Advertisement

ނޭޕާލް ބަލިކޮށް އަންހެން ބެޑްމިންޓަން ޓީމު އޭޝިއަން ގޭމްސްގެ ކުއާޓާ ފައިނަލަށް

28 ސެޕްޓެންބަރު 2023 - 10:50 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

އޭޝިއަން ގޭމްސްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށްފަހު ގައުމީ ޓީމްގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އިސްމާއިލް ތޯރިގު/އެމްއޯސީ


ނޭޕާލް ބަލިކޮށް އަންހެން ބެޑްމިންޓަން ޓީމު އޭޝިއަން ގޭމްސްގެ ކުއާޓާ ފައިނަލަށް

28 ސެޕްޓެންބަރު 2023 - 10:50 0

ޗައިނާގެ ހަންޒޫގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން ޓީމް އިވެންޓުގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމް ޖާގަ ހޯދައިފި އެވެ.

އޭޝިއަން ގޭމްސްގެ ކުއާޓާ ފައިނަލުގައި 2018 ގައި ވެސް ޖާގަ ހޯދި އަންހެން ބެޑްމިންޓަން ޓީމުން މިފަހަރު ގަދަ 16ގައި ނުކުތީ މިދިޔަ ފަހަރެކޭ އެއްގޮތަށް ނޭޕާލާ ދެކޮޅަށެވެ. މި ފަހަރު ރާއްޖެއިން މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.

މެޗުގެ ފުރަތަމަ ޓައިގައި ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) ނުކުތީ ނޭޕާލްގެ ރަޝީލާ މަހަރްޖަންއާ ދެކޮޅަށެވެ. މި މެޗުގެ ނަބާހާ ކާމިޔާބުކުރީ 2-1 އިންނެވެ. މެޗު ފުރަތަމަ ސެޓު 24-22 އިން ނަބާހާ ކާމިޔާބުކުރިއިރު، ދެ ވަނަ ސެޓު ރަޝީލާ ހޯދީ 19-21 އިންނެވެ. ފަހު ސެޓު ނަބާހާ ކާމިޔާބުކުރީ 21-13 އިންނެވެ.

ދެ ވަނަ ޓައިގައި ރާއްޖޭގެ އާމިނަތު ނަބީހާ (ނަބީ) ވަނީ ނޭޕާލްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ނަންގްސަލް ތަމަންގް އަތުން ސީދާ ދެ ގޭމުން މޮޅުވެފަ އެވެ. ނަބީ ސެޓުތައް ގެންދިޔައީ 21-16 އަދި 21-10 އިންނެވެ.

ތިން ވަނަ ޓައިގައި ރާއްޖޭގެ އައިޝަތު އަފްނާން ރަޝީދު ވަނީ އަނޫ މާޔާ ރާއި އަތުން ސީދާ ދެ ގޭމުން ބަލިވެފަ އެވެ. ސެޓުތައް ނޭޕާލުން ގެންދިޔައީ 9-21 އަދި 11-21 އިންނެވެ.

އޭޝިއަން ގޭމްސްގެ ގަދަ 16ގައި ނޭޕާލްއާ ދެކޮޅަށް، ރައްޖޭގެ ޓީމުގެ ނަބާހާ އާއި ނަބީހާ ވާދަކުރަނީ - ފޮޓޯ: އިސްމާއިލް ތޯރިގު/އެމްއޯސީ


ރާއްޖެ މެޗުން މޮޅުވީ ފުރަތަމަ ޑަބަލްސް ޓައި ސީދާ ދެ ގޭމުން ކާމިޔާބުކޮށްގެންނެވެ. މިގޮތުން ނަބީހާ އާއި ނަބާހާގެ ޑަބަލްސް ޕެއާ ވަނީ 21-13 އަދި 21-19 އިން ރަޝީލާ އާއި އަނޫ މާޔާ ބަލިކޮށް ދިވެހިރާއްޖެއަށް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިދީފަ އެވެ.

ކުއާޓާ ފައިނަލުގައި ރާއްޖެ ނުކުންނާނީ ދެ ވަނަ އަށް ސީޑުކޮށްފައިވާ ދެކުނު ކޮރެއާއާ ދެކޮޅަށެވެ.

ރާއްޖޭގެ އަންހެން ޓީމުން 2018ގެ އޭޝިއަން ގޭމްސްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީވެސް ނޭޕާލް ބަލިކޮށްގެންނެވެ. އެ ފަހަރު ރާއްޖެ އިން 3-2 އިން މެޗު ކާމިޔާބުކުރިއިރު، ރައްޖެ މެޗުން މޮޅުވީ ފުރަތަމަ ދެ ސިންގަލްސް ގެއްލުމަށް ފަހު ފަހަތުން އަރައި ފަހު ތިން ޓައި ކާމިޔާބު ކޮށްގެންނެވެ.

އެ ފަހަރު ވެސް ނޭޕާލް ޓީމުގައި މިއަހަރުވެސް ރާއްޖެއާ ދެކޮޅަށް ކުޅުނު ރަޝީލާ މަހަރްޖަން އާއި ނަންގްސަލް ތަމަންގް ހިމެނެ އެވެ.

މީގެ ކުރިން، 2018 ގެ އޭޝިއަން ގޭމްސްގައި ފުރަތަމަ ސިންގަލްސްގައި ނަންގްސަލް އަތުން ނަބާހާ ސީދާ ދެ ސެޓުން ބަލިވިއިރު، ދެ ވަނަ ޓައިގައި ނަބީހާ ބަލިވީ ޖެސިކާ ގުރުން އަތުން 2-1 ސެޓުންނެވެ. މޮޅުވާން މަޖުބޫރުވެފައި އޮތް ތިން ވަނަ ޓައިގައި ރަޝީލާ 2-1 ސެޓުން ބަލިކޮށް ނީލާ ނަޖީބު ރާއްޖެ އަށް އުއްމީދު ހޯދައިދިނެވެ. ޖެހިގެން އައި ޑަބަލްސް ނަބީ އާއި ނީލާ ރާއްޖެ އަށް ހޯދައިދިނީވެސް 2-1 ސެޓުންނެވެ. ފަހު ޓައިގައި ނަބާހާ އާއި އާމިނަތު ޝަހުރުނާޒު ވަނީ ނޭޕާލް ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ.