21 ސެޕްޓެންބަރު 2023 - 22:25 0
އަމަން ހަލީމް
ރިޔާސީ އިންތިހާބުގެ ފުރަމަތަ ބުރުގެ ވޯޓުތައް ގުނަނީ: އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ ސެޕްޓެމްބަރު 30ގައި -- ފޮޓޯ/އަބްދުﷲ އިޔާން
21 ސެޕްޓެންބަރު 2023 - 22:25 0
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެހެން ތަންތަނުގައި ވޯޓުލާ މީހުންގެ ރީ-ރަޖިސްޓްރޭޝަން މަސައްކަތް ނިންމާ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން އިލެކްޝަން ކޮމިޝަން (އީސީ)އިން މިރޭ ހުޅުވާލައިފި އެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ވާން 47،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ދެ ވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ފަރާތްތައް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ މިހާރު އާންމުކޮށްފައިވާ ކަމަށެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިރެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 09:00 ގެ ނިޔަލަށް އެ ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ. މި ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކޮށް ފެންނަން ހުންނާނެ އެވެ.
ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަނީ "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" އިންނެވެ. މި ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ އެވެ.
މާލެ ނޫން ރަށްރަށުގައި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި ސިޓީތަކުގައި، ސީޓީ ކައުންސިލް އިދާރާތަކުންނެވެ. މާލޭގައި ނަމަ، ފޯމު ބަލައިގަންނާނީ އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގެއިންނެވެ.
ރާއްޖެއިން ބޭރުގައި ނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރެވިފައިވާ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކުންނެވެ.
ހަބީބު ވިދާޅުވި ގޮތުގައި މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅޭނީ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ތަނުގެ މަޢުލޫމާތާ ގުޅޭ ގޮތުން އެކަންޏެވެ. އެހެންކަމުން އީސީ އިން ވަނީ ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި، ވޯޓުލާ މީހުންގެ ލިސްޓު ޗެކް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
އީސީން މިގޮތަށް އިލްތިމާސްކޮށްފައި ވަނީ ރީ-ރަޖިސްޓްރޭޝަންގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެ ޕާޓީއާ ގުޅިފައިވާ އެމްއެންޕީ އިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ނަމަވެސް މިފަދަ ކަމެއް ނުހިނގާ ކަމުގެ ޔަގީންކަން އެ ކޮމިޝަނުގެ މެމްބަރުން ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ.
Comment