Advertisement

ސައުދީއާ ގުޅުން ރަނގަޅީ ޕީޕީއެމް، ހައްޖު ކޯޓާ އިތުރު ކުރަން އެދޭނަން: މުއިއްޒު

31 އޮގަސްޓު 2023 - 23:12 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ޅ. ނައިފަރު ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެން


ސައުދީއާ ގުޅުން ރަނގަޅީ ޕީޕީއެމް، ހައްޖު ކޯޓާ އިތުރު ކުރަން އެދޭނަން: މުއިއްޒު

31 އޮގަސްޓު 2023 - 23:12 0

ސައުދީ އަރަބިއްޔާ އާއި ޕީޕީއެމްގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، ރާއްޖެއަށް ކަނޑައަޅާ ހައްޖު ކޯޓާ އިތުރުކުރަން ހުށަހަޅާނެ ކަމަށް ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ތާއީދު ބޮޑު، ޅ. ނައިފަރުގައި މިރޭ ކުރިއަށް ގެންދިޔަ ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ގުޅުންތަކުން ގައުމަށް ލިބުނު ފައިދާތަކެއް ފެންނަން ނެތް ކަމަށެވެ. އޭގެ ބަދަލުގައި ފެންނަން އޮތީ ވަކި ގައުމަކާއެކު ވެވުނު އެއްބަސްވުންތަކުގެ ސަބަބުން މިނިވަންކަން ނެތި ދިޔުން ކަމަށެވެ. ނަމަވެސް ސައުދީގެ ރަސްގެފާނު ސަލްމާނާއެކު ރައީސް އަބްދުﷲ ޔާމީން ގާތް ގުޅުމެއް އޮތުމުގެ ސަބަބުން އޭރު މާލޭގައި ބިނާ ކުރި އިސްލާމީ މަރުކަޒުގެ އިތުރުން، ގިނަ ކުރިއެރުންތަކެއް ލިބިގެން ދިޔަ ކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖެ އަށް 1،000 ހައްޖު ކޯޓާ ކަނޑައަޅާފައި އޮތުމުން ތަނަވަސްކަން ހުރި މީހުންނަށް ވެސް، އަދި ހައްޖުގެ އަޅުކަމަށް ބޭނުންވާ މީހުންނަށް ގިނަ އަހަރުތަކެއް މަޑުކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑު މި ވަނީކީ ވައުދެއް ނޫން، ނަމަވެސް އަޅުގަނޑު އެ ކަމަށް މަސައްކަތް ކުރާނަން، ހައްޖުގެ ކޯޓާ 2،000 އަށް އިތުރުކުރުމަށް މަސައްކަތް ކުރާނަން، އެއަށް ވުރެ ވެސް އިތުރު ކުރުމަށް ދަންނަވައިގެން މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

"އެންމެނަށް ވެސް އެނގޭނެ ކިންގް ސަލްމާނާއި ރައީސް ޔާމީނާ ވެސް ވަރަށް ގާތް ގުޅުމެއް އޮތް، އެ ގުޅުން ދެން ވެސް ރަނގަޅު ވާނެ،"

ނައިފަރަކީ ވެސް އިލްމުވެރިިން ގިނަ ރަށެއްކަން ފާހަގަ ކުރެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ ގައުމުގައި ހުރި އިޖުތިމާއީ، އިގުތިސޯދީ ބޮޑެތި މައްސަލަތަކަށް އިލްމީ ދިރާސާތައް އިތުރުކުރަން ޖެހޭ ކަމަށެވެ. އެފަދަ ދިރާސާތައް އިތުރުކޮށް ގައުމުގެ އަމިއްލަ ފިކުރީ މުދާ އިތުރު ކުރުމަކީ އޭނާގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދެވޭނެ އެއް ކަންތައް ކަމަށެވެ.

ނައިފަރަށް ގިނަ ވައުދުތަކެއް

މުއިއްޒު ވިދާޅުވީ ނައިފަރު މީހުން ވެސް ކުރިއަށް އޮތް ފަސް އަހަރަށް ވަރަށް ގިނަ ކަންކަމަށް އެދެވޭ ސަބަބަކީ މިދިޔަ ފަސް އަހަރު ނައިފަރު މީހުން ބޭނުންވި ގިނަ ކަންކަން ހަމަނުޖެހި އޮތުން ކަމަށެވެ.

