Advertisement

ފަޚުރުވެރި ދިވެހީންގެ ގައުމީ ރޫޙު އާލާކޮށްލަމާހޭ

16 ސެޕްޓެންބަރު 2023 - 13:09 0

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ

މާލޭގައި ހުރި ގައުމީ ބޮޑު ދިދަ އާއި ގައުމީ ގަސް ކަމުގައިވާ ދިވެހި ރުއް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ފަޚުރުވެރި ދިވެހީންގެ ގައުމީ ރޫޙު އާލާކޮށްލަމާހޭ

16 ސެޕްޓެންބަރު 2023 - 13:09 0

"ފަޚުރުވެރި ދިވެހީންގެ ޤައުމީ ރޫޙު އާލާކޮށްލަމާހޭ

ފަޚުރުވެރި ތާރީޚު ދައްކާ ހެކިތަކަށް އަދު ވިސްނަމާހޭ"

އުސްތާޛުލް ޖީލް އަލްމަރުޙޫމު މުޙައްމަދު ޖަމީލު ދީދީ ހައްދަވާފައިވާ ރީތި ޅެމެކެވެ. ޅެން ފައްޓަވާފައި އެވަނީ ގޮތެއްވެސް ނިންމަވައިގެންނެވެ. އެގޮތަކީތޯ އެވެ. ދިވެހީންނަކީ ފަޚުރުވެރި ޤައުމިއްޔަތަކާއި ތާރީޚެއް ލިބިފައިވާ ބައެއްކަމެވެ. ހަމައެހެންމެ ޤައުމިއްޔަތުގެ ރޫޙު އާލާކުރަމުން ތާރީޚުގެ ހެކިތަކަށް ވިސްނެވުމަށްވެސް އެދިވަޑައިގެންފައި އެބަވެ އެވެ. އެ ވިދާޅުވާ ފަދަ ފަޚުރުވެރިވުން ހައްގު ޤައުމިއްޔަތެއް އަޅުގަނޑުމެންނަށް ލިބިފައިވޭތޯއެވެ؟ އެވިދާޅުވާ ފަދައިން ފަޚުރުވެރިވުން ހައްގު ތާރީޚެއް އަޅުގަނޑުމެންގެ ވޭތޯއެވެ؟

މިއަދަކީތޯ އެވެ؟ މިއަދަކީ ދިވެހީންގެ ޤައުމީ ދުވަހެވެ. ޤައުމުގެ ވާހަކަ ދައްކަންވީ ދުވަހެވެ. ފަސް އެނބުރި މާޒީގެ މައްޗަށް ބަލާ ވިސްނާންވީ ދުވަހެވެ. މިހެންކަމުން އިސްވެ ދެންނެވުނު ސުވާލުތަކުގެ މައްޗަށް ވިސްނުމަށްޓަކައި މިއަށްވުރެ އެކަށޭނަ އެހެން ދުވަހެއް ވަކި ކޮބައިތޯއެވެ؟ ޝައްކެއްވެސްނެތެވެ! ޤައުމިއްޔަތޭ މި ބުނަނީ ޒަމާނުއްސުރެ ނަގަހައްޓަމުން އައިސްފައިވާ އަމިއްލަވަންތަ އައިޑެންޓިޓީއަށެވެ. އެ އައިޑެންޓިޓީ އަކީ ކޮބައިތޯއެވެ؟ ޙަޟާރަތެއްގެ ވެރި ބައެއްކަމެވެ. އަދަބު އަޚުލާގުގެ ވެރި ބައެއްކަމެވެ. ޢިލްމާއި ހުނަރު ދިރިފައި އޮތް ޤައުމެއްކަމެވެ. އަމިއްލަ ވެރިކަމަކާއި އެކު އަމިއްލަވަންތަ ސަގާފަތަކާއި އާދަކާދަތަކެއްގެ މަތީގައި ތިބި ބައެއްކަމެވެ. ދައުލަތެއް އުފަންކޮށްގެން ދިރިއުޅެމުން ދިޔަ ބައެއްކަމެވެ.

