Advertisement

ޓޫރިޒަމް މުވައްޒަފުން އިތުރު ބަހެއް ދަސްކުރުން: ބޮޑު ބަދަލެއް ގެނެވިދާނެ

18 އޮކްޓޯބަރު 2023 - 10:20 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އާޓް ވޯކް: ރައްޔާން މުހައްމަދު/އަދަދު


ޓޫރިޒަމް މުވައްޒަފުން އިތުރު ބަހެއް ދަސްކުރުން: ބޮޑު ބަދަލެއް ގެނެވިދާނެ

18 އޮކްޓޯބަރު 2023 - 10:20 1

ރާއްޖޭގެ އިގުތިސާދުގެ އެންމެ ބޮޑު ހިއްސާދާރަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ގައުމީ އުފެއްދުންތެރިކަމުގެ 60 އިންސައްތައަކީ އެ ސިނާއަތެވެ. ވަޒީފާގެ ބާޒާރަށް އެންމެ ގިނަ ވަޒީފާ ގެނެސްދެނީ ވެސް މި ސިނާއަތުންނެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 10 ޕަސެންޓް މީހުން ނިސްބަތްވާ ފަތުރުވެރިކަމުގެ ސިނާއަތެވެ.

ދިވެހި އިގުތިސާދުގެ ބޮޑު ހިއްސާއަށްވި ނަމަވެސް މި ސިނާއަތުގައި ދިވެހި މަސައްކަތްތެރިންގެ ހިއްސާ ކުޑަ އެވެ. އެއީ ބޮޑު ކަންބޮޑުވުމެކެވެ. ރިސޯޓްތަކާއި ހޮޓާތަކުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތަށް ވުރެ ބިދޭސީންގެ ނިސްބަތް ގިނަ އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި, މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އޮޕަރޭޓް ކުރަމުން އައި 168 ރިސޯޓުގައި 52،482 މީހުން ވަޒީފާ އަދާކުރާއިރު އޭގެ ދެބައިކުޅައެއްބަޔަށް ވުރެ ބިދޭސީން ގިނަ އެވެ. ބިދޭސީންގެ އަދަދަކީ 36،885 އެވެ.

ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި، މަދު ސިޔާސަތަކަށް ކުދި ބަދަލުތަކެއް ގެނެސްގެން ވެސް މި ކަންކަން ހައްލު ކުރެވެން އެބަ އޮތެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރޭގައި އިނގިރޭސި ބަސް ވެސް ނުދަންނަ މީހުން ގިނަ އެވެ. ރާއްޖެއަށް ފަތުރުވެރީން ގިނައިން އަންނަ ގައުމުތަކުގެ ބަސްތައް އެނގޭ ދިވެހި މަސައްކަތްތެރީން އުފެދިއްޖެނަމަ، އެއީ ވަޒީފާގެ ފުރުސަތުތަކެއް އިތުރަށް ފަހިކޮށްދެވޭނެ ކަމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ރަޝިއާ، ޗައިނާ، އިންޑިއާ، ޖަރުމަން ވިލާތް އަދި ފްރާންސް ފަދަ ގައުމުތައް ހިމެނެ އެވެ. މިއިން ގައުމެއްގެ ބަސް ދަންނަ ދިވެހިން މަދު ކަމަށް ދާއިރާގެ ގިނަ ތަޖުރިބާކާރުން ދެކެ އެވެ.

ފްރޮންޓް ލައިނުގައި އަބަދު ފަތުރުވެރިންނާއި ބައްދަލުކުރަން ޖެހޭ މުވައްޒަފުންނަށް މިފަދަ ބަހެއް ނޭނގުން ވެގެން ދަނީ އެ ބަސް އެނގޭ ބިދޭސީ މަސައްކަތްތެރިއެއް ގެންނަން ޖެހޭ ސަބަބަކަށެވެ. ބައެއް ރިސޯޓުތަކުގައި، ރާއްޖެއަށް ފަތުރުވެރިން ގިނައިން އަންނަ ގައުމުތަކުގެ މީހުން ވެސް އެބަ ތިބެ އެވެ.

