Advertisement

އިމްރާނާއި ސިޔާމް އަދިވެސް އެދެނީ ރައީސްގެ ކޯލިޝަނާ ގާސިމް ގުޅެން

4 ސެޕްޓެންބަރު 2023 - 10:51 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އަދާލަތު ޕާޓީގެ ރައީސް އިމްރާން (ކ), ރައީސް ސޯލިހު (މ) އަދި އެމްޑީއޭގެ ލީޑަރު ސިޔާމް (ވ). އިމްރާނާއި ސިޔާމް ވަނީ ގާސިމަށް ކޯލިޝަނުގައި ބައިވެރިވުމުގެ ދައުވަތު ދީފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އިމްރާނާއި ސިޔާމް އަދިވެސް އެދެނީ ރައީސްގެ ކޯލިޝަނާ ގާސިމް ގުޅެން

4 ސެޕްޓެންބަރު 2023 - 10:51 0

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވައި އެމްޑީޕީ، އެމްޑީއޭ، އަދާލަތު ކޯލިޝަނާ ގުޅިވަޑައިގަތުމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ދައުވަތު ދެއްވައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަން އެމްޑީޕީ އާއި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ހދ. މަކުނުދޫގައި ރޭ ބޭއްވި ޖަލްސާގައި ސިޔާމް ވިދާޅުވީ ގާސިމަށް ރަނގަޅުވާނީ ރައީސްގެ ކޯލިޝަނާ ގުޅުމުން ކަމަށެވެ. ރިޔާސީ އިންތިހާބަށް ވަކިން ނުކުންނަވައި ގާސިމް ކުރައްވާ މަސައްކަތް ސިޔާމް ސިފަކުރެއްވީ ފައިސާ އާއި ހަަކަތައިން ކުރާ އިސްރާފެއްގެ ގޮތުގަ އެވެ.

"ތިޔަ ކުރައްވަނީ ހަމަ ބޭކާރު މަސައްކަތްތަކެކޭ. ބޭކާރު ލާރިއޭ ތިޔަ ހަރަދުކުރައްވަނީ. ބޭކާރު އެނާޖީއޭ ތިޔަ ވޭސްޓު ކުރައްވަނީ. އެހެން ނުހައްދަވައި އަަޅުގަނޑުމެންނާ އެއްކޮށް އަންނާށޭ،" ގާސިމްއާ މުހާތަބުކުރައްވައި ރޭގެ ޖަލްސާގައި ސިޔާމް ވިދާޅުވި އެވެ.

ކުރީގެ ކެމްޕެއިން ޖަލްސާއެއްގައި ގާސިމް ސިފަކުރައްވާފައިވާ ގޮތުގައި ސިޔާމަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރި އެކެވެ. ރައީސްގެ އަރިހުގައި އުޅުއްވިޔަސް ސިޔާމް ވެސް ހަގީގަތުގައި ތާއީދުކުރައްވާނީ އޭނާއަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ގާސިމްގެ އެ ވާހަކަތައް ސިޔާމް ރޭ ދޮގުކުރެއްވި އެވެ.

"ގާސިމްއޭ ދޮގު ތިޔަވަރަށް ނުހައްދަވާށޭ. އަޅުގަނޑު މިއީ ދެފުށްކެހެރި މީހެއް ނޫން. އަޅުގަނޑު މިހުރީ ސީދާ އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި. އަަޅުގަނޑެއް ގައިމުވެސް އިބްރާހީމް މުހައްމަދު ސޯލިހު ދޫކޮށްލާފައި، މި ފަސް އަހަރަކު އިރާދަކުރެއްވިއްޔާ އެއްވެސް ތަނަކަށް ނުދާނަން،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމްގެ އެވާހަކައަށް ބާރު ދެއްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ގާސިމަށް ދައުވަތު ދެއްވީ ކޯލިޝަނާ ގުޅިވަޑައިގެންނެވުމަށެވެ. މި އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހޯއްދަވާ ވޯޓުގެ އަދަދާ ގާތްކުރާ އަދަދެއްގެ ވޯޓު ހޯއްދެވޭނެ ކެންޑިޑޭޓަކު ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ސިޔާމަށް ހަމަ ތަބާވަން. އަޅުގަނޑުމެންގެ އަޚު ގާސިމް އިބްރާހީމަށް ހަމަ ދަންނަވަން، އަދިވެސް އެބަ އޮތޭ ހަދުވަސް، އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާށޭ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން އިސްކޮށް ހުންނެވި އަދާލަތު ޕާޓީއަކީ ގާސިމްގެ ޖޭޕީއާ ކުރިން ގާތް ގުޅުމެއް އޮތް ޕާޓީ އެކެވެ. ރާއްޖޭގައި ބޭއްވި ފުރަތަމަ މަލްޓިޕާޓީ ރިޔާސީ އިންތިހާބު 2008 ވަނަ އަހަރު ބޭއްވި އިރު އަދާލަތު ޕާޓީ އޮތީ ޖުމްހޫރީޕާޓީއާ އެކު ކޯލިޝަނެއްގަ އެވެ. އެމްޑީޕީގެ ގުޅިފައިވާ ކޯލިޝަނަށް، އެ އިންތިހާބުގެ ދެ ވަނަ ބުރުގައި އަދާލަތު އައީ އެ ހައިސިއްޔަތުންނެވެ.