2 އޮކްޓޯބަރު 2023 - 21:41 5
ރައީސް ސޯލިހު ބައެއް މީޑިއާތަކާއެކު ރައީސް އޮފީހުގައި: އީޔޫއިން ބުނީ ރައީސް ސޯލިހާ ދެކޮޅަށް ނޫހަކުން ރޭވިގެން ދޮގު ފެތުރުމުގެ ކެމްޕެއިނެއް ހިންގި ކަމަށް -- ފޮޓޯ: ރައީސް އޮފީސް
2 އޮކްޓޯބަރު 2023 - 21:41 5
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދޮގު ފަތުރައި، ރާއްޖޭގައި ހިންގާ ނޫހަކުން ދޮގު މައުލޫމާތު ފެތުރުމުގެ ކެމްޕެއިނެއް ވެސް ހިންގި ކަމަށް ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަންސް އޮބްޒަވޭޝަން މިޝަންގެ ފަރާތުން މިއަދު ބުނެފި އެވެ.
އިންތިހާބު މޮނީޓާ ކުރުމަށް އީޔޫގެ ފަރާތުން ރާއްޖެ އައި ވަފުދުން މިއަދު ނެރުނު އިބްތިދާއީ ބަޔާނުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ސޯޝަލް މީޑިއާ އިންފްލުއެންޒާސް ހަގީގަތާ ހިލާފު ވާހަކަތައް ވަރަށް ބޮޑަށް ފަތުރަމުންދިޔަ ކަމަށެވެ.
"ކެމްޕެއިނުގެ ތެރޭގައި ވޯޓުލާ މީހުންގެ ތާއީދު ހޯދުމަށް އޮންލައިންކޮށް ދެއްކި ވާހަކަތައް ވަރަށް ބޮޑަށް ދެބަޔަކަށް ބެހިފައިވާކަން ފާހަގަ ކުރެވުނުއިރު، ކެންޑިޑޭޓުންގެ ސިޔާސަތުތަކާ މެދުގައި ހަގީގަތާ ހިލާފު މައުލޫމާތާއި ހިޔާލުތައް ފެތުރެމުންދިޔަ،" އެ ބަޔާނުގައިވެ އެވެ.
ޓުވިޓާ އަދި ފޭސްބުކްގައި ހިންގި ކިތަންމެ އެކައުންޓަކުން ދޮގު މައުލޫމާތު ފެތުރުމުގައި ބައިވެރިވި ކަމަށް އީޔޫއިން ބުންޏެވެ. އަދި "ދިޔަރެސް" ނޫހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް "ރޭވިގެން ދޮގު މައުލޫމާތުގެ ކެމްޕެއިނެއް" ހިންގި ކަމަށް ވެސް އީޔޫއިން ބުންޏެވެ.
އެކްސް/ޓުވިޓާ އަދި މެޓާގައި އެކައުންޓު ގެންގުޅޭ ކިތަންމެ ސޯޝަލް މީޑިއާ އިންފްލުއެންސަރުން ދޮގު މައުލޫމާތު ފަތުރައި، ޒާތީ ގޮތުން ބަހުގެ ހަމަލާދީ، ދެ ކެންޑިޑޭޓުންނާއި ދެކޮޅަށް ވެސް ހަގީގަތް ހޯދާފައިނުވާ ތުހުމަތުތައް ފަތުރާފައިވޭ،" އެ ބަޔާނުގައިވެ އެވެ. "އޮންލައިންކޮށް ހިންގާ ނޫހެއް ކަމުގައިވާ ދިޔަރެސް އިން މިހާރު ހުންނެވި ރައީސްއާ ދެކޮޅަށް ރޭވިގެން ދޮގު މައުލޫމާތުގެ ކެމްޕެއިނެއް ހިންގާފައިވާކަން ފާހަގަ ކުރެވުނު."
އޭގެ އިތުރުން، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅޭ ގޮތުން ވެސް ހަގީގަތާ ހިލާފު އެތައް ވާހަކައެއް ފަތުރަމުންދިޔަ ކަމަށް އީޔޫއިން ފާހަގަ ކުރި އެވެ.
"ސިޔާސީ ޕާޓީތަކާ ގުޅިފައިވާ އިންފްލުއެންސަރުން ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ފަތުރައި، ދެ ވަނަ ބުރުގެ ވޯޓަކީ ރާއްޖޭގެ އިސްތިގުލާލާ މެދު ނެގޭ ވޯޓެއް ކަމަށް ސިފަ ކުރި،" އެ ބަޔާނުގައިވެ އެވެ.
Comment