ސްކޫލު މުގައްރަރަށް ބަސްތަކުގެ އިލްމު ހިމެނުން

ފަތުރުވެރިކަމުގެ ވިޔަފާރިއަކީ ކޮމިއުނިކޭޝަން ގިނަ މަސައްކަތެކެވެ. ރާއްޖެއަށް ފަތުރުވެރިން ގިނައިން އަންނަ ގައުމުތަކުގެ ބަސްތައް އުނގެނި އެނގުން މުހިންމު ވަނީ އެ ސަބަބާ ހުރެ އެވެ. އަދި އެއީ ރަނގަޅު މަގާމުތަކުގެ ވަޒީފާ ވެސް ދިވެހީންނަށް ފަހިވާން ލިބޭނެ އިތުރު ބާރެކެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ސްކޫލުތަކުގައި ދަރިވަރުންނަށް އިތުރު ބަސްތައް ދަސްކޮށްދިނުން ހިމެނުމަށް ތާއީދު ކުރައްވަނީ އެ ސަބަބުތަކަށް ޓަކައި ކަމަށެވެ.

"ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިއްމު ކަމެއް މިއީ. އެހެން ބަހެއް އެންމެ އަވަހަށް މި ދަސްކޮށްދެވެނީ ވަރަށް ޅަފަތުގައި ފަށައިފިއްޔާ. އެހެންވީމަ ސްކޫލުތަކުގަ އެބަ ޖެހޭ ރާއްޖޭގަ ވިޔަފާރި އަދި ފަތުރުވެރިކަމުގެ މުއާމަލާތްތައް ކުރަން ޖެހޭ ގައުމުތަކުގެ ބަސްތައް ދަސްކޮށްދޭން،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް ވަރަށް ފުރިހަމައަށް އަދާކުރެވޭނެ ގިނަ ވަޒީފާތަކެއްގެ ފުރުސަތު ދިވެހި މުއައްޒަފުންނަށް ނުލިބޭ އެއް ސަބަބަކީ އެ މަގާމަށް ބޭނުންވާ ބޭރު ބަސް ނޭނގުން ކަމަށެވެ.

ބައެއް ކުންފުނިތަކުން އަރަބިން އަދި ރާއްޖެއަށް މި ވަގުތު އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިއާގެ ފަތުރުވެރުންނަށް ހިދުމަތް ކުރާ ބަޓްލަރުން ހޮވުމުގައި އެ ގައުމުތަކުގެ ބަސް ދަންނަ މުއައްޒަފުން ބޭނުންވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމު:

  1. ރަޝިއާ: 162،441
  2. ޗައިނާ: 154،927
  3. އިންޑިއާ: 154،016
  4. އިނގިރޭސި ސިވިލާތް: 111،880
  5. ޖަރުމަން ވިލާތް: 96،791
  6. އިޓަލީ: 85،934
  7. އެމެރިކާ: 55،363
  8. ފްރާންސް: 38،139
  9. ސްޕެއިން: 29،992
  10. ސްވިޒަލޭންޑް: 27،154

ޒަމާނީ ޓެކްނޮލޮޖީއާއެކު ގޫގަލް ޓްރާންސްލޭޓް ފަދަ ވަސީލަތްތަކުގެ ބޭނުން ހިފެން އޮތް ނަމަވެސް، ފަތުރުވެރިންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދެވޭނީ އެ މީހުންގެ މާދަރީ ބަހުން އެމީހުންނާ މުހާތަބުކުރަން އެނގުމުން ކަމަށް މައުސޫމް ވިދާޅުވި އެވެ.

