14 ސެޕްޓެންބަރު 2023 - 18:26 0
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އެފްއައިވީބީ ބީޗް މުބާރާތުގެ ތެެރެެއިން ކުޑަކާއްޓެ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
14 ސެޕްޓެންބަރު 2023 - 18:26 0
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗު ވޮލީ ބޯޅަ ޓުއާގެ ސެމީ ފައިނަލުން ރާއްޖޭގެ އެއް ވަނަ ޕެއާ، އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ފުރުސަތު ހޯދައިފި އެވެ.
ކުއާޓާ ފައިނަލުގައި މިއަދު އެޑަމް އާއި ކުޑަކައްޓޭގެ ޕެއާ ބައްދަލުކުރީ ބޫޓާންގެ ޑޯޖީ އާއި ކިންލޭގެ ޕެއާއާ އެވެ.
މި މުބާރާތުގައި ކުޑަކާއްޓޭ އާއި އެޑަމް ދަމަހައްޓަމުން އައި މޮޅު ކުޅުން ކުއާޓާގައި ވެސް ފެނިގެންދިޔަ އެވެ. އެ ގޮތުން ކުއާޓާ ފައިނަލް މެޗުން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ މޮޅުވެފައިވަނީ އެހެން މެޗުތަކެކޭ އެއްގޮތަށް ސީދާ ދެ ސެޓުންނެވެ. ސެޓުތައް ގެންގޮސްފައިވަނީ 21-08، 21-07 އިންނެވެ.
ސެމީ ފައިނަލުގައި މާދަމާ އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ބައްދަލުކުރާނީ ބަންގްލަދޭޝްގެ ހޮރޮޝިޓް އާއި އަހުމަދުގެ ޕެއާ އެވެ.
ކުއާޓާ ފައިނަލް މެޗަށް ފަހު އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އާއި ބޫޓާންގެ ޑޯޖީ އާއި ކިންލޭގެ ޕެއާ.
އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ވަނީ މިދިޔަ އަހަރުގެ ކާވާ ބީޗްވޮލީބޯލް ޓުއާގައި ކުޅުނު ފަސް މެޗުން މޮޅުވެގެން ރަން މެޑަލް ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތަށް މެޑަލް ދިފާއުކުރުމުގެ ޓާގެޓާ އެކު ގޮސް، މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.
ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައިވަނީ ބޫޓާންގެ ސޯނަމް އަދި ރާމްގެ ޕެއާ ފަސޭހަކަމާ އެކު ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ރާއްޖޭގެ ޕެއާއިން ގެންދިޔައީ 21-05 އަދި 21-08 އިންނެވެ. ދެ ވަނަ މެޗުގައި ނުކުތީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްގެ ވަރުގަދަ ޕެއާއެއް ކަމަށްވާ މަންސޫރު އަދި ޝާޖަހާންއާ ދެކޮޅަށެވެ. މި މެޗުވެސް ރާއްޖެއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ނިމުނީ 21-13 އަދި 21-19 އިންނެވެ. އަދި ތިން ވަނަ މެޗުން މިއަދު ހެނދުނު، އިންޑިއާގެ ނިތިން އާއި ރާމާގެ ޕެއާ ބަލިކުރީވެސް ދެ ސެޓުންނެވެ. އެއީ 21-18 އަދި 21-15 އިންނެވެ.
މިހާތަނަށް މި ފަހަރުގެ މުބާރާތުގައި ރާއްޖެ އަތުން ސެޓެއް ވެސް ގެއްލިފައިނުވުމަކީ، ޗެމްޕިއަންކަން ހޯދަން އެ ޓީމުގެ އުންމީދުއާ ވާނެ އެންމެ ބޮޑު ސަބަބެވެ.
Comment