Advertisement

ކޮރަޕްޝަން މައްސަލައެއްގައި ޔޫކްރެއިންގެ ބިލިއަނަރަކު ހައްޔަރުކޮށްފި

3 ސެޕްޓެންބަރު 2023 - 12:51 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އައިހޯރް ކޮލޮމޮއިސްކީ. -- ފޮޓޯ: ރޮއިޓާޒް


ކޮރަޕްޝަން މައްސަލައެއްގައި ޔޫކްރެއިންގެ ބިލިއަނަރަކު ހައްޔަރުކޮށްފި

3 ސެޕްޓެންބަރު 2023 - 12:51 0

ހިޔާނާތާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ޔޫކްރެއިންގެ އެންމެ ބޮޑު އެއް މަހުޖަނު ދެ މަސް ދުވަހަށް ބަންދުކޮށްފި އެވެ.

އައިހޯރް ކޮލޮމޮއިސްކީއަށް ތުހުމަތު ކުރެވެނީ އޭނާ ކޮންޓްރޯލް ކުރާ ބޭންކުތައް މެދުވެރިވެގެން ހަތް އަހަރު މަތިން 14 މިލިއަން ޑޮލަރު ގައުމުން ބޭރުކުރި ކަމަށެވެ.

އޭނާގެ ވަކީލުން ބުނީ ކަފާލާތަށް ނޭދޭނެ ކަމަށާއި އެހެން ނަމަވެސް ކޯޓު އަމުރު އިސްތިއުނާފަށް ހުށަހަޅާނެ ކަމަށެވެ.

ޔޫކްރެއިނުން ކޮރަޕްޝަނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނުގެ ތެރެއިން ގިނަ އަދަދެއްގެ މަހުޖަނުންނާއި އިސްވެރިންނަށް އަމާޒުކޮށްފައިވެ އެވެ.

ހޮނިހިރު ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވީ ގާނޫނަށް ވުރެ މަތީގައި އުޅެ ކޮރަޕްޝަން ހިންގި މީހުންނަށް ދެން ސަލާމަތް ނުވެވޭނެ ކަމަަށެވެ.

ޒެލެންސްކީގެ އެންމެ ބޮޑު އެއް ވައުދަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ފަދަ ޖަމިއްޔާތަކުގެ މެމްބަރުކަން ހޯދަން ޔޫކްރެއިނުން ކުރާ މަސައްކަތުގައި ވެސް ކޮރަޕްޝަނާ ދެކޮޅަށް ބޮޑަށް ހަރަކާތްތެރިވުން މުހިއްމެވެ.

ކޮލޮމޮއިސްކީއާ ދެކޮޅަށް މީގެ ކުރިން ވެސް މައްސަލަތައް ބަލާފައިވެ އެވެ. އެމެރިކާއން 2021 ވަނަ އަހަރު އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި އެވެ. އެހެން ނަމަވެސް އޭނާ ވަނީ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ކޮލޮމޮއިސްކީއަކީ ޔޫކްރެއިންގެ މީޑިއާ، ތެޔޮ އަދި ބޭންކިން އިންޑަސްޓްރީގައި އުޅޭ މަހުޖަނެކެވެ. ޒެލެންސްކީ އެކްޓަރަކަށް އުޅުއްވި އިރު، އޭނާގެ މަގްބޫލް ސީރީޒް "ސާވަންޓް އޮފް ދަ ޕީޕަލް" ދެއްލީ ކޮލޮމޮއިސްކީގެ ޗެނަލުންނެވެ.

ޒެލެންސްކީ ރައީސްކަމަށް ކެމްޕެއިން ކުރެއްވީ ކޮލޮމޮއިސްކީގެ އެހީތެރިކަމާ އެކު އެވެ. އެހެންވެ، ޒެލެންސްކީ އާއި ކޮލޮމޮއިސްކީއާ ގުޅުންތަކެއް އޮންނަ ކަމަށް ތުހުމަތުކުރެވެ އެވެ. އެކަމަކު ސަރުކާރުން ބުނީ އޭނާގެ އެއްވެސް ނުފޫޒެއް ސަރުކާރުގައި ނެތް ކަމަށެވެ.