13 ސެޕްޓެންބަރު 2023 - 10:42 0
13 ސެޕްޓެންބަރު 2023 - 10:42 0
މިލާން (ސެޕްޓެމްބަރު 13) - ކޮލިފައިންގައި ރޭ ޔޫކްރެއިންގެ މައްޗަށް 2-1 އިން ކުރިހޯދައި އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ އުންމީދު އިޓަލީން އާ ކޮށްފި އެވެ.
ޔޫރޯ ކޮލިފައިން ގްރޫޕް ސީގެ އެއް ވަނައިގައި އިންގްލެންޑް އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އިޓަލީ އާއި ތިން ވަނައިގައި އޮތް ޔޫކްރެއިން އަދި ހަތަރެއްގައި އޮތް ނޯތު މެސެޑޯނިއާ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. މި ތިން ޓީމުގެ ތެރެއިން އިޓަލީން ހަތަރު މެޗު ކުޅުނުއިރު، ނޯތު މެސެޑޯނިއާ އާއި ޔޫކްރެއިނުން ވަނީ ފަސް މެޗު ކުޅެފަ އެވެ. މި ގްރޫޕްގެ ފުލުގައި އޮތީ ފަސް މެޗު ކުޅެގެން ޕޮއިންޓެއް ނުލިބި އޮތް މޯލްޓާ އެވެ.
ރޭގެ މެޗުގައި އިޓަލީގެ ދެ ގޯލު ޖެހީ ވެސް އިންޓަ މިލާނުގެ ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގައި ސަސުއޯލޯ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު، ޑާވިޑޭޭ ފްރަޓޭސީ އެވެ. މެޗުގެ 12 ވަނަ މިނިޓްގައި ޔޫކްރެއިންގެ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި ފްރަޓޭސީ ވަނީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އިޓަލީ އަށް ލީޑުނަގައިދީފަ އެވެ.
މެޗުގެ 29 ވަނަ މިނިޓްގައި އިޓަލީގެ ދެ ވަނަ ގޯލު ފްރަޓޭސީ ޖެހީ އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ތިރީ ކަަނަށް ފޮނުވާލައިގެންނެވެ. މި ގޯލު އެންމެ ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ ގޯލެއް ކަމަށް ބަލައިގަންނާށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫކްރެއިން އިން ލަނޑެއް ޖެހި އެވެ. މެޗުގެ 41 ވަަނަ މިނިޓްގައި އިޓަލީގެ ޑިފެންޑަރުންނަށް ސަލާމަތްނުކުރެވިދިޔަ ބޯޅައެއް ހޯދައި، ޔޫކްރެއިންގެ އެންޑީ ޔާމޮލަންކޯ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފުގައި އިތުރު ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރަން ޔޫކްރެއިނުން ކުރި މަަސައްކަތް ކާމިޔާބުނުވެ އެ ޓީމު ބަލިވީ އެވެ.
މިއީ އިޓަލީ ކޯޗުކަމާ ލޫޝިއާނޯ ސްޕަލެއްޓީ ހަވާލުވި ފަހުން ހޯދި ފުރަތަމަ މޮޅެވެ. ސްޕަލެއްޓީ ހަވާލުވި ފަހުން ކުޅުނު ފުރަތަަމަ މެޗުން އިޓަލީ ވަނީ ނޯތު މެސެޑޯނިއާއާ އެއްވަރުވެފަ އެވެ. އެ މެޗު ކުޅުނީ ރަށުންބޭރުގަ އެވެ. ރޭގެ މެޗަކީ އިޓަލީ ފަސްގަނޑުގައި ސްޕަލެއްޓީ އެ ޓީމަށް އިރުޝާދުދިން ފުރަތަމަ މެޗެވެ.
Comment