މި ދެންނެވި ކަންކަމުގެ މައްޗަށް ފަޚުރުވެރިވާން ޖެހެނީ ކީއްވެ ހެއްޔެވެ؟ މުހިންމު ސަރަޙައްދެއްގައި މިނިވަން ދައުލަތެއް ދައުލަތެއް ދަމަހައްޓަމުން އަމިއްލަވަންތަ ގައުމިއްޔަތެއް ނަގަހައްޓަމުން އެތަކެއް ހާސް އަހަރު ދެމިތިބީތީ އެވެ. މި ގޮތުގައި ދިވެހިން ތިބީ ޖަންގަލީ މީހުން ފަދައިންހެން ނޫންކަމުގައި ވާތީ އެވެ. އާދޭހެވެ! ހަގީގަތުގައިވެސް ފަޚުރުވެރިވުން ހުއްޓެވެ. ނުވާންވީ ކީއްވެގެންތޯ އެވެ؟ މީގެ އެތަކެއް ސަތޭކަ އަހަރު ކުރީން ދުނިޔޭގެ އެތަން މިތަނުގައި އުޅުއްވި ބޮޑެތި ލިޔުންތެރީންވެސް ދިވެހީންގެ ހުނަރާ ފަންނާ އަދަބު އަޚުލާގު ފަދަ ޤައުމިއްޔަތުގެ އުންސުރުތަކަށް ތަޢުރީފުގެ ބަސްތައް ރައްދުކުރައްވާފައި ވާތީ އެވެ. އެބޭބޭކަލުންގެ ލިޔުއްވުންތަކުން ދިވެހީންނަކީ ހަގީގަތުގައިވެސް ޙަޟާރީވަންތަ ބައެއްކަން ހާމަކޮށްދޭތީއެވެ.

މީގެ 300 އަހަރު ކުރިން އުޅުއްވި އެލެގްޒެންޑަރ ހެމިލްޓަން ދިވެހިންނާ ބެހޭ ގޮތުން ލިޔުއްވި ލިޔުއްވުމުގެ ތެރޭގައި ވިދާޅުވެފައިވާ މި ބަސްކޮޅަށް ބައްލަވާށެވެ.

“…And at the Island of Hammandiv (ihavandhippolhu, northern most atoll) ……I saw carvings on some tomb stones as ingeniously cut with variety of figures as ever I saw in Europe and Asia”

(A general collection of the most famous voyages…in the world Vol 8 P 388-399)

ތަރުޖަމާއީ،

" ހައްމަންދީވް (މި ރަށަކީ އިހަވައްދިންޕޮޅުގެ ރަށެއްކަމަށް ލާރސް ވިލްގަން ނިންމަވާ) އޭ ކިޔުނު ރަށުން ބައެއް މަހާނަ ގައު އަހުރެން ދުށީމެވެ. އޭގައިވާ ކެނޑުންތަކަކީ އަހުރެން ޔޫރަޕާއި އޭޝިޔާގެ ތެރެއިންވެސް ދުށްފަދަ ކުޅަދާނަ މޮޅު ކެނޑުމެކެވެ."

މީގެ 250 އަހަރު ކުރީން ނެރެވުނު ދަތުރުތަކުގެ ތާރީޚާ ގުޅޭ ފޮތެއްގައި އޮތް ރާއްޖެ އާއި ގުޅޭ ބާބުގައި ނަންގަނެވިގެންވާ ވާހަކަތަކުން އަންނަނިވި ބަސްކޮޅަށް ބައްލަވާށެވެ

“ The Maldivians are oliv-coloured and nice shaped. They differ little from Europeans except in colour………The inhabitants are spiritualistic industrious artistic and are capable in science. In astronomy they have a special interest. They are courages and skilled in using arms and good friends of Law and order…”

(Abrege de l’Histoire generale des voyages Ed 1 Vol 4 P 59- 84, translation by lars vilgon)

ތަރުޖަމާއީ،

"ދިވެހީންނަކީ ޒައިތޫނި ކުލައިގައި ތިބޭ ސިފަ ރީތި ބައެކެވެ. އެބައިމީހުންނާ ޔޫރަޕުގެ މީހުންނާ ދެމެދު ކުލައިގެ ފަރަގެއް މެނުވީ ނުވެއެވެ....... އެތަނުގެ ވަޒަންވެރީންނަކީ (އެބަހީ ރާއްޖޭގެ މީހުންނަކީ) ރޫޙާނީކަންހުރި އުފެއްދުންތެރި ފަންނުވެރި އަދި ޢިލްމަށް ގާބިލު ބައެކެވެ. އެބައިމީހުންގެ ތެރޭގައި ނަކަތްތެރިކަމަށް ޚާއްސަ ޝައުގެއްވެއެވެ. އެބައިމީހުންނީ ހިތްވަރުގަދަ އަދި ހަތިޔާރަށް ކުޅަދާނަ ގާނޫނާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ ބައެކެވެ..."

އަޅުގަނޑު ހިތުން މި ވަރުން ބުއްދިހުރި ކޮންމެ ބޭފުޅަކަށް ޖަމީލުދީދީ ޅެން ފައްޓަވަމުން އެވިދާޅުވި ބަސްފުޅަށް އެއްބަސްވެވަޑައިގެންނެވޭނެއެވެ. މި ފަޚުރުވެރި ގައުމީ ރޫޙު އާލާކުރައްވަމުން ތާރީޚުގެ ތެރެއިން މި ދެންނެވުނު ކުރު ބަސްކޮޅުތަކަށް ވިސްނަވަމުން ގެންދަވާށެވެ.

ގައުމުގައި އުފެދުނު ޒަޢީމުން ދެއްވި މޮޅު އިރުޝާދުތައް

ފާޅުކޮށް ނެރެ ހާމަކުރުމުން މިންނަތެއް އާލާކޮށްލަމާހޭ

ދިވެހި ކާބަފައިންގެ ހުރި މިނިވަންކަމާ ގަދަ ހިތްވަރުން

ދިވެހި ގައުމިއްޔަތުގެ ދިދައަށް ދެއްވި ޢިއްޒަތް ވިސްނަމާހޭ

އަންނަ ހިނދު އަނިޔާގެ ގަދަފަދަ ރޯޅިތައް ކުރިމަތިވެގެން

ދަންނަ އަގުހުރި ޙިކުމަތުން އެ ކުރެއްވި ޢަމަލަށް ވިސްނަމާހޭ

ޕޯޒުގީޒުން ދުއްތުރާ ކުރުމަށް ފަށާގަތް ދުވަހުގާ

ހޯދި ނަސްރާ ކާމިޔާބަށް ހަނދުމަވެސް އަދު ކޮށްލަމާހޭ

ދިވެހި ޤައުމު ދުށް މޮޅު ޒަޢީމުންތޯއެވެ؟ ލައްކަ ބައިވަރެވެ. މީގެ އެއްހާސް ފަސްސަތޭކަ އަހަރު ކުރިން އުޅުއްވި ދިވެހީންގެ ބަލަދީއްތަ ރަސްގެފާނުގެ ވާހަކަ އެއްސެވިންތޯއެވެ. އެއީ ދިވެހި ވިޔަފާރި އާއި އިގުތިސޯދު ކުރިއެރުވުމަށް ސީނުކަރަޔަށް ސަފީރުން ފޮނުއްވި ރަދުންނެވެ. މީގެ އެއްހާސް އެއްސަތޭކަ ވަރަކަށް އަހަރު ކުރިން އުޅުއްވި ވީރަދޭވަ ރަސްގެފާނުގެ ވާހަކަ އެއްސެވިންތޯއެވެ. އެއީ ސިލޯނާ ހަނގުރާމަކޮށް އެކަރަ ހިއްޕެވި ރަސްގެފާނެވެ. މީގެ އެއްހާސް އަހަރު ކުރިން އުޅުއްވި މާނާބާރުނަ ރަސްގެފާނުގެ ވާހަކަ އެއްސެވިންތޯއެވެ. އެއީ އިންޑިޔާ ބައްރުގައި އޮތް ޗޯޅާއިންގެ ނުކުސާނާ އުނދަގުލުން މިންޖު ކުރި ރަސްގެފާނެވެ. ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރު ފުށަތިކާލިން ދިވެހި ބިމުން ފައްސާލެއްވި ޣާޒީ ރަދުންގެ ނަންފުޅު ކޮންމެ ދިވެއްސަކު އައްސަވާނެއެވެ. އަދިވެސް މިފަދަ ކިތަންމެ ޒަޢީމުންނެކެވެ.

ދިވެހި ބިމުގައި އުފެދުނު މި ދެންނެވި ފަދަ ޒަޢީމުން ކޮންކަހަލަ މޮޅު އިރުޝާދުތަކެއް ދޫކުރައްވާފައިވޭތޯ އެވެ. ދޮން ބަންޑާރައިން މަތިން ހަނދުމަފުޅު ކުރައްވާށެވެ. އެއީ ރާއްޖެ އަޅުވެތިވެފައި އޮއްވާ މިނިވަން ކުރެއްވި ބަޠަލެކެވެ. އެކަމުގެ އަގެއްގެ ގޮތުން އެމަނިއްޕުޅު ޚިޔާރު ކުރެއްވީ ރަސްކަން ކުރައްވަންތޯ އެވެ. ނޫނެކެވެ. އަޅުވެތިވުމުގެ ކުރީން ހުންނެވި ރަދުންގެ ދަރިކޮޅާ ވެރިކަން ހަވާލު ކުރެއްވީ އެވެ. ރަސްކަމަށް އިސްވެވަޑައިގެންނެވީ އެ ދަރިކޮޅުގެ ބޭފުޅުން އެކަން އެމަނިއްޕުޅާ ހަވާލުކުރެއްވީމަ އެވެ. އެހެނަސް އަވަހާރަވުމުގެ އާލާސްކަންފުޅުގައި އަމިއްލަފުޅު ބޭފުޅުން އެ ވެރިކަމުގެ ހައްގުން ދުރުކުރައްވާ އަލުން އެ ދަރިކޮޅަށް ވެރިކަން މަތިކުރެއްވިއެވެ. ވިދާޅުވީ ތިމަންގެ ދަރީން ﷲ އާ ވަކީލޭ ދިވެހި ރަސްކަން މުހައްމަދު މަނިކުފާނާ ހަވާލެވެ. އެ މުހައްމަދު މަނިކުފާނަކީ ތާރީޚުގައި މަޝްހޫރު ޝަހީދުކުޅަ ބަންޑާރައިންނެވެ. އެނަން ލިބިވަޑައިގަތީ ދޮން ބަންޑާރައިންގެ ބޭފުޅުން އެރަދުން ޝަހީދުކުޅައީމަ އެވެ.

ދެން ޝަހީދުކުޅަ ބަންޑާރައިންނަށް ބައްލަވާށެވެ. ހައްޖު ދަތުރުފުޅަކަށް ވަޑައިގެންފައި އެނބުރި ވަޑައިގެންނެވި އިރު ވެރިކަން ވަނީ ބަޔަކު ފޭރިގެންފަ އެވެ. އަވަސް އަވަހަށް ވެރިކަން ހޯއްދެވުނު މަގަކުން ހޯއްދަވަން އުޅުއްވީތޯ އެވެ؟ ނޫނެކެވެ. މާލޭގެ ބަނދަރަށް ވަޑައިގެން ވިދާޅުވީ ކީކޭތޯއެވެ. އެއިރު އިސްވެ ހުންނެވި ރަދުންނަށް ސިޓީފުޅެއް ފޮނުއްވާ ވިދާޅުވީ ވެރިކަން ދެއްވަވަނީވެސް ﷲ ކަމަށާއި އަދި ވެރިކަން ނަންގަވަނީވެސް ﷲ ކަމުގައެވެ. އަމާނާއެކު މާލެ ފައިބައި ވަޑައިގަތުމުގެ ހުއްދަ ދެއްވާށެވެ. އެހެނަސް ކަންވެ ދިޔައީ އެހެނެއްނޫނެވެ. ކަންވީ ގޮތް އިސްވެ ދެންނެވިފައި އެވަނީ އެވެ.

ދިވެހި ކާބަފައިންގެ މިނިވަންކަމުގެ ރޫހާ ގަދަ ހިތްވަރުގެ ވާހަކައަށް ޖެހިލާނަމަ ގައުމީ ދުވަސް އެ ބައެއްގެ ހިތްވަރަށްޓަކައި ޚާއްސަ ކުރެވުނު އުތީމު ތިން ބެއިންނަށް ބައްލަވާށެވެ. އުތީމު ތިން ބެއިން ނިކުންނެވީ އާދައިގެ ބައެއްގެ ކުރިމައްޗަކަށް ނޫނެވެ. މި ސަރަޙައްދުގެ ވިޔަފާރި ކޮންޓުރޯލުކުރުމުގެ ނިޔަތުގައި ދިވެހިރާއްޖޭގެ މައްޗަށް ވެރިވެގަތް ޕޯޗުގީޒުންގެ ކުރިމައްޗަށެވެ. އެބައިމީހުން ފައްސާލެއްވީ އެތައް އަހަރެއް ވަންދެން ކުރެއްވި ހަނގުރާމައަކަށް ފަހުގައެވެ. އާދޭހެވެ! ވެއްޓި ވީދި ކުދިކުދިވެފައި އޮތް ދިވެހި ޤައުމިއްޔަތުގެ ދިދަ ޢިއްޒަތާއި ޝަރަފުގައި އަލުން ވިހުރުވާލަދިން ބަޠަލުންނަކީއެއީއެވެ. އޭގެ ތެރޭގައި ދަންޑެހެލާ ދެ ހާޖީންވެސް ޝާމިލުވާ ގޮތުންނެވެ. ހަމައެހެންމެ މި ނޫނަސް ޝަހީދުވި ޢަލި ރަސްގެފާނާ އިސްކަންދަރު ރަސްގެފާނާ ކޮރު ބަންޑާރައިންފަދަ އެތައް ބޭފުޅުންނެއްގެ ހިތްވަރާ ފަންވަރުގެ މަތިން ހަނދާން ކުރަންވާނެއެވެ.

ރުޅި އަރައިގެންފާ އެވާ ހޮޅި ދުޝްމަނުންގެ ނުބައިކަމުން

މުޅި މި ދީބު ހިފައިގަތީމާ ވީ ގޮތާ މެދު ވިސްނަމާހޭ

ތޫނުފިލި މިނިވަން ދިފާޢުން ދީބު މިންޖު ކުރެއްވުމުން

ހޫނުކޮށް ގެންނެވި އިތުރު ޝަރަފާ ޢިއްޒަތް ދަންނަމާހޭ

ރުޅި އަރައިގެން އައި ހޮޅީންނަކީ ކޮބައިތޯއެވެ؟ ކަންނަންނޫރު ޢަލީ ރާޖާ ފޮނުއްވި އޭނާގެ ލަޝްކަރެވެ. އެއީ މީލާދުން 1700 ގެ އަހަރުތަކުގެ މެދުތެރޭގައި ހިނގި ހާދިސާއެކެވެ. ކަންނަންނޫރުގެ ވެރިކަމުގައި ތިއްބަވާ ޢަލީ ރާޖާއިންނަކީ އަބަދުވެސް ދިވެހި ފަސްގަނޑަށް ފެން ބޮވައިގެންފާ ތިބޭ އިސްލާމުންގެ ބަޔެކެވެ. މީލާދުން 1500 ގެ އަހަރުތަކުން ފެށިގެން 1700 ގެ އަހަރުތަކުގެ ނިޔަލަށް އެބައިމީހުންގެ ދުއްތުރާ ދިވެހިންނަށް ފޯރަމުންދިޔައެވެ. އެ ދިގު މުއްދަތުގެ ތެރޭގައި އެބައިމީހުންގެ ސަބަބުން އެތަކެއް ހާސް ދިވެހިންނެއްގެ ލޭ އޮހޮރިގެން ގޮސްފައިވެއެވެ. އެތައް ދިވެހި ރަށެއް ފަޅުކޮށްފައިވެއެވެ.

ކަންނަންނޫރު ޢަލީ ރާޖާގެ ސިފައިން މާލެ އެރުވީ އެއިރުގެ އުއްތަމަ ފަނޑިޔާރާ އޭނާގެ ކޮއްކޮގެ ވާގި ލިބިގެންނެވެ. އެހެނަސް އެބައިމީހުން މިރާއްޖެ ހިފީމާ، ޖަމީލު ދީދީ ގެ ޅެމުގައި އެވިދާޅުވާ ފަދައިން އެމީހުންނަށް ވީ ގޮތް ވިސްނަމާ ހެއްޔެވެ. ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެބައިމީހުން ފައްސާލާ ނަގާލާ އަލުން ދިވެހީންގެ ކަރާމަތާ ޢިއްޒަތް ނެގެހެއްޓީ ނޫންތޯއެވެ. ޢަލީރާޖާގެ ސިފައިން ބަލިކޮށް ހޫނުކޮށް އިތުރު ޝަރަފާ ޢިއްޒަތް ގެނެސް ދެއްވި ބަޠަލަކީ މުލީގޭ ދޮން ހަސަން މަނިކުފާނެވެ. އާދޭހެވެ ދިވެހީންގެ ފަޚުރުވެރި ޤައުމިއްޔަތު ނެގެހެއްޓެވީއެވެ.

ހަރުދަނާ ގައުމިއްޔަތެއް މިތަނުން އުފައްދައިދެއްވި މާތް

ހަރުދަނާ ބަޠަލުންގެ ނަންފުޅުތައް ހަނދާނަށް ގެންނަމާހޭ

ދިވެހީންގެ ޢިއްޒަތާއި ޒިއްލަތް ނެގެހެއްޓެވި އެތައް ބަޠަލުންނެއްގެ ނަންފުޅު މި މަޒުމޫނުގައި އިސްވެ ދެންނެވިއްޖެ އެވެ. އެފަދަ އެތައް ބޭފުޅުންނެއްގެ ޛިކުރާ އައުކޮށް ހަނދާނަށް ގެނެވިއްޖެ އެވެ. ދެން އަޅުގަނޑުމެން ވިސްނާންވީ ކޮން ކަމަކަށް ހެއްޔެވެ؟ ދިވެހި ގައުމިއްޔަތުގެ ރަމްޒުތަކަށެވެ. އާސާރުތަކާއި ތާރީޚުގެ މައްޗަށެވެ. މާޒީވެ ދިޔަ ދުވަސްތަކުގައި އެކަން އޮތް ހާލަތަށެވެ. ކާބަފައިންގެ އަގުހުރި އާސާރުތަކަށް ވެދިޔަ ގޮތުގެ މައްޗަށެވެ. ދިވެހީންގެ އަމިއްލަ އަތުން އެތަކެތި ހަލާކުކޮށް ނައްތާލި ގޮތުގެ މައްޗަށެވެ. ދިވެހި ޒުވާނުންގެ ދޫތަކުން އަލި ރަސްގެފާނާ ތަކުރުފާނު ފަދަ މީހުންނަށް މަލާމަތް ރައްދު ކުރަމުންދާ ސަބަބުގެ މައްޗަށެވެ.

