މިއަދު ހުޅުދޫގެ ކެމްޕޭން ޓީމާއި ބައްދަލުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: އެމްޑީޕީ
ސެޕްޓެމްބަރު 9, ގައި އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ބާކީ ދެ ދުވަސް އޮތް އިރު އެ ދުވަހު ނިދުމުގެ ބަދަލުގައި ކެމްޕޭނު މަސައްކަތުގެ އެއް ގިޔަރު މައްޗަށް ޖެއްސުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭނު ޓީމުތަކުގައި އެދިވަޑައިގެންފި އެވެ.
އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގެ ތެރެއިން މިހާރު ގެންދަވަނީ އައްޑޫ ސިޓީއަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. އެ ދަތުރުފުޅުގެ ތެރެއިން ހުޅުދޫގެ ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވަނީ އިތުރު ވޯޓު ހޯދުމަށް މަސައްކަތް ކުރެއްވުމަށް ކެމްޕޭން ޓީމުތަކުގައި އެދިވަޑައިގެެންފަ އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި އިންތިހާބެއް ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭއިރު މިހާތަނަށް އެމްޑީޕީ އާއި ގުޅިފައިވާ ކޯލިޝަނުން ވަނީ އެ މަސައްކަތްތައް ކޮށްފަ އެވެ. އެގޮތުން, ރާއްޖޭގެ މަދު ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ސީދާ ރައީސް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ކެމްޕޭން ޓީމަށް ދަންނަވާލާނީ އެއް ގޭމް މައްޗަށް ޖައްސާލާށޭ. ނިދަން އުޅޭނެ ކަމެއް ނެތް ދެ ދުވަހު. އެއަށް ފަހު ވޯޓުލާ ނިންމާފައި ގެއަށް ވަންނާނީ. އެއްބުރުން މިކަން ނިންމާނަން," ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އައްޑޫ ސިޓީއަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުދިގެންދާއިރު އެ ސިޓީއަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އައްޑޫ ސިޓީއަށް ގެނެވިފައިވާ ބަދަލުތަކާއި، ފުދެމުންދާ ވައުދުތަކަށް ބައްލަވައި ހުރިހާ ބޭފުޅުން ވެސް އިންތިހާބުގައި ރައީސަށް ވޯޓުލުމަށް ވެސް އެދިވަޑައިގަތެވެ.
"އިންތިހާބެއް ކާމިޔާބު ކުރުމަށް ވަރަށް ގިނަ މަަސައްކަތްތަކެއް ކުރަން ޖެހޭ. އިންތިހާބުގެ ނަތީޖާ ބަދަލުކުރަން ބޭނުން ވަނީ އެންމެ ވޯޓެއް. ނުކުމެވަޑައިގެން ހުރިހާ ބޭފުޅުން ވެސް ވޯޓު ލައްވާ," ރައީސް ވިދާޅުވި އެވެ.
ހުޅުދޫގެ ކެމްޕޭން ޓީމުން ބުނި ގޮތުގައި އެ ޓީމުން ކެމްޕޭން ފެށިއިރު އެމްޑީޕީއަށް ތާއީދު އޮތީ އެންމެ 15 ޕަސެންޓު ރައްޔިތުންގެ ކަމަށެވެ. ނަމަވެސް, މިއަދު އެ އަދަދު 50 ޕަސެންޓަށް ވުރެ މައްޗަށް ޖައްސާލެވިފަައިވާ ކަމަށް މި ރަށުގެ އެމްޑީޕީގެ ކެމްޕޭން ޓީމުން ރައީސަށް ޔަގީންކަން ދެއްވި އެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މި ސަރުކާރުން ހުޅުދޫގައި ގާއިމުކުރި ބަނދަރު ހުޅުއްވައިދެއްވާނެ އެވެ.
އައްޑޫގެ ދަތުރުފުޅުގެ ތެރެއިން މިރޭ ހިތަދޫގައި ބޮޑު ޖަލްސާއެއް އެމްޑީޕީން ބާއްވާނެ އެވެ. އެ ޖަލްސާގައި ރައީސްގެ އިތުރުން އެމްޑީޕީގެ އައްޑޫ ލީޑާޝިޕާއި ސަޕޯޓަރުން ބައިވެރިވާނެ އެވެ. އެމަނިކުފާނު އިއްޔެ އައްޑޫައަށް ވަޑައިގަތުމުން އެ ސިޓީގެ އެތައް ހާސް ބަޔަކު ވަނީ ނުކުމެ އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment