30 ސެޕްޓެންބަރު 2023 - 09:50 0
މަރިޔަމް އަފާ ނިޒާމް
އެމްއެންޑީއެފްގެ ސިފްކޯ ހިޔާ -- ފޮޓޯ: އެމްއެންޑީއެފް
30 ސެޕްޓެންބަރު 2023 - 09:50 0
ސިފްކޯ ހިޔާ ފްލެޓަށް އިތުރުކުރި 30 ފްލެޓު ދޭން ނިންމާފައިވާ ފަރާތްތަކުގެ ލިސްޓަށް ބަދަލު ގެނެސްފައިވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެމްއެންޑީއެފުން ދޮގުކޮށްފި އެވެ.
ނޫހަކުން ނެރެފައިވާ ހަބަރަކާއި ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ގާތްވެފައި ވަނިކޮށް ސިފްކޯ ހިޔާއަށް އިތުރުކުރި 30 ފްލެޓް ދޭނެ ފަރާތްތަކުގެ ލިސްޓަށް ބަދަލު ގެނެސް، 10 ފަރާތަކަށް ދޭން ނިންމާފައިނވާ ހަބަރަކީ ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ މާކުރިން އެ ފްލެޓްތައް ދޭނެ ފަރާތްތައް ކޮމިޓީއިން ކަނޑައަޅާ ނިންމާފައިވާކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އެ ފަރާތްތަކަށް ލިބިފައިވާ މާކްސްތަކާއެކު މިއަހަރުގެ ޖުލައި 24، ގައި ސިފައިންގެ މަރުކަޒުތަކުގައި އިއުލާނު ކުރެވިފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ސިފްކޯ ހިޔާއަށް އިތުރު ކުރި 30 ފްލެޓް ލިބޭ 23 ފަރާތެއްގެ ނަން އެ އިދާރާއިން ވަނީ އިއުލާނުކޮށްފަ އެވެ.
މީގެ އިތުރުން ގައުމީ ދިފާއީ ބާރުގެ އެކި ކަންކަމާއި ގުޅުވައިގެން، އެ ކަންކަމުގެ ހަގީގަތް އޮޅުވާލައި އެމްއެންޑީއެފްގެ ނަން ކިލަނބުކޮށްލުމަށް ފަތުރަމުންދާ ހަގީގަތާއި ހިލާފު ވާހަކަތައް ހުއްޓާލުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.
ސިފްކޯ ހިޔާ ފްލެޓްތަކުގެ ގުރުނަގައި، ފްލެޓް ލިބޭ ސިފައިންގެ އާއިލާތަކާއި ތަޅު ދަނޑި ހަވާލުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު، ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އެޅުމަށް އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ނިންމާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ 27، 2016 ގައި ވަނީ ނޫމަޑިއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލާފަ އެވެ.
އޭގެ ފަހުން އެ މަސައްކަތް ނިންމަން ދެ ވަނަ ފަހަރަށް ހަވާލުކުރީ އައިލެންޑް އެކްސްޕާޓް ކުންފުންޏާ އެވެ. ނަމަވެސް ކޮވިޑް 19އާއި ގުޅިގެން ކުރިމަތިވި އިގްތިސޯދީ ގެއްލުންތަކާ އެކު އައިލެންޑް އެކްސްޕާޓް ކުންފުނި ބަނގުރޫޓްވެ 2020 ވަނަ އަހަރު އެ ކުންފުނިން ވަނީ މަޝްރޫއު ދޫކޮށްލާފަ އެވެ.
އެ މަސައްކަތް އެންމެފަހުން ހަވާލުކުރީ ޓްވެންޓީ ތާޑް މެޓަލާޖިކަލް ގްރޫޕް އޮފް ޗައިނާއާ އެވެ.
Comment