Advertisement

އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރަކުން ވާދަކުރާނެ

14 ސެޕްޓެންބަރު 2023 - 14:21 0

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރަކުން ވާދަކުރާނެ

14 ސެޕްޓެންބަރު 2023 - 14:21 0

ޗައިނާގެ ހަންގްޒޫގައި މި މަހު 23 އިން އަންނަ މަހުގެ އަށް ވަނަ ދުވަހަށް ކުރިއަށްދާ އޭޝިއަން ގޭމްސްގައި މި ފަހަރު ރާއްޖޭން ނުވަ ކުޅިވަރަކުން ވާދަކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފި އެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސް އަކީ މިދިޔަ އަހަރު ބާއްވަން ތާވަލުކުރި މުބާރާތެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަންގްޒޫގައި ބާއްވަން އޮތް ގޭމްސް މި އަހަރަށް ފަސްކުރަން ޖެހުނީ ޗައިނާގައި އޭރު ކޮވިޑް-19ގެ ހާލަތު އޮތްގޮތުންނެވެ.

މި އަހަރުގެ ގޭމްސް ބާއްވަން ނިންމި ތާރީހުގައި ހުރިހާ ކަމެއް ހަމަޖެހިފައިވާއިރު، އެ ގޭމްސް ޕްރޮމޯޓް ކުރުމުގެ އިވެންޓް، "ފަން ރަން" މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި ބާއްވާފައިވެ އެވެ.

އޭޝިއަން ގޭމްސްގައި މި ފަހަރު ރާއްޖޭން ވާދަކުރަން ނިންމާފައިވަނީ ނުވަ ކުޅިވަރަކުންނެވެ. އެއީ އެތުލެޓިކްސް (އަންހެން/ފިރިހެން)، ބެޑްމިންޓަން (އަންހެން/ފިރިހެން)، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ (އަންހެން/ފިރިހެން)، ބީޗްވޮލީބޯޅަ (ފިރިހެން)، ކްރިކެޓް (ފިިރިހެން)، އީ-ސްޕޯޓްސް، ޝޫޓިން (އަންހެން/ފިިރިހެން)، ސްވިމިން (އަންހެން/ފިިރިހެން) އަދި ޓޭބަލް ޓެނިސް (އަންހެން/ފިރިހެން) އެވެ.

ދާދި ފަހުން މަޑަގަސްކަރާގައި ނިމިގެންދިޔަ 11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވެސް ރާއްޖޭން ނުވަ ކުޅިވަރަކުން ވާދަކުރި އެވެ. އަދި އެ ކުޅިވަރުތަކުގެ އެކި އިވެންޓްތަކުން 28 މެޑަލް ހޯދި އެވެ. އައިއޯއައިޖީ އަށް ވުރެ އޭޝިއަން ގޭމްސް އަކީ އެތައް ގުނައެއް ހައިބަތު ބޮޑު ގޭމްސް އެކެވެ. އެހެންކަމުން، އޭޝިއަން ގޭމްސްގައި ރާއްޖޭން އަމާޒުހިފާނީ އެންމެ ފަހުން، 2018 ވަނަ އަހަރު އިންޑޮނީޝިއާގައި ބޭއްވި އޭޝިއަން ގޭމްސް އަށް ވުރެ ރަނގަޅު ނަތީޖާ ނެރުމަށެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޖުމްލަ އަދަދަކީ 119 މެމްބަރުންނެވެ. އޭގެތެެެރެއިން، ކުޅުންތެރިން/އެތުލީޓުންގެ ގޮތުގައި ހިމެނެނީ 75 އެކެވެ. ދެން ހިމެނެނީ ޓީމު އޮފިޝަލުންނާއި މީޑިއާ، މެޑިކަލް އަދި އިސް ޑެލިގޭޓުންނެވެ.

ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު އަދި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި މި ފަހަރު 40 ކުޅިވަރަކުން 61 އިވެންޓް އޮންނާނެ އެވެ. މި ފަހަރުގެ އޭޝިއަން ގޭމްސްގެ އިވެންޓްތައް ކުރިއަށްދާނީ 44 ވެނިއުގަ އެވެ. މީގެ ތެރެއިން 30 ވެނިއު އަކީ ކުރިން ވެސް ކުޅިވަރު އިވެންޓްތަކުގައި ބޭނުންކުރަމުން އައި ތަންތަނެވެ. މުޅިން އަލަށް މި ގޭމްސް އަށް ވަނީ 14 ވެނިއުއެއް ވަނީ ތައްޔާރުކޮށްފަ އެވެ.