Advertisement

ޖެހުނު ހިސާބު ގޯސް، ކުރަން ޖެހޭ ކަންކަން ސާފުވެއްޖެ: ފައްޔާޒު

10 ސެޕްޓެންބަރު 2023 - 12:12 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް : ފައްޔާޒު ވިދާޅުވީ ޖެހުނު ހިސާބު ގޯސް، ކުރަން ޖެހޭ ކަންކަން ސާފުވެއްޖެ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޖެހުނު ހިސާބު ގޯސް، ކުރަން ޖެހޭ ކަންކަން ސާފުވެއްޖެ: ފައްޔާޒު

10 ސެޕްޓެންބަރު 2023 - 12:12 3

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއިން ލިބޭނެ ވޯޓާމެދު ޖެހުނު ހިސާބު ގޯސް ކަމަށް އެއްބަސްވެ ލައްވާ ދެވަނަ ބުރުގައި ކުރަން ޖެހޭ ކަންކަން ސާފުވެއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފުރަތަމަ ބުރުގައި ލިބުނު ބޮޑު ނާކާމިޔާބީއާއެކު ފައްޔާޒު މިއަދު ކުރެއްވި ޓުވީޓުގައި، ޖެހުނު ހިސާބު ކަމަށް އެ ވިދާޅުވީ ފުރަތަމަ ބުރުގައި 56 އިންސައްތަ ވޯޓު ހޯއްދަވާނެ ކަމަށް، ކެމްޕޭން ނިންމަން މާލޭގައި ބޭއްވި ޖަލްސާގައި ވިދާޅުވި ހިސާބެވެ.

"އިންތިހާބުގައި 56 އިންސައްތައަށްވުރެ އެންމެ ވޯޓެއް ވެސް އަޅުގަނޑުމެންނަށް މަދެއް ނުވާނެ" ފައްޔާޒު އެ ރޭ ވިދާޅުވި އެވެ. ނަމަވެސް އިއްޔެގެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 38 އިންސައްތަ ވޯޓެވެ. ވާދަވެރި ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނީ 45 އިންސައްތަ ވޯޓެވެ.

"އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން, މިރާއްޖެ އަނިޔާވެރިކަމާ ދިމާލައް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަން،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހު 30 ގައި އޮންނައިރު، އެމްޑީޕީއިން މުއިއްޒު އާ އަރާ ހަމަކުރަންވެސް 15،000 އެއްހާ ވޯޓު ބޭނުންވާނެ އެވެ. އިއްޔެގެ އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ މަދު މީހުން ވޯޓުލީ އިންތިހާބެވެ. ވޯޓުލެވޭ އާބާދީގެ 21 ޕަސެންޓު އިއްޔެގެ އިންތިހާބުގައި ވޯޓު ނުލަ އެވެ.

ބެލެވޭ ގޮތުގައި އެ ޕާޓީން ވެސް ދެން މަސައްކަތް ކުރާނީ އިންތިހާބުގައި ތިން ވަނައަށް ދިޔަ ދަ ޑިމޮކްރެޓްސް އަދި އެހެން ކެންޑިޑޭޓުންގެ ތާއީދު ހޯދާ މިހާރު އަދާލަތު އަދި އެމްޑީއޭއާއެކު ހަދާފައިވާ ކޯލިޝަން ފުޅާކުރުމެވެ.