Advertisement

ޒިޔަތުގެ މައްޗަށް އިތުރު ތިން ޖިނާއީ ދައުވާއެއް ކުރަން ކޯޓަށް ފޮނުވައިފި

7 ސެޕްޓެންބަރު 2023 - 14:47 0

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެފައިވާ އަބްދުﷲ ޒިޔަތު. ފައިލްފޮޓޯ/އަދަދު


ޒިޔަތުގެ މައްޗަށް އިތުރު ތިން ޖިނާއީ ދައުވާއެއް ކުރަން ކޯޓަށް ފޮނުވައިފި

7 ސެޕްޓެންބަރު 2023 - 14:47 0

ދިވެހި ސަރުކާރުގެ ތެރެއިން މިހާތަނަށް ހިންގި އެންމެ ބޮޑު ވައްކަމުގެ މައްސަލައިގައި ހިމެނޭ، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިތުރު ހަތަރު ޖިނާއީ ދައުވާއެއް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޒިޔަތުގެ މައްޗަށް އާ ތިން ދައުވާއެއް ކުރަން ފޮނުވީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އެއީ 203 މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވި މައްސަލައަކާއި ހަ މިލިއަން ޑޮލަރަކަށް ހިޔާނާތްވި މައްސަލައަކާއި އެއް މިލިއަން ޑޮލަރަކަށް ހިޔާނާތްތެރިވި މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އެ ތިން ދައުވާގެ އަދަބެއްގެ ގޮތުން ޖުމްލަ 12 އަހަރުގެ ޖަލު ހުކުމެއް ޒިޔަތުގެ މައްޗަށް އިއްވުމަށް ދައުލަތުން އެދެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށްނެގިއިރު، ޒިޔަތު ހުންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. ވައްކަމުގެ މޭސްތިރި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެއިރު ހުންނެވީ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުގެ މަގާމުގަ އެވެ.

އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ، މިހާރު ވެސް ޒިޔަތުގެ ގެންދަނީ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ނަމަވެސް މިވަގުތު ހުރީ ގޭބަންދުގަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި އަދީބުގެ މައްޗަށް ވެސް ވަނީ ކުށް ސާބިތުވެފަ އެވެ. ނަމަވެސް މިވަގުތު ހުރީ ބޭސްފަރުވާ ކުރުމަށް ހުއްދަ ހޯދައިގެން ސިންގަޕޫރުގަ އެވެ. އޭގެ އިތުރުން އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ދައުވާ ކުރާއިރު ޒިޔަތާއި އަދީބަކީ، ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މުހިންމު ދެ ހެކިންނެވެ.