2 ނޮވެންބަރު 2023 - 12:56 0
އަމަން ހަލީމް
ރައީސް އޮފީސް: ބަދަލު ދިނުމުގެ މައްސަލަތަކުގައި ގޮތް ނިންމާ ސެޓްލްމަންޓް ކޮމިޓީ ހިންގަނީ ރައީސް އޮފީހުގެ ބެލުމުގެ ދަށުން -- އަބްދުﷲ އިޔާން/އަދަދު
2 ނޮވެންބަރު 2023 - 12:56 0
ކޯޓުތަކުން ކުރާ ހުކުމްތަކާ ގުޅިގެންނާއި ސެޓްލްމަންޓުގެ ގޮތުގައި ފައިސާ ދޫކުރަން މި އަހަރުގެ ނިޔަލަށް 397 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފި އެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި ބަދަލު ދޭން ބަޖެޓު ކުރީ 100 މިލިއަން ރުފިޔާ އެވެ. ނަމަވެސް, ފަހުން ހުށަހެޅި ސަޕްލިމެންޓު ބަޖެޓުގައި އަދި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުން އެނގޭ ގޮތުގައި ފިނޭންސުން މިހާރު އަންދާޒާކުރަނީ މީގެ ހަތަރު ގުނަ ހަރަދުވާނެ ކަމަށެވެ.
ބަދަލުގެ ގޮތުގައި ދޭން ބަޖެޓު ކުރި ފައިސާއަށް މިވަރުގެ ބޮޑު ބަދަލެއް އައި ނަމަވެސް، ބަޖެޓު ފޮތަކުން އެއީ ކޮން މައްސަލަތަކަކާ ގުޅިގެން ފައިސާ ދޭން ޖެހިގެން އައި ބަދަލުތަކެއް ކަމެއް ސާފެއް ނޫނެވެ. އާންމުކޮށް ބަޖެޓު ފޮތްތަކުގައި މި ތަފުސީލުތަކެއް ނުވެސް ހިމަނަ އެވެ.
މި ތަފްސީލުތައް ހޯދަން މަސައްކަތް ކުރި އިރު، ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ފޯނަށް ޖަވާބު ނުދޭތީ މިނިސްޓްރީން ވެސް މި މައުލޫމާތު ލިބޭ ގޮތެއް އަދި ނުވެ އެވެ.
އިތުރަށް ހަރަދުވަ ފައިސާގެ ތަފުސީލުތައް ނޭނގުނު ނަމަވެސް، މި އަހަރަށް ބަޖެޓު ކުރި ފައިސާ ހަރަދުވީ ގޮތް ފިނޭންސުން އާންމުކުރި ފިސްކަލް ހިރާސްތަކުގެ ބަޔާނުން އެނގެ އެވެ. އެ ބަޔާނުގައިވާ ގޮތުގައި މި އަހަރުގެ މޭ މަހުގެ ނިޔަލަށް ބަޖެޓު ކުރި 100 މިލިއަން ރުފިޔާގެ ތެރެއިން 95.5 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ވަނީ ދައްކާފަ އެވެ.
ބަދަލުގެ ގޮތުގައި ދެއްކި ފައިސާގެ ތެރެއިން 96 ޕަސެންޓަކީ މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރި ކޮންޓްރެކްޓަރު، ޓަފް ކުންފުނިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައާ ގުޅިގެން ދައްކަން ޖެހުނު ފައިސާ އެވެ. މި މައްސަލަ ނިންމަން ދައުލަތުން 92.5 މިލިއަން ރުފިޔާ ދެއްކި އެވެ.
ބާކީ ތިން މިލިއަން ރުފިޔާ ހަރަދުވީ ސިވިލް ސާވިސް ކޮމިޝަނުގެ ދަށުން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ހިންގަމުން ދިޔަ އިރު މިނިސްޓްރީގައި މަސައްކަތް ކުރި މުވައްޒަފުންނަށް "ސްޕެޝަލް ޑިއުޓީ އެލަވަންސް"ގެ ގޮތުގައި ނުދައްކާވާ ފައިސާ ދެއްކުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމަކަށް ދެއްކި ފައިސާ އެވެ.
ބަދަލުގެ ގޮތުގައި އަމިއްލަ ކުުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދޭ މައްސަލަތަކުގައި މި ސަރުކާރަށް އަމާޒުވާ ފާޑުކިޔުން ބޮޑެވެ. ވަކިން ހާއްސަކޮށް، ބަދަލު ދިނުމުގެ މައްސަލަތަކުގައި ގޮތް ނިންމާ ސެޓްލްމަންޓް ކޮމިޓީއަށް އަމާޒުވާ ފާޑުކިޔުން ބޮޑެވެ. މި ކޮމިޓީ ހިންގަނީ ރައީސް އޮފީހާއި ބަންޑާރަ ނައިބު އޮފީހުގެ ބެލުމުގެ ދަށުންނެވެ.
އެކި މަސްދަރުތަކުން ލިބެން ހުރި މައުލޫމާތަށް ބަލާއިރު، މި ސަރުކާރުން ވަނީ ވޭތުވި ހަތަރު އަހަރުގެ ތެރޭގައި (އެއީ 2019-2022 އަށް) ބަދަލުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ދައްކާފަ އެވެ. މި އަހަރުގެ ތެރޭގައި ހަރަދުވާ ފައިސާއާ އެކީ މި އަހަރު ދެ ބިލިއަން ފަހަނައަޅާ ދާނެ އެވެ.
ސަރުކާރުން މިހާތަނަށް ބަދަލު ދީފައިވާ މައްސަލަތަކުގެ ތެރޭގައި ނޫމަޑި މައްސަލަ އާއި ބިގް އިންވެސްޓްމަންޓްސް އާއި ބޯޑަރު ސިސްޓަމްގެ މައްސަލައިގައި ދައްކަން ޖެހުނު ފައިސާތަކުގެ މައްސަލަތައް ފާހަގަކޮށްލެވެ އެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ބަދަލެއް ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދުވަސްވަރު ތަރައްގީގެ އެކި ޕްރޮޖެކްޓުތައް ހިންގަން ހަވާލުކުރި ނޫމަޑިއަށެވެ.
Comment