"މި ޒަމާނުގަ ބައެއް މީހުން ބަހުސްކޮށްފާނެ މިހާރު ކޮންމެހެން އެހާ މުހިއްމެއް ނޫނޭ ލެންގުއޭޖެއް. އެއީ ތަފާތު އައިޓީ ބޭނުންކޮށްގެން ވަގުތުން ޓްރާންސްލޭޓް ކުރެވޭތީ. އެހެން ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގަ މީހާގެ[ފަތުރުވެރިޔާގެ] އަމިއްލަ ބަހުރުވައިން ވާހަކަދައްކާލާއިރު އޭގެ މާނަ މާ ބޮޑުވާނެ ތަރުޖަމާ ކުރާ އެޕެއް އެއްޗެއް ބޭނުންކުރުމަށް ވުރެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ސިލަބަހުގައި "ފޮރިން ލެންގުއޭޖް" ހިމަނާފައި އޮންނަ ނަމަވެސް، އިތުރު ބަހެއް ސަރުކާރު ސުކޫލުތަކުގައި ކިޔަވައިދޭކަށް ނުފަށަ އެވެ. ޕްރައިވެޓް ސްކޫލުތަކުގައި ވެސް ކީސްޓެޖް 1 އިން ފެށިގެން އެހެން ބަހެއް އުނގަންނައިދޭ ސްކޫލުތައް މަދެވެ. މިއީ ރާއްޖެ ފަދަ ފަތުރުވެރި ގައުމެއްގައި ވަޒީފާގެ މައިދާނަށް ދަރިވަރު ނިކުންނަ އިރު ލިބެންޖެހޭ މުހިއްމު އިލްމެއް ނަމަވެސް، ރާއްޖޭގެ ސިލަބަހުގައި ފޮރިން ލެންގުއޭޖް މާއްދާ ތަންފީޒެއް ނުކުރެވެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާއަކަށް ކުރިމަތިލާއިރު އިތުރު ބަހެއް އެނގުމަކީ އެތައް ފުރުސަތުތަކެއް ތަނަވަސްވެ، ވަޒީފާގެ މައިދާނުގައި ކުރިއެރުން ލިބޭނެ ކަމަކެވެ. ރާއްޖޭގެ އިތުރުން ބޭރުގެ ގައުމުތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު މި ހުނަރާއެކު ތަނަވަސްވެގެން ދާނެކަން ލަކްސް ރިސޯޓްސް އެންޑް ހޮޓެލްގެ ސީނިއާ ޑިރެކްޓާ ފޯ މޯލްޑިވްސް، ޓެލެންޓް އެންޑް ކަލްޗާ އަފީފް ހުސެއިން ވެސް ފާހަގަކުރެއްވި އެވެ.

"އިތުރު ބަހެއް ދަސްކުރުމުގެ އެޑްވާޏްޓޭޖްއަކީ އެއީ ކުއްޖާއަށް ލިބޭ އިތުރު ސްކިލްއެއް އިތުރު ބެނެފިޓަކަށް ވަނީ. ފަހުން އެހެން ގައުމެއްގަ ވެސް ވޯކްކޮށްލެވޭނެ އެ ބަސް އިނގިފަ ހުރެއްޖިއްޔާ،" އަފީފް ވިދާޅުވި އެވެ.

މީގެ އިތުރުން ފަތުރުވެރިން ވާހަކަދައްކާ ބަސް ފަހުމް ނުވުމަކީ ހިދުމަތް ދިނުމުގަ ދިމާވާ އެންމެ ބޮޑު "ކޮމިއުނިކޭޝަން ބެރިއާ" ނުވަތަ ގޮންޖެހުމުގެ ގޮތުގައި އަފީފް ސިފަކުރެއްވި އެވެ. އަދި ދިވެހި/ އިނގިރޭސި ނޫން އިތުރު ބަހެއް އެނގުމަކީ ވަޒީފާގެ މައިދާނުގައި ކުރިއެރުން ލިބުމަށް މަގުފަހިވާނެ ކަމެއް ކަން އަފީފް ފާހަގަކުރެއްވި އެވެ.

"އެ ބަސް އިނގެންޖާ އެއީ ވަރަށް ބޮޑު ބެނެފިޓެއް ވަޒީފާގެ މާހައުލުގައި. މިސާލަކަށް ވަކި ލެންގުއޭޖެއް އެނގޭ ކުއްޖެއް ވިއްޔާ ބަޓްލާއެއް ވިއްޔާ އެ ގައުމެއްގެ ގެސްޓުން މެނޭޖް ކުރާނީ އެކުއްޖަކު،" އިތުރު ބަހެއް އެނގޭނަމަ އެ މުއައްޒަފަކަށް ކުރާނެ ފައިދާގެ މިސާލެއް އަފީފް ދެއްވި އެވެ.

