Advertisement

މެމްބަރު ސިރާޖު ޕީޕީއެމްއަށް ސޮއިކޮށްފި

26 ސެޕްޓެންބަރު 2023 - 11:28 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު: އޭނާ ވަނީ ޕީޕީއެމްއަށް ސޮއިކުރައްވައިފައި


މެމްބަރު ސިރާޖު ޕީޕީއެމްއަށް ސޮއިކޮށްފި

26 ސެޕްޓެންބަރު 2023 - 11:28 0

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ރޭ ޕީޕީއެމްއަށް ސޮއިކުރައްވައިފި އެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި ސިރާޖު އެ ޕާޓީން ވަކިވެވަޑައިގެންނެވީ މިދިޔަ އޮގަސްޓް 21, ގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓޫ ޑރ. މުުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ.

ސިރާޖު ރަސްމީކޮށް ޕީޕީއެމްއަށް ސޮއިކުރައްވައި އެ ޕާޓީއާ ފޯމު ހަވާލުކުރެއްވީ ރޭ ލ. ގަމުގައި ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިންނެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ، އެމްޑީޕީ ދެބަައިވެ، ނަޝީދުގެ ފެކްޝަން އުފެދުނު އިރު ސިރާޖް އެ ފެކްޝަނާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ވެސް އަޑު ފެތުރުނެވެ. އެކަމަކު، އޭރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސިރާޖު ތާއީދު ކުރެއްވީ ރައީސް ސޯލިހަށެވެ.

ސިރާޖު ސިޔާސީ ދާއިރާއަށް ނިކުންނެވީ ރައްޔިތުންގެ މަޖިލީގުގެ 2019 ވަނަ އަހަރުގެ އިންތިހާބުންނެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ. އެގޮތުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

ސިރާޖު އާންމުންގެ ތެރޭގައި މަޝްހޫރުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޯޓުތަކާއި ޖުޑިޝަރީއަށް ފާޑުވިދާޅުވާން ފެއްޓެވުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑުކިޔައިގެން އޭނާގެ މައްސަލައެއް ޖުޑިޝަރީން އެއިރު ބެލި އެވެ. އޭގެ އިތުރުން، ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ޔާމީނަށް ބޮޑެތި ތުހުމަތުތަކެއްކޮށް އަދީބުގެ ފަރާތުން ނެރުނު ނޫސްބަޔާނަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ވެސް ކުރި އެވެ.