Advertisement

މުއިއްޒު ހިންގެވި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަދާލަތު ޕާޓީގެ އިޔާދުގެ ފާޑުކިޔުން

23 ސެޕްޓެންބަރު 2023 - 13:05 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު -- ފޮޓޯ: ޝާބިން/އަދަދު


މުއިއްޒު ހިންގެވި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަދާލަތު ޕާޓީގެ އިޔާދުގެ ފާޑުކިޔުން

23 ސެޕްޓެންބަރު 2023 - 13:05 1

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހަތް އަހަރު ދުވަހު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިންގި މަޝްރޫއުތަކަށް އަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު ފާޑުވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހުވަދޫ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިޔާދު ވިދާޅުވީ، ހަތް އަހަރު ދުވަހު ޑރ. މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެއްކަމެއް ވެސް ކޮށްދިންތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.

"ޑރ. މުއިއްޒުގެ ހަތް އަހަރު ދުވަހުގެ މިނިސްޓަރު ކަމުގައި މާލޭ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންކަމެއްތޯ ކޮށްދިނީ އަޅުގަނޑުމެން ސުވާލުކޮށްލަން ޖެހޭ. ހަތް އަހަރު ދުވަހު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު މާލޭގެ ރައްޔިތުންނަށް އެންމެ ގޯއްޗެއް ވެސް ދޫކުރިތޯ،" އިޔާދު ވިދާޅުވި އެވެ.

މާލެއިން ދޫކުރި ގާކޮށި އަދި އަދި އަރަބިއްޔާ ފްލެޓުތައް ދޫކުރީ އެތަންތަނާ ނުބައްދަލު ބޮޑު އަގުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގުޅީފަޅުން ފުލެޓު ލިބުނު ފަރާތްތަކުގެ އަތުން ފުލެޓު އަތުލީ އެއްވެސް ބަދަލެއް ނުދީ. ފުލެޓު ލިސްޓަށް ކިހިނެއްތޯ ހެދީ. އެތައް ހާސް ރައްޔިތުންނެއް އެތައް ގަޑިއިރެއް އަވީގައި އެތައް ގަޑިއިރެއް ކިއުގައި ޖެހިގެން ފުލެޓަށް އެޕްލައި ކުރީމަ ވަކި ޖަގަހައެއްގަ، ވަކި ބޭފުޅަކު ހައްދަވާ ލިސްޓަކަށް ފުލެޓުތައް ބަހާލީ،" އިޔާދު ވިދާޅުވި އެވެ.

މާލޭގައި ދިރިއުޅޭ ގިނަ އާއިލާތަކުގެ ހާލަތު ބަޔާންކޮށްދެއްވަމުން އިޔާދު ވިދާޅުވީ އެތައް ރަށެއްގެ ގިނަ އާއިލާތަކެއް ދިރިއުޅެމުން އަންނަ އިރު އެމީހުން އުޅެމުން ދަނީ ވަރަށް ދަތި ހާލުގައި، ކުދި ތަންތަންކޮޅުގައި ކަމަށެވެ.

"ކުދިކުދި ކޮޓަރިތަކުގައި ކައްކައި ކައި ބޮއި ޑިއުޓީ ބަހައިގެން ފާހާނާކޮށް، ނިދާ މިފަދަ ހާލެއްގައި އުޅެމުން ދަނީ. ނަތީޖާއެއްގެ ގޮތުން ކިތައް އާއިލާތޯ ރޫޅިގެން ދަނީ. ކިތައް އާއިލާތޯ އިޖްތިމާއީ އެތަކެއް މައްސަލަތަކަށް ހުށަހެޅިގެން ދިޔައީ،" އިޔާދު ވިދާޅުވި އެވެ.