28 ސެޕްޓެންބަރު 2023 - 15:17 0
މުހައްމަދު ޖަމްޝަތު ވަހީދު
އެއާ ކާގޯ ޝިޕްމެންޓެއްގައި ފޮރުވާފައި ހުއްޓާ ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި--- ފޮޓޯ: ކަސްޓަމްސް
28 ސެޕްޓެންބަރު 2023 - 15:17 0
އެއާ ކާގޯ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ހަތަރު ކިލޯ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.
ކަސްޓަމްސް އިން ބުނީ ދުބާއިން ރާއްޖެއަށް އައި އެއާ ކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން ކަސްޓަމްސްއިން ބަލާ ފާސްކުރިއިރު އެ ޝިޕްމަންޓުގައި ހިމެނޭ ދެ ޕެކޭޖެއްގެ ތެރޭގައި ހުރި މުދަލުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ކުނޑިތަކެއް ފެނިފައިވާ ކަމަށެވެ.
އަދި ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް އެ ތަކެތި ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 4.030 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ބެލެވޭ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ މަތިވާނެ އެވެ.
ކަސްޓަމްސް އިން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
Comment