Advertisement

ކޮލިފައިންގެ ކުރިން ގައުމީ ކްރިކެޓް ޓީމު ލަންކާގައި ކޭމްޕްކުރަނީ

17 ސެޕްޓެންބަރު 2023 - 18:09 0


ކޮލިފައިންގެ ކުރިން ގައުމީ ކްރިކެޓް ޓީމު ލަންކާގައި ކޭމްޕްކުރަނީ

17 ސެޕްޓެންބަރު 2023 - 18:09 0

އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރުމުގެ ކުރިން ގައުމީ ކްރިކެޓް ޓީމުން ސްރީ ލަންކާގައި ކޭމްޕެއް ކުރިއަށްގެންދާނެ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ހާމަކޮށްފި އެވެ.

ގަތަރުގައި މި މަހުގެ 25 އިން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އައިސީސީ ޓީ20 ވޯލްޑް ކަޕްގެ ކުރިން ލަންކާގައި އަށް ދުވަހުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންދަން ހަމަޖެހިފައިވެ އެވެ. މި ކޭމްޕްގެ ތެރެއިން ޖުމްލަ އެކު، ހަތަރު މެޗެއް ކުޅޭނެ އެވެ.

ގައުމީ ކްރިކެޓް ޓީމުގެ ޓްރެއިނިން ކަންކަން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ޖޫން މަހު ގައުމީ ކްރިކެޓް ޓީމަށް ހަމަޖެއްސި ސްރީ ލަންކާގެ ކޯޗު، ޕަސިންދު ލިޔަނާރަޗީގެ ބެލުމުގެ ދަށުންނެވެ. ޕަސިންދުގެ ބެލުމުގެ ދަށުން ޓްރެއިނިންތައް ކުރިއަށް ގެންގޮސް ބައިނަލްއަގުވާމީ މުބާރާތްތަކަށް ޓާގެޓްތަކެއް ކަނޑައަޅައިގެން މި ވަނީ ތައްޔާރުވެފަ އެވެ.

"އަދަދު" އަށް ދިން އިންޓަވިއުއެއްގައި ޕަސިންދު ބުނެފައިވަނީ ހުނަރު ހުރި ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގައި އެބަތިބި ކަމަށާއި ބޭނުންވަނީ މީގެ ފޯކަސް ބަހަައްޓައިގެން، އިންޓަނޭޝަނަލް ލެވަލްގައި ކުޅެވޭނެ ވަރަށް ތައްޔާރުވުން ކަމަށެވެ.

ރާއްޖޭގެ ކްރިކެޓް ޓީމުތައް މި މަހު 23 ގައި ޗައިނާގެ ހަންގްޒޫގައި އޮތް އޭޝިއަން ގޭމްސް އާއި އަންނަ މަހު މެލޭޝިއާގައި އޮތް 19 އަހަރުން ދަށުގެ އޭސީސީ ޗެލެންޖް މުބާާރާތުގައި ވެސް ވާދަކުރާނެ އެވެ.