16 ސެޕްޓެންބަރު 2023 - 16:23 0
16 ސެޕްޓެންބަރު 2023 - 16:23 0
މިލާން (ސެޕްޓެމްބަރު 16) - އިޓަލީގެ ޔުވެންޓަސް އަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނުއިރު، އެ ޓީމުން އޭނާ އަށް ދޭން ޖެހޭ މުސާރައިގެ ކަންކަން ނިންމާފައިނުވާތީ އެ ޓީމު ގޮވައިގެން ކޯޓަށް ދާން ނިންމައިފި އެވެ.
ކޮވިޑް-19ގެ ދުވަސްވަރު ޔުވެންޓަސް އިން އޭރު އެ ޓީމަށް ކުޅުނު ބައެއް ކުުޅުންތެރިންގެ މުސާރަ ބަހާލައިގެން ދޭނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލި އެވެ. އެ ގޮތުން، އޭރު ރޮނާލްޑޯ އަށް ދޭން ޖެހޭ 20 މިލިއަން ޑޮލަރު އަދިވެސް މިހާތަނަށް އައިއިރު ޔުވެންޓަސް އިން ދައްކާފައިނުވެ އެވެ.
އެ މައްސަލައިގައި ރޮނާލްޑޯގެ ވަކީލުންގެ ޓީމުން މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ ޔުވެންޓަސް ގޮވައިގެން ކޯޓަށް ދިއުމަށެވެ.
މީގެ ދެ އަހަރު ކުރިން ރޮނާލްޑޯ ވަނީ 15 މިލިއަން ޑޮލަރުގެ އަގަކަށް ޔުވެންޓަސް އިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފަ އެވެ. އޭރު، ޔުވެންޓަސް އިން ރޮނާލްޑޯ އަށް އަންގާފައިވަނީ ދެ އަހަރެއްގެ ތެރޭ އޭނާ އަށް ދޭން ޖެހޭ މުސާރައިގެ ބާކީ ބައި އެއްކޮށް ދައްކާނެ ކަމަށެވެ.
އެކަމަކު، މިހާތަނަށް އެ ފައިސާ ލިބޭނެ ގޮތެއް ހަމަޖައްސާފައިނުވެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯގެ ވަކީލުންގެ ޓީމުން ފެށޭ ހަފްތާ ތެރޭގައި އިޓަލީގެ ކޯޓުގައި ޔުވެންޓަސްގެ މައްސަލަ ރަސްމީކޮށް ފަށާނެ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ކޮވިޑް-19ގެ ދުވަސްވަރު ޔުވެންޓަސް އިން ގިނަ ކުޅުންތެރިންތަކެއްގެ މުސާރަ އުނިކުރުމަށް ފަހު، އެ ފައިސާ އަލުން ދައްކަން ހެދި އެއްބަސްވުންތަކާ އެއްގޮތަށް އަމަލުނުކުރާ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އެ ގޮތުން، ކުރިން ޔުވެންޓަސް އަށް ކުޅުނު ޕައޮލޯ ޑިބާލާ އަށް ނުދީ ހުރި ފަސް މިލިއަން ޑޮލަރެއްގެ މައްސަލަ ވެސް މިހާރު އޮތީ ކޯޓަށް ހުށަހަޅަން ނިންމައިފަ އެވެ.
Comment