27 ސެޕްޓެންބަރު 2023 - 22:24 2
ސްކީލާން ހުސައިން -- ފޮޓޯ: އަދަދު
27 ސެޕްޓެންބަރު 2023 - 22:24 2
އަވަށްޓެރި ސްރީ ލަންކާއަށް އުފަން، ޖީ ސްކީލާން ހުސެއިން، ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް 2016 ގައި ބްލެކްލިސްޓުކޮށް ޑީޕޯޓުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވާތީ، އެ މައްސަލަ ހިނގާފައިވާ ގޮތް ބަލަން ފަށައިފި ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒުގެ ބައްޕަ، ޝެއިޚް ހުސައިން އަބްދުއްރަހުމާން 2015 ވަނަ އަހަރު އަވަހާރަ ވުމަށް ފަހު، ހުވަފަތް އަނބިކަނބަލުން ސްކީލާން ރާއްޖެ ދޫކޮށް ދާންޖެހުނު ގޮތާއި އޭނާ ބްލެކްލިސްޓްކުރި ގޮތް، ހެއްކާއި، އިންޓަވިއުއާއެކު އަދަދު ނޫހުން އިއްޔެ ރިލީޒުކުރި ތަހުގީގީ ޑޮކިއުމެންޓަރީގައި ހިމަނާފައިވެ އެވެ.
ސްކީލާން ބްލެކްލިސްޓްކުރި މައްސަލަ އިމިގްރޭޝަނުން ބަލަން ފެށީ ޑޮކިއުމެންޓަރީން އެކަން ހާމަވުމުންނެވެ.
"ގާނޫނުތަކާ ގަވާއިދުތަކާ ހިލާފަށް މޯލްޑިވްސް އިމިގްރޭޝަންގެ ތެރެއިން ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ މިސް ޖީއެންއީއައި. ސްކީލާން ހުސައިން ރާއްޖެ އެތެރެނުވެވޭ ގޮތަށް އެންޓްރީ ބްލޮކްކޮށްފަވާކަން ސަމާލުކަމަށް އައީ ދާދި ފަހުން. އެ ވަގުތުން ފެށިގެން އެ ކަން ހިނގާފައިވާ ގޮތް މިދަނީ ބަލާ ތަހުގީގުކުރަމުން،" އިމިގްރޭޝަންގެ މީޑިއާ ޓެލެގްރާމު ގްރޫޕުގައި އެ އޮފީހުން ލިޔުއްވާފައިވެ އެވެ.
ސްކީލާން ރާއްޖޭން ފުރީ ޖެނުއަރީ 12، 2016 ގަ އެވެ. އެނބުރި ރާއްޖެ އައީ މާޗް 4، 2016 ގަ އެވެ. އޭގެ ދެ ދުވަސް ކުރިން މާޗް 2، 2016 ގައި އޭނާ ބްލެކްލިސްޓްކޮށްފައި އޮތުމުގެ ސަބަބުން، ރާއްޖެއަށް އެތެރެ ނުވެވި އެނބުރި ދާންޖެހުނީ ސްރީ ލަންކާއަށެވެ.
ސްކީލާން ބްލެކްލިސްޓުކުރީ އިންސާނީ ވަގުފާރީގެ ތުހުމަތުގަ އެވެ. ނަމަވެސް އެއްވެސް މައްސަލައެއް ޕޮލިހުން، އަދި އިމިގްރޭޝަނުން ވެސް ބަލާފައި ނެތްކަން އަދަދު ނޫހުގެ ތަހުގީގުން ފާހަގަވި އެވެ. ހަމައެކަނި އިމިގްރޭޝަންގެ ސިސްޓަމުން ފެންނަން އޮތީ އެ މައްސަލައާ ގުޅޭ މެމޯ ނަންބަރަކާއި މީޓިން ބޭއްވި ނަންބަރެކެވެ. މައްސަލައާ ގުޅޭ އެއްވެސް ލިޔުމެއް އުފައްދައި، ފައިލްކޮށްފައި ވެސް ނެތެވެ. ޔައުމިއްޔާ އެއްވެސް ނެތެވެ.
ބްލެކްލިސްޓްކުރި ކަމުގެ ތުހުމަތު ސްކީލާން ކުރަނީ އޭނާގެ ދޮންދަރި، މުއިއްޒުގެ މައްޗަށެވެ. ނަމަވެސް، މިހާތަނަށްމުއިއްޒު އެކަމަށް ސީދާ ރައްދެއް ނުދެއްވަ އެވެ.
ރޭ ފުވައްމުލަކުގައި ބޭއްވި ޕީއެންސީގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކުވެސް އަރައިގަނެފައި ނޯންނާނެ ކަމަށެވެ.
Comment