Advertisement

އޭޝިއަން ގޭމްސް: މުންސިފް އާއި ރަފާ ކުރިއަށް، ޝޫޓިން ޓީމަށް އިތުރު ރެކޯޑެއް

28 ސެޕްޓެންބަރު 2023 - 09:40 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ގައުމީ ޓޭބަލް ޓެނިސް ޓީމްގެ އައިޝަތު ރަފާ ނާޒިމް އާއި މޫސާ މުންސިފް އަހުމަދު، އޭޝިއަން ގޭމްސްގައި ވާދަކުރަނީ - ފޮޓޯ: އިސްމާއިލް ތޯރިގު-އެމްއޯސީ


އޭޝިއަން ގޭމްސް: މުންސިފް އާއި ރަފާ ކުރިއަށް، ޝޫޓިން ޓީމަށް އިތުރު ރެކޯޑެއް

28 ސެޕްޓެންބަރު 2023 - 09:40 0

އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް މިކްސް ޑަބަލްސް އިވެންޓުގެ ގަދަ 16 އިން މޫސާ މުންސިފް އަހުމަދު އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ ޖާގަ ހޯދައިފި އެވެ.

ޗައިނާގެ ހަންޒޫގައި ކުރިއަށްދާ ގޭމްސްގައި މިހާރު ކުރިއަށްދަނީ ޓޭބަލް ޓެނިސްގެ އިންޑިވިޖުއަލް އިވެންޓުތަކެވެ. އެ ގޮތުން މިހާތަނަށް ސިންގަލްސް އިވެންޓުގައި މުންސިފް އާއި ރަފާ ވަނީ ކަޓާފަ އެވެ. ނަމަވެސް ޝައްފާން ވަނީ ފިރިހެން ސިންގަލްސްގެ ގަދަ 32 އިން ޖާގަ ހޯދައިފަ އެވެ.

އިއްޔެ ކުޅުނު މިކްސް ޑަބަލްސްގެ ގަދަ 32 ކުޅުންތެރިންގެ ބުރުގެ މެޗުގައި ރަފާ އާއި މުންސިފްގެ ޕެއާ މޮޅުވީ ޕާކިސްތާނުގެ ހައިޤާ ހަސަން އާއި މުޙައްމަދު ޝާހް ޚާންގެ ޕެއާ އަތުން 3-2 ސެޓުންނެވެ.

ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ސެޓު ރާއްޖޭގެ ޕެއާއިން 11-5 އިން ފަސޭހަކަމާ އެކު ކާމިޔާބުކުރި އެވެ. ޖެހިގެން އައި ދެ ސެޓުގައިވެސް ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ޕާކިސްތާނުގެ ޕެއާ އިން މި ދެ ސެޓު 7-11 އަދި 14-16 އިން ހޯދައި މެޗު ކާމިޔާބުކުރުމާ ގާތަށް ޖެހިލި އެވެ.

ޕާކިސްތާން ކުރީގައި އޮތް ނަމަވެސް މޮޅުވާން މަޖުބޫރު ފަހު ދެ ސެޓު 11-7 އަދި 11-9 އިން ކާމިޔާބުކޮށް ރަފާ އާއި މުންސިފްގެ ޕެއާ މެޗު ކާމިޔާބުކުރި އެވެ.

މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއިލް އާއި ލައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއާ ފުރަތަމަ ބުރުގައި ކުޅުނު މެޗުން ވަނީ ބަލިވެފަ އެވެ.

ޓޭބަލް ޓެނިސްގެ ޑަބަލްސް އިވެންޓުގެ ކުޅުން މިއަދު ފަށާނެ އެވެ. އެ ގޮތުން މުންސިފް އާއި ޝައްފާން ނުކުންނާނީ އިންޑިއާގެ ޕެއާއަކާ ދެކޮޅަށެވެ. އަންހެން ޑަބަލްސްގައި ރަފާ އާއި ލައިސާ ނުކުންނާނީ ޗައިނީސް ތައިޕޭގެ ޕެއާއަކާ ދެކޮޅަށެވެ.

އޭޝިއަން ގޭމްސްގައި ވާދަކުރަމުން އަންނަ ގައުމީ ޝޫޓިން ޓީމުން ވަނީ މިހާތަނަށް ދެ ގައުމީ ރެކޯޑެއް ހަދައިފަ އެވެ. އެންމެ ފަހުން ހެދި ގައުމީ ރެކޯޑަކީ 10 މީޓަރު އެއާ ރައިފަލް މިކްސް ޓީމުގެ ޤައުމީ ރިކޯޑެވެ.

އޭޝއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް މިކްސް ޓީމްގެ ގައުމީ ރެކޯޑު އާކުރި ޝިފާން އާއި ޝަރަފިއްޔާ - ފޮޓޯ/އިސްމާއިލް ތޯރިގު - އެމްއޯސީ


މި ރެކޯޑު ހެދީ ސްޓާފް ސާޖަންޓް ޝަރަފިއްޔާ އަބްދުއްރަޙްމާނާއި ކޯޕްރަލް އިބްރާހީމް ޝިފާން އެވެ. މި ދެ ޝޫޓަރުން އިންޑޮނޭޝިއާގެ ޖަކާޓާގައި މި އަހަރު ކުރިއަށްދިޔަ އޭޝިއަން ރައިފަލް ޕިސްޓަލް ކަޕުގައި ވާދަކޮށްގެން 592.3 ގެ ސްކޯއަކުން ހެދި ގައުމީ ރެކޯޑު މިފަހަރު އާކުރީ 600.9 ގެ ސްކޯއަކުންނެވެ.

އޭޝިއަން ގޭމްސްގައި ޝޫޓަރު ޝަރަފިއްޔާ ވަނީ 10 މީޓަރު އެއާ ރައިފަލްގެ އަންހެން ޤައުމީ ރިކޯޑު ރަނގަޅު ކުރިއެރުމަކާއިއެކު އާކޮށްފަ އެވެ.

އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ ޓީމްގެ ޝޫޓަރުންގެ ތެރެއިން 10 މީޓަރު އެއާ ރައިފަލް އިވެންޓުގައި ވާދަކުރާ ދެ އެތުލީޓުންނަށް ގޭމްސް ނިމިފައިވާއިރު، ދެން އޮންނާނީ 10 މީޓަރު އެއާ ޕިސްޓަލް ބައިގެ އިވެންޓުތަކެވެ.