Advertisement

ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވެސް މެސީ އާއި ހާލަންޑް ވާދަކުރަނީ

15 ސެޕްޓެންބަރު 2023 - 09:14 0


ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވެސް މެސީ އާއި ހާލަންޑް ވާދަކުރަނީ

15 ސެޕްޓެންބަރު 2023 - 09:14 0

ޒިއުރިކް (ސެޕްޓެމްބަރު 15) - ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުގެ ނޮމިނޭޝަންގައި ވެސް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވާޑް އާލިން ހާލަންޑު ހިމެނިއްޖެ އެވެ.

ފީފާ އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑުގައި މެސީ އާއި ހާލަންޑް ހިމެނޭއިރު މި ދެ ކުޅުންތެރިންނަކީ ފްރާންސްގެ ކުޅިވަރު މަޖައްލާއިން ދެމުން އަންނަ ޒަމާންވީ އެވޯޑު ކަމަށްވާ ބެލޮންޑިއޯ އަށް ވެސް އެންމެ ގާތުން ވާދަކުރާނެކަމަށް ބެލެވޭ ދެ ކުޅުންތެރިންނެވެ.

މި ފަހަރުގެ އެވޯޑަށް ވާދަކުރާ މެސީ ވަނީ ކުލަބު ލެވެލްގައި ފްރެންޗު ލީގު ހޯދުމުގެ އިތުރުން ދުނިޔޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް އާޖެންޓީނާއާ އެކު ކާމިޔާބުކޮށްފަ އެވެ. ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުވެސް ހޯދީ މެސީ އެވެ.

މެސީއާ އެންމެ ގާތުން ވާދަކުރާ ހާލަންޑު ވަނީ މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އޭނާ ކުޅެމުން އަންނަ ކުލަބު މެންޗެސްޓާ ސިޓީން މިދިޔަ ސީޒަންގައި ޔުއެފާ ޗެމްޕިއަންސް ލީގާއި އިގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކުރުމުގައި ހާލަންޑު މުހިންމު ދައުރެއް އަދާކުރި އެވެ.

ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ 12 ކުޅުންތެރިންގެ ލިސްޓުގައި މިދިޔަ ސީޒަންގައި އެންމެ ކާމިޔާބު ޔޫރަޕްގެ ކުލަބުކަމަށްވާ ސިޓީގެ ހަ ކުޅުންތެރިއަކު ހިމެނެ އެވެ. އެއީ ހާލަންޑް، ރޮޑްރީ، ބެނާޑޯ ސިލްވާ، ކެވިން ޑި ބްރައިނާ، ހޫލިއަން އަލްވަރޭޒް އަދި މިދިޔަ ސީޒަނަށް ފަހު ސިޓީ ދޫކޮށްލި އިލްކާއި ގުންޑޮގާން އެވެ.

މި ކުޅުންތެރިންގެ އިތުރުން ދެން ފީފާ "ބެސްޓް" އެވޯޑަށް ވާދަކުރަނީ އިންޓަ މިލާންގައި މިދިޔަ ސީޒަންގައި މޮޅަށް ކުޅުނު މާސެލޯ ބްރޮޒޮވިޗް، ވެސްޓްހަމް ދޫކޮށް އާސެނަލަށް ބަދަލުވި ޑެކްލެން ރައިސް، ޕީއެސްޖީގެ ކިލިއަން އެމްބާޕޭ، ނަޕޯލީގެ ވިކްޓާ އޮސިމްހެން އަދި ނަޕޯލީގެ ކްވިޗާ ކްވަރަޝްކޭލިއާ އެވެ.