"ސަރުކާރުން ތިޔަ ބޭފުޅުންގެ ހައްގުތަކުގައި ކޮޅުފައިން ޖެހޭތީވެ ގިނަ ވެފައި ހުރި ކަންކަން، ކޮންމެ ރަށަކުން ވެސް އިވެނީ އެ ކަމުގެ ކަންބޮޑުވުން،" މުއިއްޒު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 6،000 އެއްހާ މީހުންގެ ރަޖިސްޓްރީއެއް އޮތް ނައިފަރުގައި ދިރިއުޅޭ އާބާދީ 4،000 އަށް އަރަ އެވެ. މުއިއްޒު ވިދާޅުވީ ރަށުގެ އާބާދީއަށް ތަކާނެ ފެނާއި ނަރުދަމާގެ ނިޒާމެއް ބޭނުންވާ ކަމަށެވެ. ފެނުގެ ނިޒާމު އަޕްގްރޭޑްކޮށް، ނަރުދަމާގެ ނިޒާމު ގާއިމުކުރާނީ ވެސް އެ ފެންވަރަށް ކަމަށް ވައުދުވެވަޑައިގަތެވެ.

"މި ރަށުން މި ފެންނަނީ އަދުލުވެރިކަން މިދިޔަ ފަސް އަހަރު ނެތް ކަން އެނގުނު ކަމަކީ، ފެނުގެ ނިޒާމު އަޕްގްރޭޑް ކުރަން ޖެހޭ، ނަރުދަމާގެ ނިޒާމު ގާއިމުކުރަން ޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުގައި އަޅާފައިވާ 100 ހައުސިން ޔުނިޓްކުގައި ދިމާވާ ކަރަންޓާއި ފެނުގެ މައްސަލައަށް ވެސް އޮތް ހައްލަކީ ކުދިކުދި މަރާމާތުތަކެއްގެ ބަދަލުގައި އެ ޔުނިޓްތަކަށް ވެސް ފެނާއި ކަރަންޓުގެ ވިއުގަ އަޕްގްރޭޑްކުރުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެ ފްލެޓްތަކުގެ ކުލި 5،000 ރ. އަށް އަރަ އެވެ. ފްލެޓްތަކުގެ މަޝްރޫއަށް ހިނގި ހަރަދާއި 20 އަހަރަށް އެ ހަރަދު ބަހާލާފައި ފައިދާގެ ނިސްބަތެއް އިތުރުކުރެވޭ ގޮތަށް ވެސް 3،500ރ. ގެ ކުލި ނަގާ ގޮތަށް ހަމަޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ނައިފަރު ކައުންސިލަކީ ޕީޕީއެމްގެ މެޖޯރިޓީ ކައުންސިލެކެވެ. އެ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭނަށް ސަރުކާރުން އަދި ހުއްދަ ދީފައި ނެތް އިރު އެ ޕްލޭނަކީ ވަރަށް ދުރަށް ވިސްނައި ރަނގަޅަށް ދިރާސާކޮށްގެން ތައްޔާރުކޮށްފައިވާ ފުރިހަމަ ޕްލޭނެއް ކަމަށް މުއިއްޒު މިރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ކައުންސިލްތަކަކީ ބާރުވެރިކޮށްދޭނެ ކައުންސިލްތަކެއް، ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ކަމެއް ވިއްޔާ ހިޔާލު ތަފާތަސް، ފިކުރު ތަފާތަސް ނުހުއްޓުވާނަން،" މިހާރު މާލޭގެ މޭޔަރު ކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދެ އަހަރާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު ހިމެނޭހެން ޖުމުލަ ހަތް އަހަރު ރާއްޖޭގެ ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވީ ނައިފަރު ކައުންސިލްގެ ޕްލޭނާ އެއް ގޮތަށް، 400 ޔުނިޓްގެ ހައުސިން މަޝްރޫއު ހިންގައިދޭނެ ކަމަށެވެ.

"ބިން އިތުރުކުރަން ޖެހޭ، ކައުންސިލްގެ ޕްލޭން ބަލާލައިފިން، އެއީ ވަރަށް ދުރު ރާސްތާ ވިސްނުންތެރި ޕްލޭނެއް، 45 ހެކްޓަރުގެ ބިން ހިއްކަން އެބަ އޮތް، އެއިން ވަރަށް ފުން އަށް ހެކްޓަރު ވެސް އެބައިން، އެ ކަން ވެސް ވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ނައިފަރުގައި އައިސް ޕްލާންޓަކާއި ބަނދަރު ބޮޑުކުރުމާއި، ދޯނި ފަހަރު އެހަލައި މަރާމާތު ކުރުމަށް ހިމެނޭ ސަރަހައްދު ހިއްކާ ބިމުން ލިބޭ އިތުރު ޖާގައިން ހަމަޖައްސައިދެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ފީފާ އެޕްރޫވްޑް ސްޓޭޑިއަމްއަކާއި، ސްޕޯޓްސް ކޮމްޕްލެކްސްއަކާއި، ނެޝަނަލް ޔުނިވާސިޓީގެ ކެމްޕަސްއަކާއި، އިސްލާމީ މަރުކަޒެއް ގާއިމު ކުރުމަށް ވެސް މުއިއްޒު ވައުދުވެވަޑައިގަތެވެ.