Advertisement

"ކޯސްޓްގާޑަށް ބަނދަރެެއް ހަދާތީ މޭކަރާނީ ކުށްކުރާ މީހުން"

29 ސެޕްޓެންބަރު 2023 - 09:36 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމްޑީޕީގެ ޖަލްސާގައި ވާހަަކަދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


"ކޯސްޓްގާޑަށް ބަނދަރެެއް ހަދާތީ މޭކަރާނީ ކުށްކުރާ މީހުން"

29 ސެޕްޓެންބަރު 2023 - 09:36 0

ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަ ގޮތުގައި އުތުރުތިލަފަޅުގައި ތަރައްގީކުރަމުން އަންނަނީ ކޯސްޓްގާޑްގެ އުޅަނދުތައް ބަނދަރުކޮށްގެ ތިބޭ ބަނދަރަކާއި އެ އުޅަނދުތައް އެހެލައި މަރާމާތުކުރާނެ ޑޮކްޔާޑެކެވެ. އެހެން ނަމަވެސް އިދިކޮޅު ޕީޕީއެމް/ޕީއެެންސީން ތުހުމަތުކުރާ ގޮތުގައި އެއީ އިންޑިއާގެ އަސްކަރީ ނުފޫޒު ރާއްޖެއަށް އަސްކަރީ ނުފޫޒު ފޯރުވަން ކުރާ މަސައްކަތުގެ ތެރެއިން ހިންގާ އަޑިނޭނގޭ މަޝްރޫ އެކެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މާދަމާ ބާއްވާ އިރު މިބަހުސްގެ އަޑު އިހުނަށް ވުރެ ގަދަވެެއްޖެ އެވެ. ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން އެމްޑީޕީން މާލޭގައި ރޭ ބޭއްވި ޖަލްސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ކޯސްޓްގާޑަށް ބޭނުންވާ ބަނދަރެއް ތަރައްގީކުރަނީ މިހާރަށް ވުރެ ގިނަ އުޅަނދު ފަހަރު ކޯސްޓްގާޑަށް ހޯދައި ބެލެހެއްޓުމުގެ ބޭނުމަށް ކަަމަށެވެ. އެއީ ރާއްޖޭގެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން އަޅުގަނޑުމެންގެ ކޯސްޓްގާޑަކީ މިޒަމާނާ އެކަށީގެންވާ ގޮތަށް، އަދި އަޅުގަނޑުމެންގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓޭ ފެންވަރުގެ ކޯސްޓްގާޑެއް ކަމުގައި ހެދުމަށް. އެކަމަކު މިކަމަށް މޭކަރާނެ މީހުން ތިބޭނެ، މޭކަރާނެ މީހުން ތިބޭނެ. މިސަރަހައްދުގައި، އިންޑިއާކަނޑުގައި ޑްރަގްގެ ވިޔަފާރިކުރާކުރާ މީހުންނާއި ޕައިރޭސީ އަށް [ކަނޑުފޭރުމަށް] ހިތްވަރުދޭ މީހުންނާ ވަގުނޫޓު ގެންގުޅޭ މީހުން ބިރުގަނެޔޭ، ރާއްޖޭގެ ސަލާމަތީ ބާރުތަކުން އަޅުގަނޑުމެންގެ މިސަރަހައްދު ރަނގަޅަށް ބަލަހައްްޓަން ފަށައިފާނެތީ،" ޝާހިދު ވިދާޅުވި އެވެ.

"ޑްރަގްގެ ވިޔަފާރިކުރާ މީހުން ފުރަތަމަ ބުރަށް ފަހު ތިބީ އުފަލުން"

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ


ޝާހިދު އެމޭރުމުން ވާހަކަދައްކަވާފައި ވަނިކޮށް ހޯމް މިނިސްޓަރު އިމްރާނު ވެސް ޕީޕީއެމް/ޕީއެެންސީ އަށް ހަމަ އެފަދަ ތުހުމަތުތަކެއް ކުރެއްވި އެވެ. ފުލުހުންނާ ހަވާލާދެއްވައި އޭނާ ރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކުރި ހޯއްދެވުމުން ކުށްކުރާ ބޮޑެތި ގޭންގްތަކުގެ ލީޑަރުން ތިބީ ހިތްހަމަޖެހިފައި ކަމަށެވެ.

"އެއީ ތިމަންނަމެންގެ ކާގޯ ހިފައިގެން އެތެރެވާ ބޯޓުތައް އެ ރާޑަރުތަކުން ބަލައިގެން ހުއްޓުވައިގެން، ތިމަންނަމެންގެ އަތުން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، 1.3 ބިލިޔަން ރުފިޔާ ތިމަންނަމެނަށް ގެއްލުންކޮށްފިއޭ،" ގޭންގްތަކުގެ އިސްމީހުން ދެއްކި ވާހަކަ ކަމަށް ސިފަކުރައްވަމުން އިމްރާން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓު، އަހުމަދު ސަލީމް (މާޒު ސަލީމް) ވެސް ރޭ ފާޅުކުރެއްވީ ހަމަ އެފަދަ ކަންބޮޑުވުމެކެވެ. ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހޮވިވަޑައިގެންފި ނަމަ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ޑްރަގުގެ ގޭންގުތައް ހަރަކާތްތެރިވާނެ އޭނާ ތުހުމަތުކުރެއްވި އެވެ.

"މުއިއްޒު ހޮވިއްޖެ ނަމަ ވެރިކަމުގެ ނިޒާމުގައި ގޭންގުތައް ހަރަކާތްތެރި ވާނެ"

މާޒު ސަލީމް ވިދާޅުވީ އެމްޑީޕީގެ ޕޯޑިއަމަށް އޭނާ ވަޑައިގަތީ ވަޒީފާއެއް، މަގާމަކަށް އެދިގެން ނޫން ކަމަށާއި އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރަން އެންމެންނަށް މަޖުބޫރުވެފައިވާތީ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ތިބި ސިޔާސީ ހުރިހާ ވެރިން ޖަލަށްލި ކަމަށާއި ޖަލަށް ލާނެ މީހަކު ނެތިން އެއްބަނޑު ބޭބެ، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވެސް ދަންވަރުގައި ހައްޔަރުކޮށްގެން ޖަލަށް ގެންދިޔަ ކަމަށް ސަލީމް ވިދާޅުވި އެވެ.

"ވެރިކަމުގެ ނިޒާމުގެ ތެރެޔަށް ޑްރަގުގެ ގޭންގުތަކެއް ހޯރަ އަޅަމުން އެބަ އާދޭ. ވެރިކަމުގެ ނިޒާމުގެ ތެރެއަށް ޑްރަގުގެ ގޭންގުތައް އައިސް ފައި ހިއްޕާލާތީ އަޅުގަނޑު މިތަނަށް މިއައީ، އެ ވާހަކަ ތިބޭފުޅުންނާ ހިއްސާކުރަން ވެގެން،" އޭނާ ވިދާޅުވި އެވެ.