Advertisement

ޗެލްސީ އަށް ހާސްކަން، އާސެނަލަށް މުހިންމު މޮޅެއް

18 ސެޕްޓެންބަރު 2023 - 09:16 0


ޗެލްސީ އަށް ހާސްކަން، އާސެނަލަށް މުހިންމު މޮޅެއް

18 ސެޕްޓެންބަރު 2023 - 09:16 0

ލަންޑަން (ސެޕްޓެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީ އާއި ބޯންމައުތު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، އާސެނަލުން ރަށުންބޭރުގައި 1-0 އިން އެވަޓަން އަތުން މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު އާސެނަލް ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އާއި ތިން ވަނައިގައި އޮތް ލިވަޕޫލް އަދި ހަތަރެއްގައި އޮތް އާސެނަލަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފަ އެވެ.

އަނިޔާގެ މައްސަަލަތައް ބޮޑުވެފައި އޮތް ޗެލްސީ އަށް ރޭގެ މެޗުގައި ބޯންމައުތު ކޮޅަށް ގޯލެއް ޖެހޭގޮތެއްނުވި އެވެ. ޗެލްސީގެ ރަހީމް ސްޓާލިން ގޯލެއް ޖެހުމާ ގާތަށް ޖެހިލިއިރު، އެ ޓީމުގެ ކޮނާ ގެލަގާ ޖެހި ޝޮޓެއް ބޯންމައުތު ކީޕަރު ނެޓޯ ވަނީ މަތަކޮށްފަ އެވެ. ބޯންމައުތަށް ވެސް މެޗުން މޮޅުވާން ފުރުސަތު ލިބުނުއިރު، އެ ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒްގެ ހުށިޔާރުކަން ފެނިގެންދިޔަ އެވެ. އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ބޯންމައުތުގެ ޑޮމިނިކް ސޮލާންކޭ އެވެ.

ޗެލްސީ އާއި ބޯންމައުތު ބައްދަލުކުރި މެޗަކީ މި ފަހަރުގެ ޕްރިމިއާ ލީގު ސީޒަނުގައި ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ މެޗެވެ. ލީގު ތާވަލުގައި ފުރަތަަމަ ފަސް މެޗަށް ފަހު ޗެލްސީ އޮތީ ފަސް ޕޮއިންޓާ އެކު 14 ވަނައިގަ އެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެޓޭކުގައި ލިބޭ ފުރުސަތުތައް ބޭނުންނުހިފުމަކީ މި ވަގުތަށް އޮތް ބޮލުގެ ރިހުމެއް ކަމަށާއި އަނިޔާގެ މައްސަލަތަކުގެ ސަބަބުން ހާސްވާން ޖެހޭ ކަންކަން ވެސް އެބަހުރި ކަމަށެެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ގަބްރިއެލް މާޓިނެލީ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެވެ. މާޓިނެލީ އަނިޔާވެގެން ފުރަތަމަ ހާފުގައި ވަނީ ބަދަލުކޮށްފަ އެވެ.

ރޭގެ މެޗުގެ ކުރިން، އެންމެ ފަހުން އެވަޓަން ދަނޑުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އާސެނަލް ބަލިވިއިރު، މި މެޗަށް އެ ޓީމުން ނުކުތީ ހާލަތު ބަދަލުކުރުމުގެ ވިސްނުމުގަ އެވެ. އެ ގޮތުން، އާސެނަލަށް މި މެޗުގެ މޮޅު ހޯދައިދިން ގޯލު ޖެހީ ލެއަންޑްރޯ ޓްރޮސާޑް އެވެ. ބަދަލަކަށް ކުޅެން އެރި ޓްރޮސާޑް މި ގޯލު ޖެހި މެޗުގެ 69 ވަނަ މިނިޓްގައި އޭރިއާތެރެއިން ބުކާޔޯ ސަކާ ދިން ބޯޅައަކުންނެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އެވަޓަން ދަނޑުގައި މި ލިބުނީ މުހިންމު ތިން ޕޮއިންޓް ކަމަށާއި ސީޒަނުގެ ފަހުކޮޅުގައި މި ޕޮއިންޓްތަކުގެ މުހިންމުކަން އެނގޭނެ ކަމަށެވެ.