Advertisement

ނިޒާމީ ވޯޓުގެ ސްޓޭންޑު ކަނޑައަޅަން އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވަނީ

1 އޮކްޓޯބަރު 2023 - 16:19 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސް ތެރެއިން؛ ގައުމީ މަޖިލީހުގެ މެންބަރުން ވަރަށް އަވަހަށް ބައްދަލު ކުރާނެ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ނިޒާމީ ވޯޓުގެ ސްޓޭންޑު ކަނޑައަޅަން އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވަނީ

1 އޮކްޓޯބަރު 2023 - 16:19 2

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީގެ ސްޓޭންޑް ކަނޑައަޅަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް "އަދަދު" ނޫހަށް ވިދާޅުވީ ރިޔާސީ އިންތިހާބަށް ފަހު އެ ޕާޓީގެ އެންމެ އިސް ގުނަން، ގައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް މަސައްކަތް ކުރައްވަނީ އަންނަ އަންގާރަ ދުވަހަށް ކަމަށެވެ.

"ގައުމީ މަޖިލީހުގެ ވަރަށް ގިނަ މެންބަރުން ތިބީ، [ރިޔާސީ ކެމްޕެއިނަށް] އެ މެންބަރުންގެ ދާއިރާ ރަށްތަކުގައި، އެހެންވިޔަސް އަންގާރަ ދުވަހަށް ބޭއްވުމަށް މި ދަނީ މަސައްކަތް ކުރަމުން، އަދި މުޅީން ހަމައެއް ނުޖެހޭ އެ ތާރީހު ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުން ދަނީ، އެމްޑީޕީން ވަކިވެގެން ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފައްދައިގެން މަސައްކަތް ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންނެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވީ އަވަހަށް ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު ކުރިން އެމްޑީޕީ ލީޑުކުރެއްވި ނަޝީދު ވަނީ އަނބުރާ އެ ޕާޓީއަށް ވަޑައިގަންނަވަން ފައްޔާޒަށް މެސެޖެއް ކުރައްވައިފަ އެވެ. ނަޝީދު ވިދާޅުވަނީ ވަޑައިގަންނަވާނީ ގައުމީ މަޖިލީހުގެ 50 ޕަސެންޓް މެންބަރުން އެ ގޮތަށް އެދޭ ނަމަ އެވެ.

ބަރުލާމާނީ ނިޒާމު ގެނައުމަށް މި ފަހުން އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދުގެ ޑިމޮކްރެޓްސްއިން ހުށަހެޅި ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ގަރާރު މަޖިލީހުން ފާސްކުރީ ޑިމޮކްރެޓްސްގެ މަޖިލިސް މެންބަރުންގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުންގެ ވެސް ވޯޓުންނެވެ.

ޑިމޮކްރެޓްސްއަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ސަރުކާރާ ދެކޮޅަށް ޕާޓީގައި ތިބެގެން މަސައްކަތް ކުރަން ފެށުމުން އެމްޑީޕީން ވަކިކުރާނެ ކަން އެނގުމުން، އެމްޑީޕީން ވަކިވެ ނަޝީދުގެ ސަޕޯޓަރުން އުފެއްދި ޕާޓީއެކެވެ.

ފެންނަ ނުފެންނަ ވޯޓުގައި ޑިމޮކްރެޓްސްއަށް އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓު ވެސް މުހިންމުވާނެ ކަމަށް ބެލެވެ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 15،000 އެއްހާ ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ހަތް ޕަސެންޓެވެ.

މީގެ ކުރިން 2007 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދާއި އޭރު އެމަނިކުފާނު ލީޑުކުރައްވަމުން ގެންދެވި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި ނަޝީދުގެ ވެރިކަމުގައި ވެސް ނިޒާމު ބަދަލު ކުރުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައިވެ އެވެ.

ވެރިކަމުގެ ނިޒާމުގެ ބަދަލުތަކުގެ ވާހަކަ 2018 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް އެމްޑީޕީން ހުށަހެޅި އެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކަމުގެ ހިޔާލު ތަފާތުވުން ހުރުމުން ކޯލިޝަންގެ މެނިފެސްޓޯގައި އެ ކަން ހިމަނާފައެއް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، އެމަނިކުފާނާއި އެމްޑީޕީގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ބޭނުންވީ ރިޔާސީ ނިޒާމު މި ގޮތުގައި ބޭއްވުމަށެވެ. ރައީސް ސޯލިހާއި، ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ތެރޭގައި ހިމެނޭ އެއް ކަމަކީ ވެސް ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ.