ދެ ސެޓު ކާމިޔާބުކޮށްގެންނެވެ. މިގޮތުން 21-13 އަދި 21-17 އިން ފަހު ދެ ސެޓު ނަބާ ހޯދީ މޮޅަށް ކުޅެ، ދެ ސެޓުވެސް ޑޮމިނޭޓްކޮށްގެންގެންނެވެ.

އަންހެން ސިންގަލްސްގައި ދެން ވާދަކުރި ރާއްޖޭގެ އާމިނަތު ނަބީހާ ބަލިިވީ ކޮރެއާގެ ކިމް ގައެއުން އަތުން ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ނިމުނީ 1-21 އަދި 2-21 އިންނެވެ.

އޭޝިއަން ގޭމްސްގައި ފިރިހެން ސިންގަލްސް އިވެންޓުގައި ނިބާލް އަހުމަދު ވާދަކުރަނީ - ފޮޓޯ: އިސްމާއިލް ތޯރިގު/އެމްއޯސީ


ފިރިހެން ސިންގަލްސްގައި ގައުމީ ޗެމްޕިއަން ހުސެއިން ޒަޔާން ޝަހީދު ޒަކީ ބަލިވީ ތައިލެންޑުގެ ކަޓަޕޮން ވަންގްޗަރެއޮން އަތުން ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-3 އަދި 21-5 އިންނެވެ.

ރާއްޖޭގެ އަޙްމަދު ނިބާލު ވެސް ބަލިވީ ދެ ސެޓުންނެވެ. ސިންގަޕޫރުގެ ޖޭސަން ޓޭ އަތުން ނިބާލް ބަލިވީ 21-8 އަދި 21-12 އިންނެވެ.

ޑަބަލްސް އިވެންޓަށް ބަލާއިރު، އަންހެން ޑަބަލްސްގެ ދެ ވަނަ ބުރުގައި ނަބީ އާއި ނަބާ ޕެއާ ބަލިވީ އިންޑިއާގެ އިންޑިއާގެ ޓްރީސާ ޖޮލީ އާއި ގައިތްރީ ގޯޕީޗަންދު އަތުން 21-14 އަދި 21-12 އިންނެވެ.

ގައުމީ ބެޑްމިންޓަން ޓީމުގެ މައިސާ ފަތުހުﷲ އިސްމާޢީލާއި އައިޝަތު އަފްނާން ރަޝީދުގެވެސް ބަލިވީ އިންޑިއާގެ ޕެއާ އެއް އަތުންނެވެ. މެޗުގެ ފުރަތަމަ ސެޓު އިންޑިއާގެ ތަނީޝާ ކްރަސްޓޯ އާއި އަޝްވިނީ ޕޮންނައްޕާ 21-2 އިން ހޯދާފައިވަނިކޮށް ދެ ވަނަ ސެޓުގައި މައިސާއަށް ލިބުނު އަނިޔާ އަކާ ގުޅިގެން ރާއްޖޭގެ ޕެއާ އިން ވަނީ މި މެޗު ދޫކޮށްލާފަ އެވެ.