Advertisement

ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުގެ ކުރިން ގާނޫނުއަސާސީއަށް ގެންނަ ބަދަލުތައް ފާސްކުރަންޖެހޭ: އަސްލަމް

3 އޮކްޓޯބަރު 2023 - 11:03 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުގެ ކުރިން ގާނޫނުއަސާސީއަށް ގެންނަ ބަދަލުތައް ފާސްކުރަންޖެހޭ: އަސްލަމް

3 އޮކްޓޯބަރު 2023 - 11:03 0

ވެރިކަން ކުރުމުގެ ނިޒާމު ބަަދަލުކުރަން ރުހޭތޯ ބަލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނީ އެ އެކަމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުުކުރުމަށްޓަކައި ފެންނަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަަގަން ގޮވާލައި މަަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި އެ ގަރާރާ އެއްގޮތަށް ވޯޓު ނެގުމަށް ޓަކައި މަޖިލީހުން ކުރަން އެދޭ ކަންތައްތައް ބަޔާންކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފޮނުވި ސިޓީ މަޖިލީހުގެ ތަޅުމުގައި އިއްވީ މިއަދުގެ ޖަލްސާ ގަ އެވެ.

އީސީގެ ސިޓީއާ ބެހޭ ގޮތުން މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ ބަހުސްގައި އަސްލަމް ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލެއް ގެނައުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ގާނޫނުއަސާސީ ލާޒިމުކުރާ ކަމެއް ނޫން ކަމަށެވެ.

"ވެރިކަމުގެ ނިޒާމު ބަދަލުމިކުރެވެނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން. ގާނޫނުއަސާސީ އިސްލާހުކުރުމަކަށް، [އޭގެ] ކުރީގައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުން އެެއީ ލާޒިމުކަމެއް ނޫން. އެހެން ނަމަވެސް ރައްޔިތުންގެ ހާއްސަ މަޖިލީހުން މި ގާނޫނުއަސާސީ އިސްލާހުކުރަމުން އައިއިރު ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފައި ވާތީ، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން، އެއީ ޕްރެސެޑެންޓެއްގެ ގޮތުގައި ބައްލަވަނީ ކަމަށް ވެދާނެ،" އަސްލަމް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެކަން އެގޮތަށް ކުރަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހަވާލާދެއްވައި އަސްލަމް ވިދާޅުވި ގޮތުގައި އެ މާއްދާގަައި ބަޔާންކުރާ ކަންތައްތަކަށް ބަދަލެއް އަންނަަ ނަމަ ރައްޔިތުންގެ ރުހުން ހޯދަން ޖެހޭނެ އެވެ.

އެ މާއްދާގައިވާ ގޮތުން ރުހުން ހޯދަން ޖެހެނީ އެ ބަދަލުތައް ފާސްކޮށް، ތަސްދީގުކުރުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވުމުން އެމަނިކުފާނު ކުރައްވާ ކަމެއްގެ ގޮތުގަ އެވެ.

"އަވަސް އަރުވާލައިގެން ނިޒާމު ބަދަލުކުރާކަށް ނުފެނޭ"

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރަން ނުފެންނަ ކަމަށް ވިދާޅުވެ، އަސްލަމް މިއަދު ހުށަހެޅުއްވީ މަޖިލީހުގެ ދާއިމީ ކޮމިޓީއަކަށް އެ މައްސަލަ ގެންގޮސް، ކަމާ ބެހޭ އެންމެހާ ފަރާތްތަކުގެ ލަފާ ހޯދައިގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

މަޖިލީހުގައި މެޖޯރިޓީ އޮތަތީ އެކަން އެތަނުން ފާސްކޮށްގެން އަވަސް އަވަހަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން އުޅުމަކީ އޭނާ ސިފަކުރެއްވި ގޮތުގައި މެޖޯރިޓީގެ ނަހަމަ ބޭނުން ހިފުމެވެ.

"އަވަސް އަރުވާލައިގެން، އަދި އަޅުގަނޑުމެންގެ މެޖޯރިޓީއެއް މަޖިލީހުގައި އޮތަތީވެ، އޭގެ ނުހަމަ ބޭނުން ހިފައި ވަކިން ހާއްސަކޮށް ވެރިކަމުގެ ނިޒާމު ފަދަ ކަންކަން ބަދަލުކުރެވިގެން ދިއުމަކީ އެއީ މުޅި ގައުމަށް ހުރި ރަނގަޅު ގޮތެއް ކަމުގައި އަޅުގަނޑަށް ގަބޫލުނުކުރެވޭތީ އެވާހަކަ ވެސް ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނިޒާމު ބަދަލުކުރުމާ މެދު އެމްޑީޕީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މަޖިލީހުގެ ގިނަ މެމްބަރުންނަކީ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ވާތީވެ، ޕާޓީތަކުގެ ހިޔާލު އެކަމުގައި އޮތް ގޮތެއް ބަލަން އޭނާ އެދިވަޑައިގެންނެވި އެވެ.