Advertisement

ސިޔާސީ މަންފާއަށް ނިޒާމީ ވޯޓު ނުނަގަން ޓްރާންސްޕޭރެންސީން ގޮވާލައިފި

26 ސެޕްޓެންބަރު 2023 - 21:25 0

ނިމާ ހަސަން

ނިމާ ހަސަން

ރައްޔިތުންގެ މަޖިލިސް, ރާއްޖޭގައި ނިޒާމެއް ވޯޓެއް ނަގަން ގޮވާލާ ގަރާރެއް މަޖިލީހުން ވަނީ ފާސްކޮށްފައި


ސިޔާސީ މަންފާއަށް ނިޒާމީ ވޯޓު ނުނަގަން ޓްރާންސްޕޭރެންސީން ގޮވާލައިފި

26 ސެޕްޓެންބަރު 2023 - 21:25 0

ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ގައުމީ ފެންވަރުގައި އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށާއި, އަވަސް އަރުވާލައިގެން ސިޔާސީ މަންފާއަށް ނިޒާމީ ވޯޓު ނުނެގުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.

އޮކްޓޯބަރު 30، ވަނަ ދުވަހުގެ ކުރިން ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށް, އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ. އަދި އެ ކޮމިޝަނުން ދަނީ އެކަމާ ގުޅޭގޮތުން މަޝްވަރާ ވެސް ކުރަމުންނެވެ.

މި ދަނޑިވަޅުގައި ނިޒާމީ ވޯޓު ބޭއްވުމާ ދެކޮޅަށް ޓްރާންސްޕޭރެންސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ރިފަރެންޑަމަކީ ފުރިހަމަ ތައްޔާރީތަކާއެކު ވޯޓުލާ މީހުންނަށް އެކަށީގެންވާ މައުލޫމާތާއެކު ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ. އަދި ކުރު މުއްދަތެއްގައި ސިޔާސީ މަންފާއެއް ހާސިލު ކުރުމަށް ރިފަރެންޑަމެއް ބޭއްވިގެން ނުވާނެ ކަމަށް ވެސް އެ ޖަމްއިއްޔާއިން ގޮވާލާފައިވެ އެވެ.

ޓްރާންސްޕޭރެންސީން ބުނީ, އޮކްޓޯބަރު 30، ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް, ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި މީޑިއާތަކުން ތައްޔާރުވަމުންދާތީ, ނިޒާމީ ވޯޓަކަށް އަހަން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގަން ވަގުތު ކުޑަތަންވެފައިވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ނިޒާމަށް ގެންނަ ބަދަލުރަކާ ގުޅިގެން ހުށަހެޅޭ މައުލޫމާތަށް ރިއާޔަތްކޮށް ގޮތް ނިންމަން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ.

އެ ޖަމިއްޔާއިން ބުނީ ނިޒާމީ ވޯޓުގެ ކުރިއަށް, ހުށަހަޅާ ނިޒާމުތަކަކީ ކޮބައި ކަމާއި, އޭގެ ނަތީޖާއެއްގެ ގޮތުން ހިންގުމުގެ މަސައްކަތްތަކަށް ކުރާނެ އަސަރުތައް އަދި އޭގެ ސަބަބުން ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ލިބޭނެ ގޮތް ކަށަވަރު ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ނިޒާމީ ވޯޓުގެ ކުރިން ބައެއް ކަންކަން ކުރަން އެ ޖަމިއްޔާއިން ވަނީ މަޖިލީހާއި އިލެކްޝަން ކޮމިޝަނަށް ގޮވާލާފަ އެވެ.

  • ނިޒާމުތައް ސާފުކޮށް ބަޔާންކޮށްފައިވާ ފުރިހަމަ އަދި ގައުމީ ފެންވަރުގެ ވޯޓާ އެޑިއުކޭޝަން އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގުން
  • ނިޒާމުތަކާ ބެހޭގޮތުން ހިޔާލު ފާޅުކުރުމާއި, ބަހުސް ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމާއި, ނިޒާމީ ވޯޓުގެ ކުރިން, ބަދަލުގެ ސަބަބުން ކުރާނެ އަސަރުތައް ދެނެގަނެވޭކަން ކަށަވަރު ކުރުން
  • ވޯޓު ނެގުމުގެ ކުރިންނާއި ފަހުން ނިންމާ ނިންމުންތަކާއި މަރުހަލާތަކުގައި ރައްޔިތުން އަދި ހާއްސަކޮށް ޒުވާނުންގެ މާނަހުރި ބައިވެރިވުން ކަށަވަރު ކުރުން

ޓްރާންސްޕޭރެންސީން ނެރުނު ބަޔާނުގައި ބުނީ ނިޒާމީ ވޯޓަކީ ހަރަދުބޮޑު މަސައްކަތެއްކަމުން އެއީ ކުރު މުއްދަތެއްގައި ސިޔާސީ މަންފާއަކަށްވުރެ, ފުރިހަމަ މައުލޫމާތު ދީގެން ނަގާ ވޯޓެއްކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ 35 މެމްބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މަޖިލީހުގެ 35 މެމްބަރުން ބައިވެރިވެގެން ގަރާރު ފާސްކުރިއިރު މަޖިލީހުގައި 87 މެމްބަރުން ތިއްބަވަ އެވެ. ގަރާރުގެ މަސައްކަތް މަޖިލީހުގައި ފެށީ، މަޖިލީހުގެ މެމްބަރުން ތަމްސީލްކުރާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކޮށް، އެ ހުރިހާ ޕާޓީއެއްގެ ރުހުން އެ ކަމުގައި ހޯދުމަށް ފަހުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފާސްކޮށްފައި މިވަނީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ޑިމޮކްރެޓްސްއިން ހޯދާ ދެ ވަނަ ބުރުގެ ތާއީދު ދިނުމަށް އެމްޑީޕީއަށް އެ ޕާޓީން އެ ޝަރުތު ވެސް ހުށަހަޅާފައިވަނިކޮށެވެ.