ދަންނައެ! ގައުމީ ދުވަހެއްގާ ވިސްނަންވީ ކަންކަމަކީ މިއީއެވެ. ގައުމޭ ކިޔުމަކުން ގައުމެއް ނުދިރޭނެތެވެ. ގައުމުގެ އަޑަކީ އަދި ދިރުމަކީވެސް އެގައުމެއްގެ ސަގާފަތާ އާދަކާދަތަކާއި ތާރީޚާއި އާސާރެވެ. އެކަންކަން ދިރުވާން މަސައްކަތް ކުޅައުމީ ގައުމަށްޓަކައި މީހަކަށް ކުރެވޭނެ އެންމެ ބޮޑު ޚިދުމަތެވެ. އެހެނީ އެއީ އެނަކުންގެ ކުރިމައްޗަށް ތިމާމެންނަށް ހުށައެޅޭނެ އަމިއްލަވަންތަކަމުގެ ހެކިތައްކަމުގައި ވާތީއެވެ. އެފަދަ ތަކެތި ވިއްކާ ނަގާލާ، ތަޅާ ސުންނާފަތި ކޮށްލާ ނޫނީ ފޮށިފޮއްޓަށްލާ ބަންދު ކުޅައުމީ ގައުމަށް ވެވޭ ޚިޔާނަތެކެވެ. އިސްވެ ދިޔަ ކާބަފައިންނަށް ކުރައްވާ މަލާމަތެކެވެ. އަންނަން އޮތް ޖީލުތަކަށް ދެވޭ ނުބައި މެސެޖެކެވެ.

ހައިނުކޮށް ޝުކުރާއި ތައުރީފުން މި އަމުނާ ނަޒުމުގާ

ހައިބަ ގިނަ ފަށްފަށުން ދަންނަވާފާ ނިންމަމާހޭ

ލިބޭ މަލާމަތާ ފުރައްސާރަ، އެޅުވޭ ތުހުމަތުތަކާ އިލްޒާމުތަކަށް ބެލުމެއް ނެތި އަދި ލިބޭ ގިނަގުނަ މާއްދީ ފައިދާތަކެއް ނެތި ދިވެހި ގައުމިއްޔަތަށްޓަކައި ތެދުވެރި ޚިދުމަތެއް ކުޅަ ކޮންމެ މީހަކަށް ހާސް ޝުކުރެވެ. ދިވެހި އާސާރުތަކާ ކާބަފައިންގެ ޛިކުރާ އަށް އަޑެއް ދެއްވި ކޮންމެ ފާރަތަކަށް އައްސަރި ބަހާ ސާބަހެވެ. ދިވެހި އުއްމަތުގެ މާދަމާއަށްޓަކައި އެފަދަ ބިންގާތައް އަޅުއްވަމުން ގެންދަވާ ޝަޚުސިއްޔަތުންނަށް ހިތުގެ އުމުގުން ފުރި އުތުރި އަރާ ޝުކުރެވެ. ދިވެހި ގައުމުގެ ނަން ދާއިމުވެ ދާށި... ދިވެހި ދައުލަތައިގެން ދިވެހި ޒުވާނުން ކުރިޔަށް ހިނގާނެ މަގު އިތުރަށް ތަނަވަސްވެދާށި..އަމިއްލަ އައިޑެންޓިޓީ އަކީ ކޮބައިކަން ހޯދާ ދެނެގަނެ ކުރިޔަށް ހިނގާށެ. ދިވެހި ރުކާ ރަތް ކުލައިން މިދީބު ފަވާލާށެވެ. ގައުމީ ދުވަހަކީ މިއީ އެވެ. މި ދުވަހު ގައުމަށް ވިސްނާލާށެވެ.