Advertisement

އިދިކޮޅުގެ ފިތުނައިގަައި ނުޖެހޭތި، ދެ ހެލިކޮޕްޓަރު ވެސް ގެނައީ މި ސަރުކާރަކުން ނޫން: ޝާހިދު

23 ސެޕްޓެންބަރު 2023 - 23:04 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު :އިދިކޮޅުގެ ފިތުނައިގާ ނުޖެހުމަށް ގޮވާލާ ވިދާޅުވީ އިންޑިއާއިން ދެ ހެލިކޮޕްޓަރުވެސް ގެނައީ މި ސަރުކާރަކުން ނޫން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އިދިކޮޅުގެ ފިތުނައިގަައި ނުޖެހޭތި، ދެ ހެލިކޮޕްޓަރު ވެސް ގެނައީ މި ސަރުކާރަކުން ނޫން: ޝާހިދު

23 ސެޕްޓެންބަރު 2023 - 23:04 3

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރި ދެ ހެލިކޮޕްޓަރު ވެސް ގެނައީ މި ސަރުކާރުން ނޫން ކަމަށާއި އެކަން ކޮށްފައިވަނީ ކުރީގެ ސަރުކާރުތަކުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭނުގެ ތެރެއިން މިރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ އެފަދައިން ދޮގު ހަދައިގެން އިދިކޮޅުން ފިތުނަ ފަތުރަމުންދާ ކަމަށް ވިދާޅުވެ އެ ފިތުނައިގައި ނުޖެހުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.

"ދިވެހިރާއްޖެއަށް ފުރަތަމަ ހެލިކޮޕްޓަރެއް ގެނައީ 2011 ވަނަ އަހަރު އިންޑިއާއިން، އެ ހެލިކޮޕްޓަރު ގެންނެވީ ރައީސުލްޖުމްހުރިއްޔާ ކަމުގައި ރައީސް ނަޝީދު ހުންނެވިއިރު، ދެވަނަ ހެލިކޮޕްޓަރެއް ރާއްޖެ ގެނައީ 2016 ވަނަ އަހަރު، ރައީސުލްޖުމްހުރިއްޔާ ކަމުގައި ހުންނެވީ ރައީސް ޔާމީނު," ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވީ ވެސް އެ ދެ ހެލިކޮޕްޓަރުން ރާއްޖޭގައި ހިދުމަތް ދެމުން ދަނިކޮށް ކަމަށެވެ.

"މި ދެ ހެލިކޮޕްޓަރު ގެނައުމާއި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކާ އެއްވެސް ގުޅުމެއް ނެތް، އޭގަ އަޅާފައި އޮތް ސޮއެއް އަޅާފައިވަނީ ކުރީގެ ސަރުކާރުތަކުން،" އޭނާ ވިދާޅުވި އެވެ.

އައްޑޫގައި އިންޑިއާ ސަރުކާރުން އަޅަމުންދާ ޕޮލިސް އެކަޑަމީއަކީ ވެސް ކުރީގެ ސަރުކާރަކުން އެއްބަސްވެގެން އަޅަމުންދާ އިމާރާތެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އިންޑިއާއިން އައްޑޫ އަތޮޅުގައި އެ ބިނާއެއް ހަދަން ފަށާފައި އޮތީ ރައީސްކަމުގައި މުހައްމަދު ވަހީދު ހަސަންމަނިކު ހުންނަވަނިކޮށް، އޭރުގެ ހޯމް މިނިސްޓަރަކަށް ހުންނެވީ ޑރ. ޖަމީލު، އަޅުގަނޑުމެންނަކާ ބެހޭކަމެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް އިދިކޮޅުން ފަތުރަމުންދިޔަ ނަފުރަތުގެ ދޮގު ކަމަށާއި ނަމަވެސް އެއާ ހިލާފަށް އެ މަރުކަޒުގައި އިންޑިއާ ސިފައިން ނެތްކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"މިހާރު ދައްކަމުންދާ ވާހަކައަކީ އުތުރު ތިލަފަޅުގައި އަޅަމުންދަނީ އިންޑިއާގެ (އަސްކަރީ) މަރުކަޒެކޭ.އުތުރު ތިލަފަޅުގައި މިހަދާ އެމްއެންޑީއެފް ކޯސްޓްގާޑު ބަނދަރުގެ މަސައްކަތް ފެށި ތާރީހައް ބަލައިލާފިއްޔާ އަޅުގަނޑުމެންނަކާ ވާ ބެހޭކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ފާހަގަކުރެއްވީ އުތުރު ތިލަފަޅުގެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމެވެ. ޔާމީނުގެ ސަރުކާރުން އެއްބަސްވި ޑިފެންސް އެކްޝަން އެގްރީމެންޓުގައި ސޮއިކުރީ އެމަނިކުފާނު އިންޑިއާއަށް 2016 ގައި ކުރެއްވި ރަސްމީ ދަތުރުފުޅެއްގަ އެވެ.