31 އޮގަސްޓު 2023 - 14:38 1
ނިމާ ހަސަން
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޅ އަތޮޅުގައި; އިންތިހާބުގެ ވާދަވެރިކަން ސިފަކުރެއްވީ އެޕަލްއާއި އެންޑްރޮއިޑުގެ މިސާލުން -- ފޮޓޯ: އިޔާން/ އަދަދު
31 އޮގަސްޓު 2023 - 14:38 1
ސެޕްޓެމްބަރު 9ގައި ބާއްވަން ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގެ ވާދަވެރިކަން, އެޕަލްއާއި އެންޑްރޮއިޑް ފޯނުގެ މިސާލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފަ ކުރައްވައިފި އެވެ.
ކެމްޕޭނުގައި ޅ. އޮޅުވެރިފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ, އެޕަލްއާއި އެންޑްރޮއިޑުން ފޯނު އުފެއްދުމުގައި ގެންގުޅޭ ވާދަވެރިކަން މި އިންތިހާބުން ފެންނަމުންދާ ކަމަށެވެ. އެގޮތުން, އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުތައް ކުޑަކޮށް ބަދަލުކޮށްލައިގެން ވާދަވެރިން ވަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޔޫތު ވިންގު މެންބަރުން ކެމްޕޭން ސިފަ ކުރީ އެޕަލް ފޯނާއި, އެންޑްރޮއިޑްގެ ވާދަވެރިކަމުގެ ތެރޭގައި އުޅޭ އުޅުމުގެ ގޮތުގަ އެވެ. ރައީސް ވަނީ އެ މެންބަރުންނާ ހަވާލާދެއްވާ, އެޕަލްއާއި އެންޑްރޮއިޑްގެ ބައެއް މިސާލު ޖައްސަވާފަ އެވެ.
"އެޕަލްއިން ބުނާނޭ މިފަހަރު ތިމަންނަމެން ނެރޭ ފޯނުގައި ތިން ކެމެރާ އިންނާނޭ, ހަމަ ބުނާއިރަށް އެއް ހަފްތާ ފަހުން އެންޑްރޮއިޑުން ބުނާނޭ ތިމަންނަމެން ނެރޭ ފޯނުގައި ހަތަރު ކެމެރާ ބައިންދާނަމޭ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ހައުސިން ލޯނު ޕަސަންޓަށްވުރެ ކުޑަކޮށް ދޭނެ ކަމަށް ވައުދުވުމުން, ވާދަވެރިން ފަހަތުން އަރާ އެ ލޯނު ފަސް ޕަސަންޓަށްވުރެ ކުޑަކޮށްދޭން ވައުދުވި ކަމަށެވެ. އަދި ރޯދަ މަހުގެ ފަހު ދިހަ ދުވަސް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތް ހަދައިދޭން ވައުދުވުމުން, 10 ދުވަސް ބަންދު ކުރާން ވާދަވެރިން ވައުދުވެވަޑައިގެންނެވިކަން ރައީސް ފާހަގަކުރެއްވި އެވެ.
"ތި ބޭފުޅުން ފުންކޮށް ވިސްނާވަޑައިގަންނަވައްޗޭ, އެހެން ބޭފުޅުން ނިކުމެ ވަޑައިގެން އެވާ ވައުދުތަކާ ދޭތެރޭ. އެއްޗެއް ބުނާއިރަށް އެ ކުޑަކޮށް ބަދަލުކޮށްލާފައި ދެން ބުނަމުން މިގެންދަނީ." ރައީސް ވިދާޅުވި އެވެ.
ހައުސިން ލޯނާއި, ރޯދަ މަހުގެ ފަހު ދިހަ ދުވަހުގެ މިސާލުން ރައީސް ބަހުގެ ހަމަލާ އަމާޒު ކުރެއްވީ, ޕީއެންށީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށެވެ. އޭގެ އިތުރުން, ރައީސް ވަނީ އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމާއި, ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ވެސް ވެވަޑައިގެންނެވި ވައުދުތައް ފާހަގަކުރައްވާ ފާޑު ވިދާޅުވެފަ އެވެ.
ނާޒިމަށް ފާޑުކިއުން އަމާޒުކުރެއްވީ މި ސަރުކާރުގައި ހދ. މަކުނުދޫގައި 1600 މީޓަރުގެ އެއާޕޯޓެއް އަޅަން ސަރުކާރުން މަސައްކަތް ކުރަމުންދަނިކޮށް, އެރަށުގއި 1200 މީޓަރުގެ އެއާޕޯޓެއް އަޅަން ނާޒިމް ވައުދުވެވަޑައިގެންނެވުމުންނެވެ. އަދި, އިލްޔާސަށް ފާޑު ވިދާޅުވީ, ކުދި ވިޔަފާރިތަކަށް ރަހުނަކާ ނުލާ މި ސަރުކާރުން ލޯނު ދެމުން ދަނިކޮށް, އެކަން ކުރައްވާނެ ކަމަށް އޭނާ ވައުދުވެވަޑައިގެންނެވުމުނެންވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment