Advertisement

ޔޫރޯ ކޮލިފައިން: އިންގްލެންޑާއި ޔޫކްރެއިން އެއްވަރު، އިޓަލީ އަށް ހާސްކަން

10 ސެޕްޓެންބަރު 2023 - 08:42 0


ޔޫރޯ ކޮލިފައިން: އިންގްލެންޑާއި ޔޫކްރެއިން އެއްވަރު، އިޓަލީ އަށް ހާސްކަން

10 ސެޕްޓެންބަރު 2023 - 08:42 0

ވޯސޯ، ޕޮލެންޑް (ސެޕްޓެމްބަރު 10) - ޔޫރޯ ކޮލިފައިންގައި ރޭ ގްރޫޕް ސީގައި އިންގްލެންޑާއި ޔޫކްރެއިން 1-1 އިން އެއްވަރުވިއިރު، އެ ގްރޫޕްގައި އޮތް އިޓަލީ ކުޅުނު މެޗުން ނޯތު މެސެޑޯނިއާއާ 1-1 އިން އެއްވަރު، މުބާރާތަށް ކޮލިފައިވުމުގައި އިތުރު ހާސްކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ކޮލިފައިން ގްރޫޕް ސީގެ އެއް ވަނައިގައި އިންގްލެންޑް އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔޫކްރެއިނަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އިޓަލީ އާއި ހަތަރެެއްގައި އޮތް ނޯތު މެސެޑޯނިއާ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އިޓަލީން ތިން މެޗު ކުޅުނުއިރު، ނޯތު މެސެޑޯނިއާ އިން ވަނީ ހަތަރު މެޗު ކުޅެފަ އެވެ. މި ގްރޫޕް ފުލުގައި އޮތް މޯލްޓާ އިން ހަތަރު މެޗު ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ.

ޕޮލެންޑްގެ ޓާޒިންސްކީ އެރީނާގައި ރޭ ކުޅުނު މެޗުގެ 26 ވަނަ މިނިޓްގަައި ޔޫކްރެއިން އިން ލީޑުނެގީ އޮލެކްސަންޑަ ޒިންޗެންކޯ ޖެހި ގޯލުންނެވެ. މިއީ ޔޫކްހިމް ކޮނޯޕްލިޔާ ނެގި ހުރަހަކުން ޖެހި ގޯލެކެވެ. އިންގްލެންޑް ސަލާމަތްވީ 41 ވަނަ މިނިޓްގައި ހެރީ ކޭން ތަނަވަސްކުރި ފުރުސަތެއްގައި ކައިލް ވޯކާ ޖެހި ގޯލުންނެވެ. މިއީ ގައުމީ ޓީމަށް ކުޅުނު 77 މެޗުގެ ތެރެއިން ވޯކާ ޖެހި ފުރަތަމަ ގޯލެވެ.

އިޓަލީގެ އާ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީގެ އިރުޝާދުގެ ދަށުން އިޓަލީ ކުޅުނު ފުރަތަމަ މެޗުގައި 47 ވަނަ މިނިޓްގައި ޗީރޯ އިމޯބިލޭގެ ގޯލުން އެ ޓީމު ލީޑުނެގި އެވެ. މިއީ އިޓަލީ އަށް އިމޯބިލޭ ޖަހައިދިން 17 ވަނަ ގޯލެވެ.

ލީޑުފުޅާކުރަން އިޓަލީން ރަނގަޅު ފުރުސަތުތަކެއް ވެސް ހޯދި އެވެ. އެކަމަކު، އެކަން ހާސިލެއްނުވެ، މެޗު ނިމެން ނުވަ މިނިޓަށް ވެފައި ހުއްޓައި، އިޓަލީ ކޮޅަށް ނޯތު މެސެޑޯނިއާ އިން ވަނީ ގޯލު ޖަހައިފަ އެވެ. މި ލަނޑު ކާމިޔާބުކުރީ މެޗުގެ 81 ވަނަ މިނިޓްގައި އެނިސް ބާދީ އެވެ. މިއީ ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލެކެވެ.

ރޭގެ މެޗުން އިޓަލީ އެއްވަރުވުމުން، އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ އަށް ކޮލިފައިވާން އޮތް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. އިޓަލީ އަށް ދެން އޮތް މެޗުތަކަށް ބަލާއިރު، އިންގްލެންޑާއި ޔޫކްރެއިނާ ދެކޮޅަށް ކުޅޭ މެޗުތަކުން ނަތީޖާ ނެރެން މަޖުބޫރުވާނެ އެވެ. އިޓަލީ އަކީ އެންމެ ފަހުން ބޭއްވި ޔޫރޯގެ ޗެމްޕިއަނެވެ.