2 ސެޕްޓެންބަރު 2023 - 08:20 0
އިސްމާއީލް އަޒްމީން
އިއްޔެ ކުރިއަށްދިޔަ މިކްސް ޑަބަލްްސް މެޗުގެ ތެރެއިން ޒަޔާން އާއި ނަބާ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
2 ސެޕްޓެންބަރު 2023 - 08:20 0
މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލުން ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) ޖާގަ ހޯދިއިރު، އަންހެން ޑަބަލްސްގެ ނަބާހާ އާއި އާމިނަތު ނަބީހާގެ ޕެއާ ޖާގަ ހޯދައިފި އެވެ.
މި އަހަރުގެ އައިއޯއައިޖީގައި ބެޑްމިންޓަން ޓީމުން ހުކުރުދުވަހާ ހަމައަށް ދެ ރިހި މެޑަލް ހޯދި އެވެ. އެއީ އަންހެން ޓީމް އިވެންޓުންނާއި ފިރިހެން ޓީމް އިވެންޓުންނެވެ. ހުކުރު ދުވަހު ކުރިއަށްދިޔަ އިންޑިވިޖުއަލް އިވެންޓުތަކަށްފަހު ތިން ބްރޯންޒް މެޑަލް ހޯދައި އިތުރު ދެ ރަން މެޑަލް ހޯދުމުގެ ފުރުސަތު ހޯދި އެވެ.
ރަން މެޑަލް ހޯދުމުގެ ފުރުސަތު ހޯދީ އަންހެން ސިންގަލްސް އަދި އަންހެން ޑަބަލްސް އިންނެވެ. ދެ ފައިނަލް އޮންނާނީ މިއަދު ހެނދުނު ސެޝަންގަ އެވެ.
އަންހެން ސިންގަލްސް ފައިނަލުން ޖާގަ ހޯދީ ނަބާހާ އެވެ. އޭނާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި މޮރީޝަސްގެ ލޯމާ ބޮދާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 21-8 އަދި 21-11 އިންނެވެ.
ނަބާހާ ސެމީ ފައިނަލުގައި ނުކުންނާނީ މޮރީޝަސްގެ ކޭޓް ލޫޑިކްއާ ދެކޮޅަށެވެ. ކޭޓް ވަނީ ސެމީ ފައިނަލުގައި މިދިޔަ އަހަރުގެ ސިންގަލްސް ރަން މެޑަލް ހޯދި ރާއްޖޭގެ ނަބީހާ ބަލިކޮށްފަ އެވެ. މިމެޗުގެ ފުރަތަަ ސެޓު 21-13 އިން ނަބީހާ ކާމިޔާބުކުރިނަމަވެސް ޖެހިގެން އައި ދެ ސެޓު 21-14 އަދި 21-18 އިން ހޯދައި ކޭޓް ވަނީ ފައިނަލުން ޖާގަ ހޯދާފަ އެވެ. ސެމީ ފައިނަލުން ބަލިވުމުން ނަބީހާ މިއަހަރުގެ ސިންގަލްސް ނިންމާލަން ޖެހުނީ ބްރޯންޒް މެޑައްޔާއެކުގަ އެވެ.
ސިންގަލްސްގައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ނަމަވެސް އަންހެން ޑަބަލްސްގައި ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ ވަަނީ ފައިނަލުން ޖާގަ ހޯދާފަ އެވެ. މިގޮތުން ސެމީ ފައިނަލުގައި މޮރީޝަސްގެ ވިލީނާ އަޕިއާ އާއި ޓިއާ ބުރުތުން ސީދާ ދެ ގޭމުން ބަލިކޮށް ރާއްޖޭގެ ޕެއާ ވަނީ ފައިނަލުގެ ފުރުސަތު ހޯދާފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައިވެސް ނަބާހާ އާއި ނަބީހާގެ ޕެއާ ވާދަކުރި އެވެ. މިފަހަރުގެ ފައިނަލުގައި މި ދެ ކުޅުންތެރިން ނުކުންނާނީ މޮރީޝަސްގެ ކޮބީތާ ޑޫކީ އާއި ލޯނާ ބޮދާއާ ދެކޮޅަށެވެ.
ހުކުރު ދުވަހު ކުރިއަށްދިޔަ އެހެން އިވެންޓްތަކަށް ބަލާއިރު މިކްސް ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލުގައި ވާދަކޮށް ނަބާހާ އާއި ހުސައިން ޒަޔާން ޝަހީދު ޒަކީގެ ޕެއާއަށް ވަނީ ނާކާމިޔާބާ ކުރިމަތިވެފަ އެވެ. މި ދެ ކުޅުންތެރިން ބަލިވީ މޮރީޝަސްގެ ކޭޓް އާއި ޖޫލިއަން ޕޯލްގެ ޕެއާ އަތުންނެވެ. ސެމީގައި ބަލިވެ ޒަޔާން އާއި ނަބާހާއަށް ލިބުނީ ބްރޯންޒް މެޑަލް އެވެ.
ފިރިހެން ސިންގަލްސް އަށް ބަލާއިރު ނިބާލް އަހުމަދު ވަނީ ރަނގަޅު ވާދައެއްކޮށް ބްރޯންޒް މެޑަލް ހޯދާފަ އެވެ. ނިބާލް ސެމީ ފައިނަލުގައި ބަލިވީ މުބާރާތުގެ އެއްވަނައަށް ސީޑުކުރެވިފައިވާ މޮރީޝަސްގެ ޖޫލިއެން ޖީ ޕޯލް އަތުންނެވެ.
ކުއާޓާ ފައިނަލުގައި ނިބާލް މޮޅުވީ މޮރީޝަސްގެ ކެމްޓިސް ނަންދާ އަތުން ސީދާ ދެ ގޭމުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-19 އަދި 21-15 އިންނެވެ.
ފިރިހެން ސިންގަލްސްގައި މިއަހަރު ރަނގަޅު ނަތީޖާތަކެއް ނެރުނު ގައުމީ ޗެމްޕިއަން ހުސައިން ޒަޔާން ކެޓީ ކުއާޓާ ފައިނަލުންނެވެ. އޭނާ ކުއާޓާގައި ބަލިވީ މޮރީޝަސްގެ ލޫކަސް ޑޫޝް އަތުން ސީދާ ދެ ގޭމުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-13 އަދި 23-21 އިންނެވެ.
Comment