1 ސެޕްޓެންބަރު 2023 - 10:35 0
މުހައްމަދު ނަސީމް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އުފަންރަށް ހިންނަވަރުގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި އެ މަނިކުފާނު ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްޑީޕީ
1 ސެޕްޓެންބަރު 2023 - 10:35 0
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އުފަން ރަށް، ޅ.ހިންނަވަރާމެދު ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ، އެރަށުގެ ހާލަތު ބަދަލުުކުރަން ހިންގަވާނެ ކަމަށް ވިދާޅުވާ މަޝްރޫއުތަކުގެ ލިސްޓެއް ރޭ ދެއްވައިފި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން އެމްޑީޕީއާއި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ހިންނަވަރުގެ އާބާދީގައި (އެ ރަށުގެ ރަޖިސްޓްރީގައި) 5،000 އަށް ވުރެ ގިނަ މީހުން ތިބި ނަމަވެސް އޭގެ ތެރެއިން 3،000 މީހުން އުޅެނީ ރަށުން ބޭރުގައި ކަމަށެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަން ލިބެން ނެތުމާއި އެނޫން އެތައް ކަމަކުން ރަށުގައި އުޅެވެން ނެތިގެންނެވެ.
ހިންނަވަރުގައި އޮތް ޖާގައިގެ ދަތިކަމުގެ މިސާލެއްގެ ގޮތުގައި ރައީސް ސޯލިހު ދެއްކެވީ އެމަނިކުފާނުގެ އާއިލީގެ، ނޫރާނީއާގެ އެވެ.
"މިއިން ގެއެއް ބަހަން ވެއްޖެއްޔާ މީހަކަށް ނުލިބޭ 100 އަކަފޫޓު ވެސް. ޚުދު އަޅުގަނޑުމެންގެ އަމިއްލަ ގެ ބެހިޔަސް ކުއްޖަކަށް ނުލިބޭނެ 200 އަކަފޫޓް ވެސް. ކިހިނެތްތޯ އެތަންތަން ހަދާނީ؟" ރައީސް ސުވާލު ކުރެއްވި އެވެ.
ހިންނަވަރުގެ އެ ހާލަތު ބަދަލުކުރުމަށް ޓަކައި އެރަށަށް ބިން އިތުރުކޮށްދެއްވަން އެމަނިކުފާނު ވައުދުވެވަޑައިގެންނެވި އެވެ. އެގޮތުން އިތުރުކުރާ ބިމުގައި ފްލެޓް ނުވަތަ ރޯހައުސް އަޅަން ވެސް ވައުދުވެފަޑައިގެންނެވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން މަސައްކަތްތައް ކުރަމުން އަންނަނީ ރަށްރަށަށް ބޭނުންވާ ކަންތައްތައް އެނގިގެންނެވެ. ރަށްފުށުގެ ދިއިރުޅުން ކުރީއްސުރެ އޮތް ދަތި ގޮތް، އަމިއްލަފުޅަށް ތަޖުރިބާ ކުރައްވާފައި ވުމަކީ އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ރަށްރަށަށް ބޭނުންވާ ކަންތައްތައް އެނގިވަޑައިގެންނެވި ސަބަބެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ސިޔާސަތުތައް ކުރިއަށް އޮތް ދައުރުގައި ތަންފީޒުކޮށް ނިމޭ އިރު، މި ދެންނެވި ތަފާތުތައް [ތަރައްގީގެ ގޮތުން ރަށްތަކުގެ މެދުގައި އޮތް ތަފާތުތައް] މުޅި ރާއްޖެއިން ނައްތައިލެވި، މިއިން ކޮންމެ ރަށަކީ އަނެއްކާ ވެސް ދިރިއުޅެން ރަނގަޅު، އުފާވެރި، ހަމަޖެހޭ، އާއިލާއާ އެކު އުޅެވޭ ރަށަކަށް އަނެއްކާ ވެސް އަަޅުގަނޑުމެންނަށް ބަދަލުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
Comment