1 އޮކްޓޯބަރު 2023 - 20:40 2
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ. ފޮޓޯ: މަޖިލީހުގެ އިދާރާ
1 އޮކްޓޯބަރު 2023 - 20:40 2
ގާނޫނުއަސާސީގެ ބައެއް މާއްދާތައް އިސްލާހުކުރާ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އޮންނަ އޮތުމަށް އިސްތިސްނާއެއް ލާން މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފި އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ދަ ޑިމޮކްރެޓްސް އިން ކުރާ މަސައްކަތުގައި އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.
ގާނޫނު އަސާސީގެ 262 ގައި ވާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ގެންނަ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރެއްވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކޮށްގެންނެވެ.
އިމްތިޔާޒް ހުށަހެޅުއްވި ބިލުގައި އޮތީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާއްމު ބާރުތަކުގެ ތެރެއިން ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައިވާ ކަމަކާ ގުޅިގެން ގެންނަ ބަދަލާ މެދު އާންމުންގެ ހިޔާލު އިތުރަށް ހޯދަންނުޖެހޭ ގޮތަށް ހެދުމަށެވެ.
ގާނޫނު އަސާސީގެ 262 ވަނަ މާއްދާ އެގޮތަށް ބަދަލުކުރުމުގެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު އެ ހިޔާލު ފާޅުކުރެއްވީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ކުރާ މަސައްކަތުގައި އޮންނަން ފެންނަ ނިޒާމެއް ކަަނޑައަޅަން، އާންމު ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިިލީހަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރި ބައްދަލުވުމުގަ އެވެ.
މުޅި މަޖިލީހުގެ ކޮމިޓީގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ މިހާރު އޮތް ގަރާރާ އެއްގޮތަށް ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް، ބަރުލަމާނީއަށް ބަދަލުކުރުމަށް ޓަކައި ގާނޫނު އަސާސީއަށް ގެންނަ ބަދަލުތައް އަލުން ފެންނަ ވޯޓަކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެއީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި އެގޮތަށް އެކަން ކުރަން ލާޒިމުކޮށްފައި އޮންނާތީ އެވެ.
ނަޝީދު ވިދާޅުވީ ބަރުލަމާނީއަށް ބަދަލުކުރުމަށް ޓަކައި ބަދަލުކުރާ މާއްދާތައް އެކަމުން އިސްތިސްނާވާ ގޮތަށް 262 ވަނަ މާއްދާ ބަދަލުކުރެވިދާނެ ކަމަަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment