Advertisement

އާސެނަލަކީ ޗެމްޕިއަންސް ލީގު ފެންވަރު ކްލަބެއް: އާޓެޓާ

20 ސެޕްޓެންބަރު 2023 - 12:01 0


އާސެނަލަކީ ޗެމްޕިއަންސް ލީގު ފެންވަރު ކްލަބެއް: އާޓެޓާ

20 ސެޕްޓެންބަރު 2023 - 12:01 0

ލަންޑަން (ސެޕްޓެމްބަރު 20) - ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އާސެނަލުން ޗެމްޕިއަންސް ލީގުގައި ވާދަކުރަން ތައްޔާރުވަމުން އަންނައިރު، އެ ޓީމަކީ ހަގީގަތުގައި އެ ޗެމްޕިއަންސް ލީގުގެ ފެންވަރު ކްލަބެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅެފައިވަނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން، އާސެނަލަށް ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބި ހުރުމަށް ފަހު، މި ސީޒަނުގައި މި ވަނީ ޔޫރަޕްގެ އެންމެ ވަރުގަދަ ކްލަބް ފުޓްބޯޅަ މުބާރާތުން ފުރުސަތު ހޯދައިފަ އެވެ.

އާސެނަލް ވަނީ މީގެ ކުރިން ޖެހިޖެހިގެން 20 އަހަރު ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ނިންމައި ޗެމްޕިއަންސް ލީގުގައި ކުޅެފަ އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަންއާ ދެކޮޅަށް އާސެނަލުން ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާޓެޓާ ބުނީ އާސެނަލަކީ ޒަމާނުއްސުރެ ޗެމްޕިއަންސް ލީގުގައި ގަވާއިދުން ވާދަކުރަމުން އަންނަ ޓީމެއް ކަމަށާއި އެކަމަކު، މި އައި މެދުކެނޑުމަކީ ކްލަބަށް ވެސް އެކި ބަދަލުތަކެއް އައި އަހަރުތަކެއް ކަމަށެވެ.

"ޔަގީނުން ވެސް އާސެނަލަކީ މި ލެވަލްގެ ކްލަބެއް. މި މެދުކެނޑުން މި ގޮތަށް އައި ކަމުގައި ވިޔަސް އާސެނަލްގެ ލެވަލާ މެދު ސުވާލެއް ނެތް. އަހަރެމެން ބޭނުން އަލުން ޗެމްޕިއަންސް ލީގުގައި ކުޅެލަން މި ލިބުނު ފުރުސަތުގެ ބޭނުންވީ އެންމެ ރަނގަޅަށް ހިފަން،" ކުރިން ޗެމްޕިއަންސް ލީގުގައި އާސެނަލަށް ކުޅުނު އާޓެޓާ ބުންޏެވެ.

"މި ކްލަބްގައި ހުރެ އަހަރެން ވެސް ޗެމްޕިއަންސް ލީގުގައި ކުޅެ، ވަރަށް ރަނގަޅު ހަނދާންތަކެއް އެބަހުރި، އެހެންވީމަ އެ ފަދަ ކަންކަން އަލުން މި ޓީމަށް ގެެނެސްދީ ކާމިޔާބު ހޯދަން ބޭނުން،"

އާޓެޓާ ބުނީ މިއީ ހެޑް ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގުގައި އޭނާގެ ވެސް ފުރަތަމަ ތަޖުރިބާ ކަމަށާއި އެހެންވުމުން ފުރަތަމަ ދުވަހު ވެސް ޓާގެޓްތަކެއްގެ ވާހަކަ ދައްކައިގެން ޕްރެޝަރުތަކެއްގެ ތެރޭގައި އުޅެން ބޭނުންނުވާ ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން އާސެނަލުން އެވަޓަންއާ ބައްދަލުކުރި މެޗުގައި އާސެނަލްގެ ގޯލު ބެލެހެއްޓުމުގެ ފުރުސަތު އާރޮން ރަމްސްޑޭލްގެ ބަދަލުގައި ޑޭވިޑް ރާޔާ އަށް ދިނުމުން އެކަމަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އާޓެޓާ ބުނީ ޓީމުގެ އެ ފަދަ ނިންމުންތަކުގެ ވާހަކަ މީޑިއާގައި އެހާ ގިނައިން ދައްކަން ބޭނުންނުވާ ކަމަށާއި އެ ކުޅުންތެރިންނަށް އެކަންކަން ހިއްސާކޮށްފައިވާނެ ކަމަށެވެ.

އާސެނަލާއި ޕީއެސްވީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.