Advertisement

ރެއާލްގެ ރައީސްގެ މަގާމަށް ނަޑާލްގެ ޝައުގުވެރިވެރިކަން އެބަހުރި

2 އޮކްޓޯބަރު 2023 - 09:38 0


ރެއާލްގެ ރައީސްގެ މަގާމަށް ނަޑާލްގެ ޝައުގުވެރިވެރިކަން އެބަހުރި

2 އޮކްޓޯބަރު 2023 - 09:38 0

މެޑްރިޑް (އޮކްޓޯބަރު 2) - ރެއާލް މެޑްރިޑްގެ ރައީސްގެ މަގާމަށް އައުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ސްޕެއިންގެ މަޝްހޫރު ޓެނިސް ތަރި، ރަފައެލް ނަޑާލް ބުނެފި އެވެ.

ދުނިޔޭގެ އެންމެ ކާމިޔާބު ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ނަޑާލް އަކީ އެންމެ ކުރީސުރެ ރެއާލް މެޑްރިޑްގެ ސަޕޯޓަރެކެވެ. އެކުލަބުގެ މެޗުތައް ބެލުމަށް ސްޓޭޑިއަމަށް ދިޔުމާއި ކުލަބުގެ ކުޅުންތެރިންނާއި މެނޭޖުމަންޓުގެ އިސް ބޭފުޅުންނާއި ނަޑާލްއާ ގާތް ގުޅުމެއް އޮވެ އެވެ. އަނެއްކޮޅުން އޭނާއަކީ 2011 ވަނަ އަހަރުން ފެށިގެ އެކުލަބުގެ އޮނަރަރީ މެމްބަރެކެވެ.

މެޑްރިޑްގެ ރައީސްކަމަށް އައުމަށް ޝައުގުވެރިކަންހުރިތޯ ނޫސްވެރިން ސުވާލުކުރުމުން ނަޑާލް ބުނީ ޓެނިސް ކުޅުން ހުއްޓާލުމަށްފަހު އޭނާގެ ޝައުގުވެރިކަން އެ ކަމަށް އެބަހުރިކަމަށެވެ. އަދި ރެއާލް ކަހަލަ އޭނާއާ ގާތް ކުލަބެއްގެ އިސް މަގާމެއް ފުރުމަކީ ބޭނުންވާ ކަމެއްކަމަށްވެސް ނަޑާލް ބުނެފައިވެ އެވެ.

ނަޑާލް ބުނީ އެ މަގާމަށް އައުމަށް އަދި އޭނާގެ ޝަރުތުތައް އަދި ހަމަނުވާކަމަށާއި، ޝަރުތު ހަމަވާ ދުވަހަކު ސަޕޯޓަރުން އެދިއްޖެނަމަ އެކަމަށް ކުރިމަތިލާނެ ކަމަށެވެ.

ރެއާލްގެ ރައީސްގެ މަގާމަށް ކުރިމަތިލެވޭ އެންމެ މުހިންމު ޝަރުތުތަކެއްގެ ގޮތުގައި ހިމެނެނީ ކުލަބުގެ މެންބަރެއްގެ ގޮތުގައި 20 އަހަރު ހޭދަކުރުމާއި، ސްޕެއިންގެ ރައްޔިތަކަށްވުމުގެ އިތުރުން ކުލަބުގެ އަހަރީ ބަޖެޓުގެ 15 އިންސައްތަ އެ މީހެއްގެ އަމިއްލަ ޖީބުން ހަރަދުކުރުމުގެ ގާބިލްކަން ހުރުމެވެ.

ނަޑާލް ވަނީ މި ވަގުތު އެކުލަބުގެ ރައީސްއަކަށްހުރި ޕެރޭޒް އަށް ތައުރީފްކޮށްފަ އެވެ. އެ ގޮތުން ޕެރޭޒްގެ ތަސައްވުރަކީ ރެއާލްގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސަބަބުގެ ގޮތުގައި ނަޑާލް ސިފަކުރި އެވެ.

ރެއާލްގެ މިހާރުގެ ރައީސް ޕެރޭޒް، 79 އަންނަނީ 2009ގެ ފަހުން މެދުކެނޑުމެއް ނެތި އެ ކުލަބުގެ ރައީސްގެ މަގާމު ފުރުއްވަމުންނެެވެ. އޭގެ ކުރިން 2000 ވަނަ އަހަރުން ފެށިގެން 2006 އާ ހަމައަށް ވެސް އެ ކުލަބުގެ ރައީސަކަށް ހުންނެވީ ޕެރޭޒް އެވެ.

މި ސީޒަންގައި ރެއާލުން ދައްކަމުން އަންނަ ކުޅުމާ ގުޅޭގޮތުން ނަޑާލް ބުނީ ސީޒަންގެ ފެށުން ރަނގަޅުކަމަށާއި، އަލަށް ޓީމާ ގުޅުނު ބެލިންހަމްގެ ކުޅުން ވެސް އޭނާ ފާހަގަކުރާ ކަމަށެވެ. ކުލަބުގެ މުހިންމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމުން އަދި މި ސީޒަންގައި ކުލަބަށް އެންމެ އެކަށީގެންވާ ކުޅުން ދެއްކުމުގައި އުނދަގޫތަކެއް ހުންނާނެކަމަށް ނަޑާލްގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.

ރެއާލްގެ ކުރިމަގާ ގުޅޭގޮތުން ނަޑާލް ބުނީ ކުރިއަށް އޮތް ތަނުގައި ކީލިއަން އެމްބާޕޭ ރެއާލް އަށް ކުޅުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.