14 ސެޕްޓެންބަރު 2023 - 10:01 0
ފާތިމަތު ސާޔާ އަހުމަދު
ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން. -- ފޮޓޯ: ރޮއިޓާޒް
14 ސެޕްޓެންބަރު 2023 - 10:01 0
ރަޝިއާ އާއި އުތުރު ކޮރެއާއިން އަސްކަރީ ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ރަޝިއާއަށް ދަތުރު ކުރައްވައިފި އެވެ.
ކިމް އާއި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ބުދަ ދުވަހު ބައްދަލުކުރެއްވީ ވޮސްޓޮޗްނީ ސްޕޭސް ސެންޓަރުގަ އެވެ. ކިމް ރަޝިއާއަށް ދަތުރު ކުރެއްވީ އަމިއްލަފުޅު ރޭލެއްގަ އެވެ.
އެ ބައްދަލުވުމަށް ފަހު ޕުޓިން ވިދާޅުވީ ދެ ލީޑަރުން މަޝްވަރާ ކުރެއްވީ އަސްކަރީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ކަމަށެވެ. އަދި އުތުރު ކޮރެއާއިން ސެޓެލައިޓް އުފެއްދުމުގައި ރަޝިއާއިން އެހީވުމާ ގުޅޭ މަޝްވަރާ ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.
އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ރަޝިއާއިން އުޅެނީ ޔޫކްރެއިން ހަނގުރާމައިގައި ބޭނުންކުރުމަށް އުތުރު ކޮރެއާގައި އުފައްދާ ހަތިޔާރު ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށެވެ.
އޭގެ އިތުރުން އުތުރު ކޮރެއާއުން ސެޓެލައިޓް އުފެއްދުމަށް ރަޝިއާއިން އެހީ ފޯރުކޮށްދިނުން ވާނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ހިލާފު އަމަލެއްގެ ގޮތުގައި ކަމަށް އެމެރިކާއިން ބުންޏެވެ.
ރިޕޯޓުތައް ބުނާ ގޮތުން އުތުރު ކޮރެއާއަށް ދަތުރު ކުރެއްވުމަށް ޕުޓިންއަށް އެރުވި ދައުވަތު ވަނީ ގަބޫލުކުރައްވައިފަ އެވެ. އުތުރު ކޮރެއާއަށް މިހާތަނަށް ދަތުރުކޮށްފައި ވަނީ މަދު ގައުމުތަކެއްގެ ވެރިންނެވެ.
Comment