Advertisement

އެންޒޯގެ ޗެލްސީ އަށް ޖަހައިދިން ފުރަތަމަ ގޯލާ އެކު އެ ޓީމް ލީގު ކަޕްގެ ތިން ވަނަ ބުރަށް

31 އޮގަސްޓު 2023 - 11:54 0

ލަނޑު ޖެހުމަށް ފަހު ޗެލްސީގެ އެންޒޯ އުފާފާޅުުކުރަނީ.--- ފޮޓޯ: އޭއެފްޕީ


އެންޒޯގެ ޗެލްސީ އަށް ޖަހައިދިން ފުރަތަމަ ގޯލާ އެކު އެ ޓީމް ލީގު ކަޕްގެ ތިން ވަނަ ބުރަށް

31 އޮގަސްޓު 2023 - 11:54 0

ލަންޑަން (އޮގަސްޓް 31) - އާޖެންޓީނާގެ މިޑްފިލްޑަރު އެންޒޯ ފެނާންޑޭޒް ޗެލްސީ އަށް ޖަހައިދިން ފުރަތަމަ ގޯލާ އެކު އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް)ގެ ތިން ވަނަ ބުރުން ޗެލްސީ ޖާގަ ހޯދައިފި އެވެ.

ލީގު ކަޕްގެ ދެ ވަނަ ބުރުގައި އޭއެފްސީ ވިމްބަލްޑަން އާއި ޗެލްސީ ވާދަކުރި މެޗު 2-1 އިން ޗެލްސީ ކާމިޔާބުކުރީ ވިމްބަލްޑަން އިން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ދެ ގޯލު ޖަހައިދިގެންނެވެ.

މި މެޗުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީ އަކުން ޖޭމްސް ޓިލޭ ވިމްބަލްޑަން އަށް ޖަހައިދިންއިރު، ޗެލްސީ އިން ނަތީޖާ ހަމަހަމަކުރީވެސް ޕެނަލްޓީ އަކުންނެވެ. މި ގޯލު ޖަހައިދިނީ ނޯޑީ މަޑުއޭކޭ އެވެ. ޗެލްސީ މެޗުން މޮޅުވި ގޯލު އެންޒޯ ޖަހައިދިނީ މެޗުގެ 72 ވަނަ މިނެޓުގަ އެވެ. މިއީ، މިދިޔަ ޖެނުއަރީ މަހު 105 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ޗެލްސީ އަށް ބަދަލުވި ފަހުން އެންޒޯ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ލީގު ކަޕްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބާންލީ އިން ވަނީ 1-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ. ބޮޑު މޮޅެއް ހޯދައި، ބްލެކްބާން ރޯވާސް ތިން ވަނަ ބުރަށް ދަތުރުކުރިއިރު، ޕްރިމިއާ ލީގުގެ އެވަޓަން ވަނީ ޑޮންކަސްޓާ ރޯވާސްގެ މައްޗަށް 2-1 އިން ކުރި ހޯދާފަ އެވެ.

ލީގު ކަޕްގެ ތިން ވަނަ ބުރުގެ ގުރުއަތުލުން ރޭ ނަގާފައިވާއިރު، އެންމެ ފޯރިގަދަ ވާނެކަމަށް ބެލެވެނީ މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑް ތިން ވަނަ ބުރުގައި ވާދަކުރާ މެޗެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން، މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. އާސެނަލް އާއި ބްރެންޓްފޯޑް ވާދަކުރާއިރު، ޗެލްސީ އާއި ބްރައިޓަން ހޯވް އެލްބިއަން ވާދަކުރާ މެޗުވެސް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ.

އެހެން މެޗުތަކަށް ބަލާއިރު އެވަޓަން ނުކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ. ޕްރިމިއާ ލީގުގެ ފުލަމް ނުކުންނާނީ ނޯވިޗްއާ ދެކޮޅަށެވެ. ލިވަޕޫލް ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.