Advertisement

ރޮޑްރީގެ ރަތް ކާޑާ އެކު ގާޑިއޯލާ އެރީ ރަތަށް!

24 ސެޕްޓެންބަރު 2023 - 10:55 0


ރޮޑްރީގެ ރަތް ކާޑާ އެކު ގާޑިއޯލާ އެރީ ރަތަށް!

24 ސެޕްޓެންބަރު 2023 - 10:55 0

މެންޗެސްޓާ (ސެޕްޓެމްބަރު 24) - ނޮޓިމްހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީގެ މިޑްފިލްޑަރު ރޮޑްރީ ރަތްކާޑު ހޯދުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، ކުޅުންތެރިން ރުޅި ކޮންޓްރޯލްކުރަން ދަސްކުރަން ޖެހޭކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީގެ ޑިފެންޑަރު ރޮޑްރީއަށް ސީދާ ރަތް ކާޑެއް ދެއްކީ ނޮޓިމްހަމް ފޮރެސްޓް އަތުން 2-0 އިން ސިޓީ މޮޅުވި މެޗު އެވެ. މި މެޗުގެ ދެ ވަނަ ހާފު ފެށިތަނާ، ފޮރެސްޓުގެ މޯގަން ގިބްސް-ވައިޓްގެ ކަރުގައި ރޮޑްރީ ހިފުމުން ރެފްރީ އެންތަނީ ޓޭލާ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާފަ އެވެ.

މިއީ 27 އަހަރުގެ ރޮޑްރީ އަށް އޭނާގެ ކެރިއަރުގައި ދެއްކި ފުރަތަމަ ރަތް ކާޑެވެ.

މި ރަތް ކާޑުގެ މެންޗެސްޓާ ސިޓީ ކުރިއަށް ކުޅެން އޮތް ތިން މެޗުގައިވެސް އޭނާ އަށް ނުކުޅެވޭނެ އެވެ. އޭގެ ތެރޭގައި ލީގުގެ ވާދަވެރި އާސެނަލްއާ ދެކޮޅަށް އަންނަ މަހުގެ ކުރީކޮޅު ކުޅޭ މެޗުވެސް ހިމެނެ އެވެ.

ރޮޑްރީގެ ރަތްކާޑާ ގުޅޭގޮތުން ސުވާލުކުރުމުން ހިތްހަމަ ނުޖެހިފައިހުރި ޕެޕް ގާޑިއޯލާ ބުނީ ކުޅުންތެރިން ރުޅި ކޮންޓްރޯލްކުރަން ދަސްކުރަން ޖެހޭކަމަށާއި، މިއީ ރޮޑްރީ އަށް ރަނގަޅު ފިލާވަޅަކަށް ވާނެ ކަމެއް ކަމަށް އުއްމީދުކުރާ ކަމަށެވެ.

ގާޑިއޯލާ ބުނީ ބެންޗުގައި އިންނައިރު ބައެއް ފަހަރު ޖަޒުބާތުގައި ޖެހި ކުރެވޭ ކަމަކުން އޭނާ އަށް ކާޑު ދެއްކިކަމުގައިވިޔަސް، ކުޅުންތެރިން ކުޅުމުން ބޭރުގައި ރުޅި ކޮންޓްރޯލް ނުކުރެވި ކުރާ ބޭކާރު ކަންކަމުން ކާޑު ހޯދައިގެން ނުވާނެ ކަމަށެވެ.

"މި ރަތްކާޑުގެ ސަބަބުން ރޮޑްރީ އަށް ފިލާވަޅެއް ލިބޭނެކަމަށް މި ބަލަނީ. ރުޅި ކޮންޓްރޯލްކުރަން އޭނާ އެބަޖެހޭ. ކުޅޭ ކުޅުންތެރިން ޖަޒުބާތުގައި ޖެހިގެން އެކަހަލަ ކާޑު ހޯދައިގެންނުވާނެ" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ވަނީ ރޮޑްރީގެ ރަތްކާޑަށްފަހު މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާ އެކު ކުޅުނު ނަމަވެސް އެ ޓީމުން ދެއްކި ކުޅުން ފާހަގަކޮށްފަ އެވެ. އަދި މި މެޗުން ވެސް މޮޅުވެ, ފޯމު ދެމެހެއްޓުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުންޏެވެ.

މެންޗެސްްޓާ ސިޓީއަށް ކުރިއަށް އޮތް މެޗަކީ އަންނަ ބުދަ ދުވަހުގެރޭ ލީގު ކަޕްގައި ކަޕްގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ވަނީ 1-0 އިން ބާންލީ ބަލިކޮށްފަ އެވެ. މި މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ގޯލު ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ.