31 އޮގަސްޓު 2023 - 23:58 0
މުހައްމަދު ނަސީމް
އެމްޑީޕީން މިރޭ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަަދަދު
31 އޮގަސްޓު 2023 - 23:58 0
އެ މަނިކުފާނުގެ ސިޔާސަތުތައް ތަންފީޒުކޮށް ނިމޭއިރު، ރާއްޖޭގެ ކޮންމެ ރަށެއް ވާނީ ދަތިތައް ފިލައި، ދިރިއުޅެން ރަނގަޅު ރަށަކަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަން ރައީސްގެ އުފަން ރަށް، ޅ.ހިންނަވަރުގައި މިރޭ ބޭއްވެވި ޖަލްސާގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން މަސައްކަތްތައް ކުރަމުން އަންނަނީ ރަށްރަށަށް ބޭނުންވާ ކަންތައްތައް އެނގިގެންނެވެ. ރަށްފުށުގެ ދިއިރުޅުން ކުރީއްސުރެ އޮތް ދަތި ގޮތް، އަމިއްލަފުޅަށް ތަޖުރިބާ ކުރައްވާފައި ވުމަކީ އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ރަށްރަށަށް ބޭނުންވާ ކަންތައްތައް އެނގިވަޑައިގެންނެވި ސަބަބެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ސިޔާސަތުތައް ކުރިއަށް އޮތް ދައުރުގައި ތަންފީޒުކޮށް ނިމޭ އިރު، މި ދެންނެވި ތަފާތުތައް [ތަރައްގީގެ ގޮތުން ރަށްތަކުގެ މެދުގައި އޮތް ތަފާތުތައް] މުޅި ރާއްޖެއިން ނައްތައިލެވި، މިއިން ކޮންމެ ރަށަކީ އަނެއްކާ ވެސް ދިރިއުޅެން ރަނގަޅު، އުފާވެރި، ހަމަޖެހޭ، އާއިލާއާ އެކު އުޅެވޭ ރަށަކަށް އަނެއްކާ ވެސް އަަޅުގަނޑުމެންނަށް ބަދަލުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހިންނަވަރު ކަހަލަ އާބާދީ ބޮޑު ރަށްތަކުގައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަަމަށާއި އެއީ އެ ރަށްތަކަށް ސަރުކާރުތަކުން އަޅައިނުލައި 30، 40 އަހަރު އޮތުމުން ކަންވީ ގޮތް ކަމަށެވެ.
ކުރީގައި ހިންނަވަރާއި އެހެން ބައެއް ރަށްތަކުގެ ހާލަތު އޮތް ގޮތް ސިފަކުރައްވަމުން އެމަނިކުފާނު އާކުރެއްވީ ތުއްޕުޅު ދުވަސްވަރު، ހިންނަވަރު މީހުންނާއި ދުވާފަރު މީހުން ބޯފެން ހޯދަން މަސައްކަތްކޮށް އުޅުނު ގޮތެވެ. އޭރުގައި ހިންނަވާއި ބ.ތުޅާދޫ އަދި އެހެން ބައެއް ރަށްތަކުގައި ބޯފެން ހޯދަން މަގުމަތީގައި ކުދިކުދި ވަޅުކޮންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ ބޯފެން ފޮދު ހޯދަން މިރަށްރަށުގެ މީހުން އުޅެން ޖެހުނު ގޮތް،" ރައީސް ވިދާޅުވި އެވެ.
ރަށްރަށަށް އަރައިފޭބުމާއި އެހެން އެތައް ކަމެއް ވެސް ހުރީ އެހާ ދަތިކޮށް ކަމަށާއި މީހުން އެކަން ހަނދާން ހުންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment