Advertisement

މުއިއްޒު މަސައްކަތް އެ ކުރަނީ އެޗްއާރުސީއެމްގެ ބާރު ކަނޑުވާލަން: ޖީހާން

21 ސެޕްޓެންބަރު 2023 - 19:59 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ހުޅުދުއްފުށީގެ ޖަލްސާގައި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މުއިއްޒު މަސައްކަތް އެ ކުރަނީ އެޗްއާރުސީއެމްގެ ބާރު ކަނޑުވާލަން: ޖީހާން

21 ސެޕްޓެންބަރު 2023 - 19:59 1

ގާނޫނުއަސާސީގައި ބަޔާންކުރާ ހައްގުތައް ލިބޭކަން ކަށަވަރުކުރަން އާ މުއައްސަސާއެއް އުފައްދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ އެޗްއާރުސީއެމްގެ ބާރު ކަނޑުވާލުމަށް ކަމަށް ބުނެ، އެ ކޮމިޝަންގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

"މިއީ ހަމަ އެޗްއާރްސީއެމްގެ ބާރު ކަނޑާލަން ކުރާކަމެއް. އަލުން އެޓޯލްސް މިނިސްޓްރީ ހަދައިގެން އެލްޖީއޭގެ ބާރު ކަނޑަން އުޅޭ ގޮތަށް ކުރާ ކަމެއް. މިނިވަން މުއައްސަސާތަކުގެ ބާރުތައް އަތުލައި ސަރުކާރަށް ބާރު ޖަމާކުރުމަށް މަސައްކަތްކުރާތީ ކަންބޮޑުވޭ،" ޖީހާން އޭނާގެ ފޭސްބުކްގައި މިއަދު ލިޔުއްވާފައިވެ އެވެ.

ސެޕްޓެމްބަރު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނުގައި ރޭ ރ. ހުޅުދުއްފާރުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަން ވެގެންދާނީ އަދުލުވެރި އަދި އިންސާފުވެރި ސަރުކާރެއްގެ ގޮތުގައި ކަމަށެވެ. އެކަން ކަށަވަރުކުރުމަށްޓަކައި، ހައްގެއް ނުލިބޭ ކަމުގެ ޝަކުވާ ހުށަހެޅޭނެ މުވައްސަސާއެއްގެ ގޮތުގައި، އެހެން ގައުމުތަކުގައި ހުންނަ "ސިވިލް ރައިޓްސް ޑިޕާޓްމެންޓް" ފަދަ އޮފީހެއް އުފައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގައި އެޗްއާރުސީއެމްގެ މަސައްކަތަށް ސުޕްރީމް ކޯޓު މެދުވެރިކޮށް ވެސް ނުފޫޒު ފޯރުވި ކަމަށް ޖީހާން ވިދާޅުވި އެވެ. މުއިއްޒުގެ ވާހަކަތަކުގެ ސަބަބުން އެ ހަނދާންތައް އާވެގެން ދިޔަ ކަމަށާއި އެ ވާހަކަތައް އަޑުއަހަން ވެސް އުނދަގޫވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ހިތުނިޔަތް، ވިސްނުން އޮޅިފައެއް ނެތް. އަދި އެ ކަޅުދުވަސްތަކުގެ ހަނދާންތައް ނެތިގެން ނުވާނެ ދިވެހިން. އެ ރޫހު މިހާރު ވެސް އެ ފެންނަނީ،" އަދަދު ނޫހާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

އެޗްއާރުސީއެމްއިން 2014 ވަނަ އަހަރު އާންމުކުރި ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ރިޕޯޓުގައި، "އެކްސެސް ޓު ޖަސްޓިސް" ގެ ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުމުގައި ފާހަގަކޮށްފައިވާ ވާހަކަތަކަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ އަމަލެއް ކަމުގައި ބަލައި، ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގައި އެޗްއާރުސީއެމްއެޗްގެ މެމްބަރުންގެ މައްސަލަ ބެލި އެވެ.

އެ ރިޕޯޓުގައި ކޮމިޝަނުން ބުނެފައި އޮތީ ގާނޫނުގައި ބަޔާންކޮށްފައިވާ ސާފު އިޖުރާއަތުތަކާ ހިލާފު ބައެއް އަމަލުތައް ސުޕްރީމް ކޯޓުން ކުރަމުން ގެންދާކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލުކުރުމާއި، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ފިޔަވަޅު އެޅުމާއި، ދަށު ކޯޓުގައި ހިނގަމުންދާ ބައެއް މައްސަލަތައް ހުއްޓުވައި، އެ މައްސަލަތަކުގެ ލިޔުންތައް ސުޕްރީމް ކޯޓަށް ފޮނުވުމަށް އެންގުން ހިމެނެ އެވެ.