Advertisement

އާސެނަލްގެ ސަކާ އަށް ލިބުނު އަނިޔާ ސީރިއަސްވުމުގެ ބިރު އެބައޮތް

about 7 hours 0


އާސެނަލްގެ ސަކާ އަށް ލިބުނު އަނިޔާ ސީރިއަސްވުމުގެ ބިރު އެބައޮތް

about 7 hours 0

ލަންޑަން (ޑިސެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން 5-1 އިން ކްރިސްޓަލް ޕެލަސް ބަލިކުރި މެޗުގައި އާސެނަލްގެ ވިންގް، ބުކާޔޯ ސަކާ އަށް ލިބުނު އަނިޔާ ސީރިއަސް ވުމުގެ ބިރު އޮތް މޭރުމުން އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ވާހަަކަ ދައްކައިފި އެވެ.

ސަކާ، 23، ގެ ފަލަމަސްގަނޑަށް ރޭގެ މެޗުގެ ކުރީކޮޅުގައި ލިބުނު އަނިޔާއާ ހެދި އޭނާ އަށް ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލުކުރީ 24 ވަނަ މިިނިޓްގަ އެވެ. މެޗަށް ފަހު، ޓީމުގެ ބަހަށް އެރިއިރު، ސަކާ ހުރީ ޕްރޮޓެކްޓިވް ބޫޓަކަށް އަރައިގެންނެވެ. މިއީ، ސީރިއަސް އަނިޔާއެއް ލިބޭ ކުޅުންތެރިން ބޭނުންކުރާ ބޫޓެކެވެ.

"ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ހެދި ސަކާ އަށް މެޗު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނުމުން ބަދަލުކުރީ. އޭނަ ވަރަށް ރަނގަޅަށް ބަލަންޖެހޭ. އަހަރެން ވަރަށް ކަންބޮޑުވެފައި މި ހުރީ މި ކަމާ ހެދި،" އާޓެޓާ ބުންޏެވެ. "ވަރަށް އުނދަގޫ މިހެން ހުރެފައި ކިހާ ދުވަހެއް ނަގާނެތޯ އެނބުރި އަންނަން، އެހެން ބުނަން، ޔަގީނުން ވެސް ޓެސްޓްތަކެއް ހަދައިގެން ބުނަން އެނގޭނީ،"

ސަކާގެ ބަދަލުގައި އާސެނަލުން ބޭނުންކުރަން ހުރި ރަހީމް ސްޓާލިން އަށް ވެސް ވަނީ އަނިޔާވެފަ އެވެ. އާޓެޓާ ބުނީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވާ ދަނޑިވަޅެއްގައި، ކުޅުންތެރިންތަކެއް ގެއްލުމަކީ ގޮންޖެހުމެއް ކަމަށް ބުނެފަ އެވެ.


އަނިޔާއާ ހެދި ސަކާ އަށް މި ސީޒަނުގައި ދެ މެޗެއް ވަނީ ގެއްލިފަ އެެވެ. އެއީ، އިންގްލެންޑަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ހެދި އެވެ. އަދި ނޮވެމްބަރު މަހު، ޗެލްސީއާ ދެކޮޅަށް އާސެނަލުން ކުޅުނު މެޗުގައި ވެސް ސަކާ އަށް އަނިޔާވި އެވެ. އެ ފަހަރު، އޭނާ އަށް ގެއްލުނީ އިންގްލެންޑްގެ މެޗުތަކެވެ. އާސެނަލުން ކުޅެން އޮތް މެޗަށް ފިޓްވެގެން އެނބުރި އަ އެވެ.

މިއީ، ސަކާ އަށް އެއް ސީޒަނެއްގައި ކުރިމަތިވި ފަލަމަސްގަނޑުގެ ތިން ވަނަ އަނިޔާ އެވެ. އެކަމަކު، އާޓެޓާ ވަނީ މިއީ އެއް އަނިޔާއެއް ތަކުރާރުވަނީތޯ ކުރެވޭ ސުވާލުތަކަށް ސީދާ ޖަވާބެއް ދެވޭނީ ޓީމުގެ މެޑިކަލް ޑިޕާޓްމަންޓުން ޔަގީންކުރަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ.

ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް 15 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ ދެ ވަނައިގައި އޮތީ 16 މެޗުން 34 ޕޮއިންޓާ އެކު އެވެ. އާސެނަލުން 17 މެޗު ކުޅުނުއިރު، އެ ޓީމަށް ވަނީ 33 ޕޮއިންޓް ލިބިފަ އެވެ.