Advertisement

ހުއްދަ ނެތި އުތުރުތިލަފަޅަށް ދިޔަ މައްސަލަ ފުލުހަށް ހުށަހަޅައިފި

25 ސެޕްޓެންބަރު 2023 - 12:54 0

ނިމާ ހަސަން

ނިމާ ހަސަން

އުތުރު ތިލަފަޅު: ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހުއްދަ ނެތި އުތުރުތިލަފަޅަށް ދިޔަ މައްސަލަ ފުލުހަށް ހުށަހަޅައިފި

25 ސެޕްޓެންބަރު 2023 - 12:54 0

އުތުރުތިލަފަޅުގައި ގާއިމުކުރާ އެމްއެންޑީއެފް ސިފަވަރު ބަނދަރަށް ހުއްދަ ހޯދުމެއް ނެތި ވަނުމަށް މަސައްކަތްކޮށް, ވީޑިއޯ ކުރި މައްސަލަ އެމްއެންޑީއެފުން ފުލުހަށް ހުށަހަޅައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މިއަދު ފުލުހަށް މައްސަލަ ހުށަހެޅީ އުތުރުތިލަފަޅުގައި އޮންނަ އެމްއެންޑީއެފްގެ ސިފަވަރު ބަނދަރަށް ހުއްދަ ހޯދުމެއްނެތި ވަދެ ވީޑިއޯކޮށް، ވިޑިއޯ  އާންމު ކޮށްފައި ވާތީ ކަމަށެވެ.

އަދި އެ ރަށުގައި ހުރި އެމްއެންޑީއެފްގެ ސާޖެންޓް ފަސްޓް ކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެ, އެ ރަށަށް އަރަން އުޅުނު މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެކަމާ ގުޅިގެން ރޭ އެމްއެންޑީއެފުން ނެރުނު ނޫސްބަޔާނުގައި ބުނީ އިއްޔެގެ ވަގުތެއްގައި އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުންދާ ސިފައިންގެ ރަށް ކަމަށްވާ ސިފަވަރުގެ ބަނދަރަށް ލޯންޗެއްގައި ވަދެ އެ ރަށަށް އެރުމަށް މަަސައްކަތް ކޮށްފައިވަނީ "ދިޔަރެސް” ނޫހުގެ ނޫސްވެރިން ކަމަށެވެ.

ގާތްގަނޑަކަށް ހަތަރު މީހުން ލޯންޗެއްގައި ގޮސް އެ ރަށަށް އަރަން އުޅުމުން އެ މީހުން ހުއްޓުވާފައި ވަނީ އެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް ރޭންކުގެ އޮފިސަރެކެވެ.

ސަރުކާރުން ވަނީ އުތުރު ތިލަފަޅަކީ މީހުން ދިރިއުޅޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި އެ ތަނުން ގޯތި ދިނުމަށް ހުޅުވާލާފަ އެވެ. އެ ތަނުން 215 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ނިންމާފައިވާއިރު އެތަނާ އިންވެގެން އޮންނަނީ އެމްއެންޑީއެފްގެ ބޭނުމަށް ތަރައްގީ ކުރަމުންދާ ސިފަވަރެވެ.

ދުނިޔޭގެ ގައުމުތަކުގައި މިފަދަ އަސްކަރީ މަރުކަޒުތަކަށް ވަންނަން މަސައްކަތްކުރާ މީހުން ހުއްޓުވުމަށް ހަތިޔާރު ވެސް ބޭނުންކުރާ ކަމަށް ސިފައިން ރޭ ވަނީ ބުނެފަ އެވެ. އެގޮތުން, މި މައްސަލަ ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަމުގައި އުޅުނު މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދޭނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދައާ ނުލައި ވަނުން މަނާ ސަރަހައްދުތަކެވެ. މާލޭގައި ހުންނަ އެއްވެސް އެމްއެންޑީއެފްގެ ތަނަކަށް ނުވަތަ އަތޮޅު ތެރޭގައި ހުންނަ ކޮމާންޑް ސެންޓަރަކަށް ވެސް ވަދެވޭނީ ސިފައިންގެ ހުއްދައާ އެކު އެވެ.