Advertisement

ގޮންޖެހުމަކަށް ވިޔަސް ހިންނަވަރުގެ މެޖޯރިޓީ މުއިއްޒުގެ އުއްމީދު އެބަ އޮތް

31 އޮގަސްޓު 2023 - 20:03 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒު ހިންނަވަރުގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ޕީޕީއެމް


ގޮންޖެހުމަކަށް ވިޔަސް ހިންނަވަރުގެ މެޖޯރިޓީ މުއިއްޒުގެ އުއްމީދު އެބަ އޮތް

31 އޮގަސްޓު 2023 - 20:03 0

ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ރަށް ޅ. ހިންނަވަރުން އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް މެޖޯރިޓީ ލިބޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް އަށް ދުވަސްވެފައިވާއިރު މުއިއްޒުގެ އިތުރުން ރައީސް ސޯލިހު ވެސް މިއަދު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ޅ. އަތޮޅުގަ އެވެ. މިއަދު ހަވީރު މުއިއްޒު ހިންނަވަރަށް އެރި ވަގުތު ރައީސް އުޅުއްވީ ޅ. އަތޮޅު ވެރިކަންކުރާ ނައިފަރުގަ އެވެ.

ހިންނަވަރު ޕީޕީއެމް ޖަގަހައިގައި ހުންނަވައި، ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ފުރަތަމަ ވެސް ފާހަގަ ކުރެއްވި ކަމަކީ ހިންނަވަރަކީ އަބަދުވެސް އެމްޑީޕީއަށް ބޮޑު ތާއީދެއް ދެމުންދާ ރަށަކަށްވާތީ އެ ރަށުން އޭނައަށް މެޖޯރިޓީ ހޯދުމަކީ ގޮންޖެހުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ މި ރަށުން މެޖޯރިޓީ ހޯދަން، އެއީ ވަރަށް ބޮޑު ޗެލެންޖެއް،" މާލޭގެ މޭޔަރުގެ މަގާމު ވެސް ފުރުއްވާ މުއިއްޒު ވިދާޅުވި އެވެ.

ހިންނަވަރަށް އުފަން ރައީސް ސޯލިހުގެ ސަރުކާރުގައި ވެސް އެ ރަށަށް ތަރައްގީގެ މާ ބޮޑު މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވިޔަސް ކުރިއަށް އޮތް އިންތިހާބަކީ ހަމައެކަނި ރަށަށް ބޭނުންވާ ކަންކަމަށް ވުރެ މުޅި ގައުމުގެ މަސްލަހަތު އިސްކުރަން ޖެހިފައިވާ އިންތިހާބެއް ކަމަށް ވިދާޅުވި އެވެ.

"ރަށުގެ ތަރައްގީއަށް ހުރި ކަންކަމުގެ އިތުރުން އިތުރު ކަންކަން ވެސް އެބަ ހުރި، އެކަމަކު އިސްކަން ދޭން ޖެހޭނީ ގައުމަށް ދިމާވެފައިވާ މި ހާލަތަށް،" އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސެނެޓުގެ ތާއީދާއެކު ނެރުއްވި ކެންޑިޑޭޓު މުއިއްޒު ވިދާޅުވި އެވެ.

ހިންނަވަރުގައި މިރޭ ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިންގެ ޖަލްސާއެއް ވެސް އޮންނާނެ އެވެ. މީގެ އިރުކޮޅެއް ކުރިން އެމަނިކުފާނު ރަށަށް ވަޑައިގަތުމުން ރަށުގެ މީހުން ވަނީ ހޫނު މަރުހަބާއެއް ވެސް ކިޔައިފަ އެވެ.

މުއިއްޒުގެ ކެމްޕެއިން ހަރަކާތްތައް މިރޭ އޮންނާނީ ނައިފަރުގަ އެވެ. އެ ރަށުގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވާން އޮތް އިރު އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކައުންސިލް އިންތިހާބުގައި ވެސް ނައިފަރުގެ މެޖޯރިޓީ ލިބުނީ ޕީޕީއެމަށެވެ.