30 އޮގަސްޓު 2023 - 14:15 2
ނިމާ ހަސަން
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް; ނައިފަރާއި ހިންނަވަރު ގުޅާލުމަށް ވައުދުވެ ވަޑައިގެންނެވި -- ފޮޓޯ: ޖޭޕީ ޓްވިޓާ
30 އޮގަސްޓު 2023 - 14:15 2
ނައިފަރުން ފެށިގެން މަޑިވަރު އެއާޕޯޓާއި ސިނާސީ ރަށް ފެލިވަރާއި ގާއެރިފަރާ އެކު ހިންނަވަރާ ހަމައަށް ބްރިޖަކުން ގުޅާލުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.
ޅ.އަތޮޅަށް ކުރެއްވި ދަތުރުގައި މަޑުވަރު އެއާޕޯޓުގައި އިންނަވައި ގާސިމް ވިދާޅުވީ, އޭނާ ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ, ނައިފަރާއި, ހިންނަވަރު ދެމެދު އޮތް މަދިވަރާއި ފެލިވަރުގެ އިތުރުން ގޭރިފަރު ހިމެނޭހެން ބްރިޖަކުން ގުޅާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ރަށްތަށް ގުޅާލުމަކީ ބޮޑެތި ފަސޭހަތަކާއެކު އިގްތިސޯދީ ކުރިއެރުން ވެސް ލިބޭނެ ކަމެކެވެ.
"ހިންނަވަރަށް ދެވުނު ނަމަ އަޅުގަނޑު ވިސްނައިގެން ހުރީ ހިންނަވަރުން ފެށިގެން ނައިފަރާ ދޭތެރޭ މިއޮތް މަޑިވަރާއި, ފެލިވަރާއި, ގާއެރިފަރާއި [ގުޅާލުން]. ދެން ކޮންމެ ގޮތެއް ވިޔަސް ކުޑަ ކަނޑުއޮޅިއެއް އެބަހުރި. ގާތްގަނޑަކަށް 300 މީޓަރު އެއް ފަޅު އަނެއް ފަޅާ ދޭތެރޭ ހުންނަނީ. އެންމެ ދިގު ދޭތެރޭ ވެސް ހުރީ 500 މީޓަރު. އަޅުގަނޑުގެ ވެރިކަމެއްގައި މިތަން އެއްކޮށް އަޅުގަނޑު ބްރިޖުން ގުޅާލަދޭނަން." ނައިފަރުގައި ހުންނަވާ ގާސިމް ވިދާޅުވި އެވެ.
ހިންނަވަރާއި ނައިފަރު, ދެމެދު ހުރި ރަށްތައް ހިމެނޭހެން ގުޅާލުމުން, އެ ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑެތި ފަސޭހަތަކެއް ވާއިރު, މާބޮދު ހަރަދުތަކެއް އެކަމަށް ނުދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން ތަރައްގީއާއި, އިގްތިސޯދަށް ވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.
އެ ސަރަހައްދުގެ އާބަން ޑިވެލޮޕްމަންޓަށް ކުރިއެރުން ލިބޭނެކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އެ ރަށްތައް ގުޅާލުމުން އެ ސަރަހައްދު ސިޓީއަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ޅަވިޔަނި އަތޮޅުގެ މި ރަށްތަކަކީ ބޮޑު ފަޅުތަކެއް އޮންނަ ރަށްތަކަށް ވާތީ, ބްރިޖު އެޅިޔަސް ކުރިއަށް އޮތް މުސްތަގުބަލުގައި ހިއްކަން ޖެހިއްޖެއްޔާ, ހިއްކާ ބޮޑު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
ނައިފަރާއި ހިންނަވަރު ގުޅާލުމަކީ 2018 ވަނަ އަަހަރު, ޖުމްހޫރީ ޕާޓީ ހިމެނޭހެން އުފެއްދި ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވައުދުވެވަޑައިގެންނެވި ކަމެކެވެ. ނަމަވެސް ނައިފަރާއި ހިންނަވަރު ގުޅާލާނީ ކޯސްވޭ އަކުން ކަމެއް ނުވަތަ ބުރިޖަކުން ކަމެއް އޭރު ހާމައެއް ނުކުރައްވަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment