ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ސެޕްޓެމްބަރު 19) - އަލް ހިލާލްގައި ނޭމާގެ އަސްލު ކުޅުން ދައްކަން ވަގުތު ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ޖޯޖް ހެސޫސް ބުނެފި އެވެ.
އޭޝިއާގެ މައި ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ޗެމްޕިއަންސް ލީގުގައި ރޭ ނޭމާ ކުޅެމުން އަންނަ އަލް ހިލާލް ކުޅުނު ފުރަތަމަ މެޗުން ވަނީ އުޒްބަކިސްތާނުގެ ނަވްބަހޯއާ 1-1 އިން އެއްވަރުވެފަ އެވެ. މިއީ ނޭމާ، ފުރަތަމަ އެގާރައިގައި ހިމެނިގެން އަލް ހިލާލް އަށް ކުޅެދިން ފުރަތަމަ މެޗެވެ.
ޕީއެސްޖީ ދޫކޮށް 20 މިލިއަން ޑޮލަރުގެ ފީ އަކަށް ނޭމާ އަލް ހިލާލް އަށް ބަދަލުވުމަށް ފަހު ދެ މެޗެއްގައި ކުޅެފައިވާއިރު، އަދި މާ ބޮޑު ތަފާތެއް ނުދެއްކެ އެވެ. ރޭގެ މެޗަށް ފަހު ނޭމާއާ ގުޅޭގޮތުން އަމާޒުވި ސުވާލަށް ޖަވާބު ދެމުން ހެސޫސް ބުނީ ނޭމާގެ ފެންވަރާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށާއި އެހެން ނަމަވެސް ސައުދީގައި ފުޓްބޯޅަ މި ކުޅޭ މާހައުލުގައި ހުރި ކަންތައްތަކަށް ހޭނެން ނޭމާ އަށް ވަގުތު ބޭނުންވާނެ ކަމަށެވެ.
"ފުޓްބޯޅަ ކުޅޭ މާހައުލުތައް މި ހުންނަނީ އެކި ގޮތަށް، އެކި ބައްރުތަކުގެ ފުޓްބޯޅަ ސްޓައިލް ވެސް ތަފާތު، ކިތަންމެ މޮޅު ކުޅުންތެރިއަކަށް ވެސް މި ކަންކަން ދަސްކުރަން ވަގުތު ބޭނުންވާނެ، ނޭމާ އަށް ވެސް އޮތީ އެ ގޮތް،" ކުރިން ބެންފީކާ އަށް ކޯޗުކޮށްދިން ހެސޫސް ބުންޏެވެ.
އަލް ހިލާލް ހިމެނޭ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ރޭ އިރާނުގެ ނައްސަޖީ މަޒަންދަރަން ވަނީ 2-0 އިން އިންޑިއާގެ މުމްބާއީ ސިޓީ ބަލިކޮށްފަ އެވެ. މި މެޗު ކުޅެފައިވަނީ މުމްބާއީގަ އެވެ. އަލް ހިލާލް ދެ ވަނަ މެޗުގައި ނުކުންނާނީ ނައްސަޖީއާ ދެކޮޅަށެވެ.
އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކާމިޔާބު ޓީމެއް ކަމަށްވާ ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދުން ވަނީ ރޭ ކުޅުނު ގްރޫޕް ސީގެ މެޗުން އުޒްބަކިސްތާނުގެ އޭޖީއެމްކޭ 3-0 އިން ބަލިކޮށްފަ އެވެ.
އަނިޔާގެ ސަބަބުން ރޭގެ މެޗުގައި އަލް އިއްތިހާދުގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ، މި މެޗުގައި ނުކުޅެ އެވެ. އެކަމަކު އަލް އިއްތިހާދުން ގެނައި ބްރެޒިލްގެ ފަބީނިއޯ އާއި ފްރާންސްގެ އެންގޯލޯ ކާންޓޭ ރޭގެ މެޗުގައި ކުޅެފައިވެ އެވެ. އަލް އިއްތިހާދުން ތިން ގޯލު ވެސް ޖެހީ މި މެޗުގެ ފުރަތަމަ ހާފުގަ އެވެ. އެ ޓީމުން ލަނޑުތައް ޖެހީ ކަމާރާ އާއި ރޮމަރީނިއޯ އެވެ.
Comment