ރޭޝިއޯގެ ތެރެއިން ބިދޭސީ މަސައްކަތްތެރިން ބޭނުންކުރެވޭނެ

ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުންނަ ދިވެހިން އިތުރު ބަހެއް ދަސްކުރުން ކޮންމެހެން މުހިއްމު ނޫން ކަމުގައި ބައެއް މީހުން ދެކެ އެވެ. ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުއައްޒަފުން އިތުރު ބަހެއް ދަސްކުރުމުގެ ބަދަލުގައި ޓޫރިޒަމްގެ ގަވާއިދުތައް އޮންނަ ގޮތުގެ މަތިން ބިދޭސީ މަސައްކަތްތެރިން ބޭނުންކުރެވިދާނެ ކަމަށް ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނެ އެވެ.

"ފްރޮންޓް ލައިންގައި މި މަސައްކަތް ކުރަނީ ވަރަށް މަދު ސްޓާފުން. އެހެންވީމަ ކޮންމެހެން ދިވެހި މުއައްޒަފުން އިތުރު ބަހެއް ދަސްކުރުމަކީ މުހިއްމު ކަމެއް ކަމުގަ ގަބޫލެއް ނުކުރެވޭ. އޭގެ ބަދަލުގަ މި ދާއިރާއަށް ނުކުންނަ މީހުންގެ އަދަދު އިތުރު ކުރަންވީ،" ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ޖެނެރަލް ސެކެޓްރީ މައުރޫފް ޒާހިރު (މާއްޓެ) 'އަދަދު' ނޫހަށް ވިދާޅުވި އެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އިނގެރޭސި ނޭނގެނީ ވަކި ގައުމުތަކެއްގެ ފަތުރުވެރިންނަށް ކަމަށް އެ ސިނާއަތުގައި މަސައްކަތް ކުރާ ތަޖުރިބާކާރުން ވިދާޅުވެ އެވެ. އަދި އެ ގައުމުތަކުގެ މީހުންނަށް ހިދުމަތް ދިނުމަށް ބިދޭސީ މުއައްޒަފުންގެ ބޭނުން ކުރެވިދާނެ ކަން އަފީފް ވެސް ފާހަގަކުރައްވި އެވެ.

"ލެންގުއޭޖް އިޝޫ އާންމުކޮށް މިއުޅެނީ ޗައިނީސް ގެސްޓުންގެ. އެހެންވީމަ އެމީހުންނާ ޑީލް ކުރަން ރިސޯޓަށް ދީފަ އިންނަ ކޯޓާގެ ދަށުން ފޮރިން ލެންގުއޭޖް ސްޕީކާސް ގެނެވިދާނެ،" އަފީފް ވިދާޅުވި އެވެ.

ނަމަވެސް، ރާއްޖޭގެ ބައެއް ރިސޯޓުތަކުން ގަބޫލުކުރާ ގޮތުގައި ދިވެހި މުއައްޒަފުންނަށް އިތުރު ބަހެއް އެނގުމަކީ ދެވޭ ހިދުމަތް ފުރިހަމަ ކުރުމަށް އަޅަން ޖެހޭ މުހިއްމު ފިޔަވަޅެކެވެ. އެގޮތުން ސިޔާމް ވޯލްޑްގައި މަސައްކަތް ކުރާ ދިވެހި މުއައްޒަފުންނަށް އެއް އަހަރު ތެރޭގައި އިތުރު ބަހެއް ދަސްކުރުމަށް އެ ރިސޯޓުން ވަނީ އަންގާފަ އެވެ.

ސީރިއަސް ހާލަތްތަކަށް އިތުރު ބަހެއް މުހިއްމު

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް އިތުރު ބަހެއް އެނގުން މުހިއްމު މިންވަރު ދިމާވެފައިހުރި ބައެއް ހާދިސާތަކުން ވެސް އެނގެ އެވެ. އެގޮތުން 2004 ވަނަ އަހަރު ރިސޯޓެއްގައި ފަތުރުވެރިޔަކު ގެނބިގެން މަރުވި ހާދިސާގެ ތަފުސީލުތަކެއް އެވަގުތު އެ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފަކު ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި މަރުވި ގެސްޓު މޫދަށް އެރުނު ދިމާލަކީ އެ ރިސޯޓުގެ އޮއެ ގަދަ ދިމާލެކެވެ. އެ ވަގުތު ޑިއުޓީގައި ހުރީ އިނގެރޭސި ރަނގަޅަށް ނޭނގޭ ސްރީ ލަންކާ ބީޗް ބޯއީ އެކެވެ.

"އެ ގެސްޓުންތައް އައި ގޮތަށް މޫދަން އެރެން ދިއައީ. ބީޗް ބޯއީ ގުޅާފަ ރިސެޕްޝަންގަ ހުރި ދިވެހި މުވައްޒަފު ކައިރީ ބުނީ އެމީހުން އޮޔާދާ ވާހަކަ. ދެން ބުނީ ކެނޯ ކެނޯ އޭ. ދިވެހި މުއައްޒަފު ހީކުރީ ކެނޯގަ އޮޔާދާ ވާހަކަ ކަމަށް،" އެ މުވައްޒަފު ކިޔައިދިނެވެ.

އަދި އޮޔާ ދިޔަ ގެސްޓުން ސަލާމަތްކުރަން މީހުން ފޮނުވަން ލަސްތަކެއް ވެގެން ދިޔަ އިރު، އެ ދިވެހި މުއައްޒަފަށް ފަހުމުވީ އެ ދެމީހުން ކެނޯގައި އޮޔާދަނީ ކަމަށެވެ. އެހީތެރިވުމަށް މީހުން ދިޔަ އިރު ގެނބުނު ދެ ގެސްޓުންގެ ތެރެއިން އެކަކުގެ ފުރާނައެއް ނެތެވެ.

ފަތުރުވެރިޔާ އޭނާގެ އަމިއްލަ ބަހުން ވާހަކަދެއްކުމުގެ ސަބަބުން އެދޭ ހިދުމަތް ދިވެހި މުއައްޒަފަށް ދެނެނުގަނެވި، މާލީ ގެއްލުންވެ، ހިދުމަތްދޭ ތަނުގެ ނަން ވެސް އެބަ ހަޑިވެ އެވެ. އަދި ބައެއް ފަހަރު މުއައްޒަފުގެ ވަޒީފާ ގެއްލުމަކީ ވެސް ދިމާވެފައި ހުރި ކަންކަމެވެ.

"ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ މިއޮތީ ބޭރު ގައުމުތަކަށް ހުޅުވިފައި. ރާއްޖޭގަ އޮތަސް މިއީ އިންޓަނޭޝަނަލް ޕްރޮޑަކްޓެއް. އެހެންވީމަ ގައުމު ކުރިއަރައިގެން ދާއިރު މި އިންޑަސްޓްރީއަށް ވަންނަ ކުދިންނަށް ފޮރިން ލެންގުއޭޖެއް އެނގެންޖެހޭ،" އަފީފް ވިދާޅުވި އެވެ.

ރިސޯޓްތަކުގެ އިތުރުން ގެސްޓް ހައުސް އަދި ހޮޓާތަކުގެ ފްރޮންޓް ލައިންގައި މަސައްކަތް ކުރުމަށް ބިދޭސީ މުއައްޒަފުން ގެންނަ މައިގަނޑު އެއް ސަބަބަކީ، އެ ގާބިލުކަމާއި ހުނަރު ހުރި ނަމަވެސް، ވަކި ބަހަކުން ވާހަކަދައްކަން ނޭނގުމެވެ. ސުކޫލުތަކުގައި އިތުރު ބަހެއް ކިޔެވުމުގެ އިހުތިޔާރު ކުދިންނަށް ލިބުމަކީ މި މައްސަލައަށް ލިބޭނެ ހައްލެކެވެ. ރާއްޖޭގެ އިގުތިސާދަށާއި މަސައްކަތްތެރިންގެ މުސްތަގުބަލު އުޖާލާކުރުމަށް އެޅޭ ފިޔަވަޅެކެވެ.