Advertisement

ތައުލީމީ ހިދުމަތްތަކުގެ އަގު މައްޗަށް، ނަމަވެސް ޖުމްލަ އިންފްލޭޝަން އެއްވަރެއްގައި ހިފެހެއްޓިފައި

28 ސެޕްޓެންބަރު 2023 - 11:45 0

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ދަރިވަރުންތަކެއް: ތައުލީމީ ހިދުމަތްތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް އަގު އުފުލުނީ މަތީ ސާނަވީ ތައުލީމުގެ -- ފޮޓޯ/ހުސެއިން ޝަޔާހު


ތައުލީމީ ހިދުމަތްތަކުގެ އަގު މައްޗަށް، ނަމަވެސް ޖުމްލަ އިންފްލޭޝަން އެއްވަރެއްގައި ހިފެހެއްޓިފައި

28 ސެޕްޓެންބަރު 2023 - 11:45 0

މުދަލާއި ހިދުމަތްތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ބޮޑަށް އަގު އުފުލުނީ ތައުލީމީ ހިދުމަތްތަކުން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން މަހަކު އެއް ފަހަރު އާންމުކުރާ ކޮންސިއުމާ ޕްރައިސް އިންޑެކްސް ނުވަތަ ސީޕީއައި ރިޕޯޓުން ދައްކާ ގޮތުގައި އޮގަސްޓު މަހު އިންފްލޭޝަން ނުވަތަ އަގު އުފުލުނީ 0.20 ޕަސެންޓެވެ. އޭގެ ކުރިން ދެ މަހު އަގު އުފުލުނީ، ޖުލައި މަހު 0.06 ޕަސެންޓު އަދި ޖޫން މަހު 0.10 ޕަސެންޓެވެ.

މިދިޔަ މަހުގެ ތެރޭގައި ގިނަ ބާވަތްތަކުން އަގުތައް އުފުލުނު ނަމަވެސް އަހަރުން އަހަރަށް ހިސާބުކުރާ އިރު، މާނައަކީ މިދިޔަ އަހަރުގެ އޮގަސްޓާއި މި އަހަރުގެ އޮގަސްޓާ އަޅާކިޔާއިރު، އިންފްލޭޝަން ހުރީ 2.38 ޕަސެންޓުގަ އެވެ. މިއީ މި އަހަރުގެ ޖުލައި މަހު އިންފްލޭޝަން ހުރި 2.35 ޕަސެންޓަށް ވުރެ ކުޑަ އަދަދަކެވެ.

ސީޕީއައި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ތައުލީމީ ހިދުމަތްތަކުގެ އަގު ބޮޑުވީ މަތީ ސާނަވީ ތައުލީމުގެ އަގު 6.61 ޕަސެންޓު، ގުރުއާން ކިލާސްތަކުގެ އަގު 3.43 ޕަސެންޓު އަދި ޕްރައިމަރީ ސްކޫލު ފީގެ އަގު 1.59 ޕަސެންޓު އުފުލުމުގެ ސަބަބުންނެވެ.

އޮގަސްޓުގައި އަގު އުފުލުނު ބާވަތްތައް

  • ތަރުކާރީ - 1.55 ޕަސެންޓް
  • ފަރުނީޗަރާއި ގޭތެރެ ޒީނަތްތެރި ކުރާ ސާމާނު - 3.10 ޕަސެންޓް
  • ކާނާގެ އުފެއްދުންތައް - 1.71 ޕަސެންޓް
  • މަސް - 0.33 ޕަސެންޓް